ސުޕްރީމް ކޯޓަށް ދެ ބޭފުޅަކު އައްޔަން ކުރައްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް މިއަދު ދެ ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ.ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ރައީސް ޢައްޔަންކުރެއްވި ދެ ބޭފުޅުންނަކީ، އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނާއި، ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ.މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުންނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގެ ހުވައި ލައިދެއްވީ، އުއްތަމަފަނޑިޔާރު އަހްމަދު މުއުތަސިމް އަަދުނާނެވެ.ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި ޢަލީ ރަޝީދު ހުސައިން އެންމެ ފަހުން އަދާކުރެއްވީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ މަގާމެވެ. މީގެ އިތުރުން ސިވިލް ކޯޓުގެ އިސް ގާޒީކަމާއި، ޑްރަގު ކޯޓުގެ ގާޒީކަން ވެސް ކުރެއްވި އެވެ.ޑޮކްޓަރ މުހައްމަދު އިބްރާހީމް، އެ މަނިކުފާނުގެ ޑޮކްޓަރޭޓް އޮފް ފިލޯސޮފީ ޙާޞިލުކުރައްވާފައި ވަނީ އިސްލާމިކް ކޮމަޝަލް ލޯގެ ދާއިރާއިން މެލޭޝިއާގެ ޔުނިވަރސިޓީ އޮފް މަލާޔާއިންނެވެ.އެ މަނިކުފާނަކީ ޕްރިމިއަރ ޗެމްބާރސްގެ ޕާޓްނަރެއްގެ އިތުރުން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) ގެ ކައުންސިލް މެންބަރުކަމާއި، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗް.ޑީ.އެފް.ސީ) ގެ ޝަރީޢާ ކޮމިޓީގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ