ހައިކޯޓުން ބަލައިނުގަންނަ މައްސަލަތައް ސުޕްރީމް ކޯޓުން ބަލާ އިޖުރާއަތަށް ލުޔެއް

ހައިކޯޓަށް އިސްތިއުނާފު ކުރަން ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ބަލައިނުގަންނަން އެ ކޯޓުން ނިންމާ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާ އިޖުރާއަތަށް ސުޕްރީމް ކޯޓުން އިއްޔެ ބަދަލުގެނެސްފި އެވެ. ހައިކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅާ މައްސަލަތައް ބަލައިނުގަތުމަށް އެ ކޯޓުން ނިންމާ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މީގެ ކުރިން އެކަމާ މެދު ގޮތެއް ނިންމަނީ އިޖުރާއީ އަޑުއެހުމެއް ބާއްވާފަ އެވެ. އެހެންނަމަވެސް، އިއްޔެ އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ސޮއި ކުރައްވައި ނެރުއްވި ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ސްޓޭޓްމަންޓުގައި ވަނީ އެ އިޖުރާއަތް ބަދަލުކޮށްފަ އެވެ. އެ ޕްރެކްޓިސް ސްޓޭޓްމަންޓުގައިވާ ގޮތުން ދެން އެފަދަ މައްސަލަތަކަކީ ކޮންމެހެން އަޑުއެހުމެއް ނުބާއްވައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނިންމިދާނެ މައްސަލައެއް ނަަމަ، އެފަދަ މައްސަލަތަކުގައި އަޑުއެހުމެއް ނުބާއްވައި، އިޖުރާއީ ގޮތުން ސުޕްރީމް ކޯޓުން ބަލައި ނިންމިދާނެ ކަމަށެވެ. އެ މައްސަލައެއް ހައިކޯޓުން ބަލައިގަނެ ހިންގަން ޖެހޭ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި ނަމަ، ސުޕްރީމް ކޯޓުން އެގޮތަށް ކަނޑައަޅައި، އިސްތިއުނާފު ކުރާ ފަރާތަށް އެކަން އަންގާތާ 10 ދުވަހުގެ ތެރޭގައި އެ ފަރާތަކުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅަންް ވާނެ ކަމަށް އިއްޔެ ސުޕްރީމް ކޯޓުން ނެރުނު ޕްރެކްޓިސް ސްޓޭޓްމަންޓުގައިވެ އެވެ. އެ މުއްދަތުގެ ތެރޭގައި މައްސަލަ ހުށަނާޅައިފި ނަމަ އެ މައްސަލަ ބަލައިނުގަތުމުގެ އިހުތިޔާރު ހައިކޯޓަށް ލިބިގެންވާ ކަމަށްވެސް ސުޕްރީމް ކޯޓުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ