ރާއްޖޭގައި ހުންނެވި އެންމެ ތަޖުރިބާކާރު އެއް ސިޔާސީ މުފައްކިރަކީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މޫކާއީ ހޮޓެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިއްތިހާދު ހެދުމަކީ ބަރުލަމާނީ ނިޒާމުގެ ސިފައެއް ކަމަށް ކުރީގެ ރައީސް މައުމޫން ވަރަށް ސާފުކޮށް ވިދާޅުވެފައިވާ ކަމަށާއި އެކަމަށް ޓަކައި ވަރަށް އުފާކުރައްވާ ކަމަށެވެ.
"އިއްތިހާދު ހެދުމުގެ އުސޫލުތައް މި އޮންނަނީ ބަރުލަމާނީ ނިޒާމުގައި. އަޅުގަނޑު ވަރަށް އުފާވޭ، އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ސިޔާސީ މުފައްކިރަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް. އެ ބޭފުޅާ ވަރަށް ސާފު ބަހުން ވިދާޅުވެއްޖެ އިއްތިހާދު ވެގެން އަޅުގަނޑުމެންގެ ރާއްޖެއަކަށް ތަރައްގީގެ މަގުގައި ކުރިއެރުމެއް ލިބެން ނެތް ކަން." ރައީސް ނަޝީދު ވިދާޅުވި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން އިންތިގާލީ ސަރުކާރެއް ގެނައުމާ މެދު ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ޕީޕީއެމް އިން އިންތިގާލީ ސަރުކާރެއް ގާއިމް ކުރަން ބޭނުންވާ ނަމަ އެމްޑީޕީން ޕީޕީއެމް އަށް ފުރިހަމަ އަށް ތާއިދު ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ އިންތިގާލީ ސަރުކާރެއް ގެނައުމަށް ޓަކައި އެމްޑީޕީން އަބަދު ވެސް ބޭނުންވާ ކަމަށެވެ.
"ޕީޕީއެމް އިން އިންތިގާލީ ސަރުކާރަކަށް އެދިވަޑައިގަންނަވަނީ ނަމަ އަޅުގަނޑުމެން މިތިބީ ޕީޕީއެމްއާ އެކީގައި އެ މަޝްވަރާ ކުރަން ތައްޔާރަށް. އިންތިގާލީ ސަރުކާރަކަށް އެމްޑީޕީން އެދޭ. އަޅުގަނޑުމެން އެމްޑީޕީން އަބަދު ވެސް އިންތިގާލީ ސަރުކާރެއް ބޭނުންވޭ. އެހެން ނަމަވެސް މަޖިލީހުގައި އަޅުގަނޑުމެން އެކަން ކުރުމަށް އެހެން ޕާޓީތަކުގެ އެހީ ބޭނުން ވާނެ. ޕީޕީއެމް އެގޮތަށް އެދިވަޑައިގަންނަ ވަނީ ނަމަ ޕީޕީއެމްއާ އެކީ މަޝްވަރާކޮށްގެން އެކަން ކުރުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް." ރައީސް ނަޝީދު ވިދާޅުވި އެވެ.
ކުރިއަށް ރިޔާސީ އިންތިހާބު އިންސާފުވެރި އިންތިހާބަކަށް ހެދުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އިންސާފުކުރި އިންތިހާބަކަށް ވެގެން ދާނީ އަދި ރިޔާސީ އިންތިހާބު އިންސާފުވެރިކަމާ އެކު ބޭއްވޭނީ މިހާރު ކޮމިޝަނަރު އޮފް ޕޮލިސް ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ ރިޔާޒާއި އަދި ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ނާޒިމް އެ މަގާމުން ވަކިކުރައްވައިގެން ނުވަތަ އެ މަގާމުން އިސްތިއުފާ ދެއަވައިގެން ކަމަށެވެ.
ޑީއާރްޕީއާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ ގައުމީ އިންތިހާދު ޕާޓީއާ ދެމެދު ހަދާފައިވާ ކޯލިޝަން އަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ޑީއާރުޕީއާ ރައީސް ވަހީދު ކޯލިޝަން ހެއްދެވީ ޑިއާރްޕީއާ ނޫން ކަމަށާއި އެއީ ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާ އަދި ރައީސް ވަހިދާ ދެމެދު ހެއްދެވި ކޯލިޝަނެއް ކަމަށެވެ. އަދި ރައީސް ވަހީދާއި ތަސްމީން ހެއްދެވި ކޯލިޝަނަކީ އިތުރު އެހެން ގޮތެއް ނެތިގެން ހެއްދެވި ކޯލިޝަނެއް ކަމަށެވެ.
އެމަނިކުފާން އިތުރަށް ވިދާޅުވީ ރާއްޖޭގައި ތިން ވަނަ ފިކުރެއް ނެތް ކަމަށާއި އަދި ރައީސް ވަހީދާއި އަދާލަތާއި ދެން ވެސް އެހެން ސިޔާސީ ޕާޓީތަކުން އިއްތިހާދުވުމަކީ އިން ވަނަ ފިކުރެއް ރާއްޖޭގައި އުފެދިގެން ދިއުން ނޫން ކަމަށެވެ.
ރާއްޖޭގައި ހުންނެވި އެންމެ ތަޖުރިބާކާރު އެއް ސިޔާސީ މުފައްކިރަކީ މައުމޫން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ