ކުރީގެ ރައީސް ނަޝީދަށް ވުރެ ގާސިމް ގައުމަށް ހެޔޮ އެދިވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
ނިހާން މިހެން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލު ކުރުމަށް، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ކޮބައިތޯ ބެލުމަށް ރާއްޖެ ޓީވީން ކުރިއަށް ގެންދިޔަ ޕޯލް އަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ.
ރާއްޖެ ޓީވީގެ ޕޯލްއަށް އަމާޒު ކުރައްވާ ކުރެއްވި ޓުވީޓް ތަކުގައި ނިހާން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނާއި ވާދަ ކުރަން އެކަށިގެންވާ އެއްވެސް ކެންޑިޑޭޓަކު އިދިކޮޅުގައި ނެތް ކަމަށެވެ. ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވުރެ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް މާ ރަނގަޅުވާނެ ކަމަށާއި ރައީސް ނަޝީދަށް ވުރެ ގާސިމް ގައުމަށް ހެޔޮ އެދިވަޑައިގަންނަވާނެ ކަމަށް ނިހާން ވިދާޅުވިއެވެ.
ރާއްޖެޓީވީން ނެގި ވޯޓުގެ ސައްހަ ކަމާ މެދު ސުވާލު އުފައްދާ ނިހާން ކުރެއްވި އިތުރު ޓުވީޓެެއް ގައި ވިދާޅުވީ ރާއްޖެ ޓީވީގެ ވޯޓުގައި ބައިވެރިވި މީހުންގެ އަދަދު 600 އަށް ވެސް ނާރާނެ ކަމަށާއި އެ ވޯޓުގައި 9500 އަށް ވުރެ ގިނަ ބޮޓު ވޯޓުލާފައިވާނެ ކަމަށެވެ.
24 ގަޑިއިރަށް ދެމިގެންދިޔަ މި ވޯޓްލުމަށްފަހު ރައީސް މައުމޫނަށް 2 އިންސައްތަ ވޯޓު ލިބިވަޑައިގަތްއިރު، ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 25 އިންސައްތަ ވޯޓެވެ. އަދި ޝެއިޚް އިމްރާނަށް 30 އިންސައްތަ ވޯޓު ލިބިވަޑައިގަތްއިރު، ވޯޓުގެ އެންމެ ކުރީގައި 43 އިންސައްތައާއެކު އޮންނެވީ ޤާސިމް އެވެ.
މި ވޯޓުގައި ރައީސް ނަޝީދަށްވުރެ މަތިން އިމްރާނަށާއި ޤާސިމަށް ވޯޓު ލިބިވަޑައިގެންފައި މިވަނީ، އެމްޑީޕީގެ އެކްޓިވިސްޓުންނާއި އެޕާޓީގެ އިސް ބައެއް ބޭފުޅުން ރައީސް ނަޝީދު ހޮވުމަށްޓަކައި ވަރަށް ވަރުގަދައަށް މީސްމީޑިއާގައި ކެމްޕެއިން ކޮށްފައިވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.
މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުން ރައީސް ޔާމީން ބަލިކުރުމަށް ނެރެން ޖެހޭނެ ކެންޑިޑޭޓަކީ ރައީސް ނަޝީދު ކަމަށް އެމްޑީޕީން ބުނަމުންދާއިރު، އެކަމާއި އިދިކޮޅު ސިޔާސީ ގިނަ ފަރާތްތަކުން ދެކޮޅު ހަދައެވެ. މިކަމުގެ ސަބަބުން ރައީސް ޔާމީން ވެރިކަމުން ދުރުކުރުމަށް ކަމަށް ބުނެ އުފެއްދި އިދިކޮޅު ކޯލިޝަނަށް، އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓެއް މިހާތަނަށް ކަނޑައެޅިފައި ނުވަނީސް، ކޯލިޝަނުގެ ތެރޭގައި ދަނީ ބައިބައިވުން އުފެދެމުންކަން ފާހަގަކޮށްލެވެއެވެ.
ނަޝީދަށް ވުރެ ގާސިމް ގައުމަށް ހެޔޮ އެދިވަޑައިގަންނަވާނެ - ނިހާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ