ދީނަށް ފުރައްސާރަކުރާ ފަރާތްކަށް ހަރުކަށި ފިޔަވަޅު އަޅަން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.
ޖޭޕީގެ ލީޑަރު މިފަދައިން ގޮވާލެއްވީ އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ގާސިމް ކުރެއްވި ޓްވީޓުގައި ވަނީ މިހާރަކަށް އައިސް މާތްﷲ ވޮޑިގެން ނުވާ ކަމަށް ބުނަމުން ދިޔުމާއި، ރަސޫލާއަށް ތަފާތު ގޮތްގޮތަށް ދިމާކޮށް އެކި ކަހަލަ މަލާމާތްކޮށް ފާޅުގައި މި ގައުމުގައި ކިޔަމުން ގެންދާކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މީގެ ކުރިންވެސް ވަނީ ދީނަށް ފުރައްސާރަކުރާ މައްސަލައަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާފައެވެ. އެގޮތުން ދިވެހިން ސަމާލުކަންދޭންޖެހޭ މައިގަނޑު ހަތަރުފަސް ކަމެއް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން ދިވެހި ގައުމުގެ އަމާންކަން ދަމަހައްޓައި ރައްޔިތުންގެ އެކުވެރިކަން ހިފަހައްޓައި ގައުމަށް ކުރިއެރުމާއި ތަރައްގީ ގެނައުމުގެ ދަތުރު ހަލުވި ކުރެވޭނީ ގައުމާއި ދީނަށްޓަކައި ވިސްނައި ފިކުރުކޮށް އިސްލާހުގެ މަގު އިޚުތިޔާރުކޮށްގެން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަކީ މުހިއްމުކަމެއް ކަމަށާއި ބައިނަލްއަގުވާމީ ވިޔުގަތަކުގެ ތެރެއިން ދިވެހިން ބޭރުދުނިޔެއާ ކުރާ މުއާމަލާތްތަކުގައި ދިވެހިރާއްޖޭގެ އިސްތިގުލާލަށް ބުރުލެއްއަރައިފާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދިމަކީ އެމަނިކުފާނުގެ އިލްތިމާސެކެވެ.
ދީނަށް ފުރައްސާރަކުރާ ފަރާތްކަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ