ޕީޕީއެމުން މާކުރިން ވަކިވެފައިވާ މެމްބަރުންތަކެއް އަލުން ވަކިކޮށްފައިވާ ކަމަށް ބުނާ ވާހަކައަކީ ދެކޮޅުޖެހޭ ވާހަކައެއް ނޫން ކަމަށް ޕީޕީއެމްގެ ރައީސްގެ މަގާމަށް ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން އިންތިޚާބުކުރެވުނު ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވިއިރު ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ތިއްބެވި އިތުރު ތިން މެމްބަރަކު ޕީޕީއެމުން ވަކިކުރަން އެޕާޓީގެ ސުލޫކީ ކޮމިޓީން ނިންމުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާގޮތުން މެމްބަރަކު ވަކިވާން އެދޭ ހިސާބުން ވަކިވާނެ ކަމަށެވެ. އަދި މިއަދު ވަކިކުރި ކަމަށް ބުނާ 3 މެމްބަރުންނަކީ 13 ޖުލައި 2017 ގެ ކުރިން ޕާޓީން ވަކިވެފައިވާ މެމްބަރުން ކަމަށެވެ. އެހެންކަމުން މިތިން މެމްބަރުން އަލުން ވަކިކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށާއި އެއީ ދެކޮޅުނުޖެހޭ ވާހަކައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވާއިރު، ޕީޕީއެމުން ވަކިކުރި ކަމަށްބުނާ މެމްބަރުންނަކީ މާކުރިން ވަކިވެފައިވާ މެމްބަރުން ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވެސް ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއާއި، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީއާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ޕީޕީއެމުން ވަކިކުރަން ނިންމާފައިވާ ކަމަށް ބުނާ މައްސަލާގައި ގުޅިފައިވާ ޕާޓީތަކުން ނެރުނު ނޫސްބަޔާނެއްގައި ބުނަނީ ޕީޕީއެމުން ވަކިކުރަން ނިންމި ކަމަށް ބުނާ އެތިން މެމްބަރުންނަކީ އެނިންމުން ނިންމިއިރުވެސް ޕީޕީއެމްގެ މެމްބަރުން ނޫން ކަމަށެވެ. އެހެންކަމުން ޕާޓީން ވަކިވެފައިވާ މެންބަރުންތަކެއް އަލުން ވަކިކުރެވޭނެ ގޮތެއް ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ނޯންނާނެ ކަމަށެވެ.
"ސިޔާސީ ޕާޓީތަކުގެ ގާނޫނު ގެ 15 ވަނަ މާއްދާގެ (ނ) ގައި ޕާޓީގެ ކޮންމެ މެމްބަރަކަށްވެސް ކުރިން ނޯޓިސް ދިނުމަކާއި ނުލައި ޕާޓީން ވަކިވެވިދާނެ ކަމަށް ބަޔާންކޮށްފައި އޮތުމާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އަސާސީ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ) ގެ 2 ގައި ޕާޓީގެ މެމްބަރަކު ޕާޓީން ވަކިވާން އެދުމުން ވަކިވާނެ ކަމަށް ބަޔާންކޮށްފައި އޮވެއެވެ. އެގޮތުން އިސްވެ ދެންނެވިފައިވާ މެންބަރުންނަކީ ޕީ.ޕީ.އެމް އިން ވަކިވުމަށް އެދި 13 ޖުލައި 2017 ގެ ކުރިން ޕީ.ޕީ.އެމް އަށް ސިޓީ ފޮނުވާފައިވާ ފަރާތްތަކެކެވެ" ގުޅިފައިވާ ޕާޓީތަކުގެ ނޫސްބަޔާނުގައި ވެއެވެ.
ދިވެހިރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމުގައިވާ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީއާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހަކީ ޕާޓީން ވަކިވުމަށް އެދިވަޑައިގެންނެވި ހިސާބުން ޕީޕީއެމްގެ މެމްބަރުން ކަމުގައި ނުވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ބުނެފައެވެ.
މެމްބަރު މުސްތަފާއާއި، ސައުދުﷲ އާއި، ޝާހު ޕީޕީއެމުން ވަކިކުރީ އެޕާޓީގެ އަސާސީ ގަވާއިދާއި ޚިލާފަށް އަމަލުކުރައްވާތީއާއި މަޖިލީހުގައި ޕާޓީގެ ނިންމުންތަކާ ދެކޮޅަށް މަސައްކަތް ކުރެއްވުމުގެ އިތުރަށް ސަރުކާރު ބަދުނާމުވާ ގޮތަށް ވާހަކަދައްކަވާ ކަމަށް ބުނެއެވެ. ޕީޕީއެމުން ބުނީ މި ތިން ބޭފުޅުން ޕީޕީއެމުން ވަކިކުރަން ނިންމީ ޕާޓީން އެދުނު ގޮތަށް އަމަލުނުކުރުމުން ސުލޫކު ކޮމިޓީން މައްސަލަ ބެލުމަށްފަހު ކޮމިޓީގައި ހިމެނޭ މެންބަރުންގެ އިއްތިފާގުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ގޮތްތަކެއް ކަނޑައަޅައި ސުޕްރީމް ކޯޓުން މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހު ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޕާޓީން ވަކިވެއްޖެނަމަ އަދި ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ. އެދުވަސްވަރު ޕީޕީއެމުން ވަކިވެވަޑައިގަތް ހުރިހާ ބޭފުޅުން ވަނީ ކޯޓު ހުކުމުގެ ކުރިން ޕާޓީން ވަކިވުމަށް އެދި ޕީޕީއެމަށާއި އިލެކްޝަންސް ކޮމިޝަނަށް ސިޓީ ފޮނުއްވާފައެވެ. ނަމަވެސް ސުޕްރީމް ކޯޓުގައި އެމައްސަލަ ނުނިމި އޮއްވައި ޕީޕީއެމުން ވަނީ އެ މެމްބަރުންގެ ސުލޫކީ މައްސަލައެއް ސުލޫކު ކޮމިޓީން ބަލަމުން އަންނަ ކަމަށް ބުނެފައެވެ. އަދި މީގެ ތެރޭގައި ސުޕްރީމް ކޯޓުގެ ހުކުމުގެ މާކުރިން ޕާޓީން ވަކިކޮށްފައިވާ ކަމަށް މީޑީއާގައި ހާމަކޮށްފައިވާ ބައެއް ބޭފުޅުން ވެސް ހިމެނެއެވެ.
މެންބަރުންގެ ގޮނޑި ގެއްލޭނެ ގޮތްތަކެއް ކަނޑައަޅައި ޖުލައި މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމަށްފަހު ޕީޕީއެމުން މީގެ ކުރިން ވަނީ 7 މެމްބަރަކު ވަކިކޮށްފައިވާ ކަމަށްބުނެ އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައެއެވެ. މެމްބަރު މުސްތަފާއާއި، ސައުދުﷲ އާއި، ޝާހުގެ މައްސަލާގައި އަދި އިލެކްޝަންސް ކޮމިޝަނުން އެއްޗެއް ނުބުނެއެވެ.
މިމައްސަލާގައި ރައްޔިތުންގެ މަޖިލީހުން ގެންދަނީ އިލެކްޝަންސް ކޮމިޝަންގެ ނިންމުމާ އެއްގޮތަށް އަމަލުކުރަމުންނެވެ. ޕީޕީއެމުން ވަކިކުރުމުން މެމްބަރުންކަން ގެއްލިފައިވާ ކަމަށް ޕީޕީއެމްއާއި އިލެކްޝަންސް ކޮމިޝަނުން ބުނާ ބޭފުޅުންނަކީ އަދިވެސް މަޖިލީހުގެ މެމްބަރުން ކަމަށާއި ސުޕްރީމް ކޯޓުގެ ހުކުމްގެ ދަށުން އެބޭފުޅުންގެ ގޮނޑި ގެއްލުވާނުލެވޭނެ ކަަމަށް ގުޅިފައިވާ ޕާޓީތަކުން ގެންދަނީ ބުނަމުންނެވެ. ގޮނޑި ހުސްވެފައިވާ ކަމަށް ބުނާ ދާއިރާތަކުގެ ބައި އިލެކްޝަނަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުން ދިޔަނަމަވެސް މިއިން އެއްވެސް ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެ ކަމަށް ސުޕްރީމް ކޯޓުން މިހާތަނަށްވެސް ކަނޑައަޅާފައެއް ނުވެއެވެ.
މާކުރިން ވަކިވެފައިވާ މެމްބަރުންތަކެއް އަލުން ވަކިކުރެވޭނެ ގޮތެއް ނޯންނާނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ