އަލީ ވަހީދު ފުރުވާލީ ސަރުކާރުން ބިރުން: އުމަރު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލައިގެ ޝަރިީއަތް ފެށިފައި ވަނިކޮށް އޭނާ ބޭރަށް ފުރުވާލީ މި ސަރުކާރުގެ ވެރިން އޭނާ ދެކެ ބިރުގަންނާތީ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. "ސަން" އާ ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ މި ސަރުކާރުގެ އިސްވެރިންގެ ކަރުގައި މަޅިއެއް އެޅޭ ޒާތުގެ މައުލޫމާތެއް އަލީ ވަހީދު އަތުގައި ހުރީކަން އޭނާއަށް ކަށަވަރުވާ ކަމަށެވެ. "ޝައްކެއް ނެތް. ސަރުކާރުގެ އިސްވެރިން ކަރުގައި ކޮންމެވެސް މަޅިއެއް އެޅޭ ކަހަލަ މައުލޫމާތެއް އޭނާ އަތުގަ ހުރީ. ޔާގީން އެމީހުން ކޮންޕްރޮމައިޒް ވާކަހަލަ މައުލޫމާތެއް, ޗެޓް ލޮގެއް ނޫނީ ވީޑިއޯއެއް އެކަހަލަ ކޮންމެވެސް އެއްޗެއް އޮތީ. އެހެން ނޫންނަމަ އެވަރަކަށް އެކަމެއް ނުކުރާނެ އިނގޭތޯ،" އުމަރު ނަސީރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ ގިނަ އަދަދެއްގެ އަންހެނުންނަށް ޖިންސީ ފުރައްސާރަކުރި މީހަކު ދިފާއު ކުރަން ސަރުކާރުގެ އެންމެ މަތިން ރައީސުލްޖުމްހޫރިއްޔާއާ ހަމައިން ފެށިގެން މަސައްކަތް ކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ މި ސަރުކާރުގެ ތެރެއިން ފެނިގެން ދަނީ ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ ކޯޓު ތަކުގައި ހިންގާ ޝަރީއަތްތަކުގައި ސިޔާސީ ކުލަ ޖެހެމުންދާ މަންޒަރު ކަމަށެވެ. އަދި އަލީ ވަހީދުގެ މައްސަލަ ބަލާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުގެ މައްސަލަތަކެއް ޖޭއެސްސީގައި ވާ ކަމަށާއި ނަމަވެސް އެކަންކަންވެސ ްމިހާރު ނުބަލާކަމަށް އުމަރު ބުންޏެވެ. "މިހާރު އެ މައްސަލަތަކެއް ނުބަލާ. އެ މައްސަލަތައް ހުރީ ޕާކު ކޮށްފަ. އެހެންވީމަ ފަނޑިޔާރަކަށް ހުރި މީހާ މި ފެންނަނީ ސަރުކާރުން ބުނާ ގޮތަކަށް އޭނާގެ ހުކުމްތައް ނެރޭ މަންޒަރު،" އުމަރު ވިދާޅުވިއެވެ. މިނިސްޓްރީގެ ގިނަ އަންހެން މުއައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް ދައުވާ އުފުލާފައިވަނިކޮށް އޭނާ ބޭސްފަރުވާއަށް އިނގިރޭސިވިލާތައް ދިޔައީ ކޯޓުގެ އިޒުނައާ އެކުއެވެ. ނަމަވެސް ބޭސްފަރުވާއަށް ދިން މުއްދަތު ހަމަވުމުންވެސް އަލީ ވަހީދު އަނބުރާ ރާއްޖެ އައިސްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ