މެންބަރު ޝިފާއު ޑރ. ނިޔާފަށް: ހަޖަމު ނުވާ މީހުން އުޅޭ ދޯ

ސިއްހީ ކުއްލި ނުރައްކަލެއްގެ ހާލަތުގެ ސަބަބުން މިސްކިތްތައް ހުއްޓުވޭ ހާލަތައް ދާނަމަ ރައްޔިތުންގެ މަޖިލިސް ހުއްޓުވެން ޖެހޭނެ ހާލަތައް ނުދާންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ޑރ.އަލީ ނިޔާފް ވިދާޅުވުމުން ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ޑރ. ނިޔާފަށް ފާޑު ވިދާޅުވެއްޖެއެވެ.
ސިއްހީ ނުރައްކަލެއް އިއުލާނުކޮށް ނެރޭ ގަރާރު 48 ގަޑިއިރުތެރޭ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ހަދަން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލަށް މަޝްވަރާ ހޯދުމަށް ރޭ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންބައްޔެއް ފެތުރެމުންދާ ހާލަތެއްގައި، ސަލާމަތީ ކަންކަން ނެތް ތަނެއްގައި އެއްވެސް ބަޔަކަށް ބައްދަލުވުމެއް ނުބޭއްވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"މިސްކިތެއް ހުއްޓުވޭ ހާލަތަކަށް އަޅުގަނޑުމެންނަށް ދެވެންޏާ ރައްޔިތުންގެ މަޖިލިސް ހުއްޓުވޭނެ ހާލަތަކަށް ނުދާންވީ އެއްވެސް ސަބަބެއް ނެތް، ބައްޔެއް ފެތުރެމުންދާ ހާލަތެއްގައި، ސަލާމަތީ ކަންކަން ނެތް ތަނެއްގައި އެއްވެސް ބަޔަކަށް ބައްދަލުވުމެއް ނުބޭއްވޭނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ." ޑރ.އަލީ ނިޔާފް ވިދާޅުވިއެވެ.
ޑރ. ނިޔާފް ވިދާޅުވީ އެޕިޑެމިކެއް ޕެންޑެމިކަކަށް ބަދަލުވެ، މުޅި ދުނިޔޭގައި އެ ބަލިމަޑުކަން ފެތުރެމުން ދާއިރު ޑޮކްޓަރުންނާއި އެކަމާ ހަވާލުވެ ތިިބި މީހުންނަށް ބާރު ނުފޯރާ ވަރުގެ ޕޮއިންޓުތަކެއް ބިލުގައި ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"މިސާލަކަށް ބުނަންޏާ ސިކުނޑިއަށް ލޭކޮޅެއް އަތުވެއްޖެއްޔާ އެއަށް ފަރުވާ ކުރާނެ ގޮތް އިނގޭނީ ނާރުގެ އޮޕަރޭޝަން ޑޮކްޓަރަކަށް ނޫނިއްޔާ ނާރުގެ ބޭސްފަރުވާ ކުރާ ޑޮކްޓަރަކަށް. އެންމެ ބޮޑަށް،" ޑރ.އަލީ ނިޔާފް ވިދާޅުވިއެވެ.
ޑރ. ނިޔާފަށް ފާޑު ވިދާޅުވެ މެންބަރު ޝިފާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަޔަކު ގައުމީ ހިދުމަތުގައި ތިބުމުން ހަޖަމު ނުވާ މީހުންވެސް އުޅޭ ކަމަށެވެ.
"ހާދަ ވަރަކަށް މަޖިލިސްއާ އަޅައިގަނެގެން. ބަޔަކު ގައުމީ ހިދުމަތުގައި ތިބީމަ ވެސް ހަޖަމު ނުވާ މީހުން އުޅޭ ދޯ،"
ޑރ.އަލީ ނިޔާފް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ މެޑިކަލް އެސޯސިއޭޝަން ތަމްސީލް ކުރެއްވުމުގެ ގޮތުންނެވެ. ޑރ.އަލީ ނިޔާފްއަކީ ދިވެހިރާއްޖޭގެ ފުރަތަމަ ނިއުރޯސާޖަންއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ