އޭސީސީން ޤާނޫނުގެ ތެރެއިން ތަހުގީގު ކުރާނަމަ މައުމޫނު އެއްބާރުލުން ދެއްވާނެ

އެންޓިކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުން ގެންދާ މައްސަލައަކަށް ރައީސް މައުމޫނު އެއްބާރުލުން ނުދެއްވީ ޤާނޫނު ބޭރުން އެކަން ކުރާތީކަމަށާއި ޤާނޫނީ އިމުގެ ތެރެއިން ތަހުގީގުކުރާ ނަމަ ރައީސް މައުމޫނު އެއްބާރުލުން ދެއްވާނެކަމަށް ރައީސް މައުމޫނުގެ ޤާނޫނީ ވަކީލު މައުމޫނު ހަމީދު ވިދާޅުވެއްޖެއެވެ.
މިއަދު އެންދެރިމާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުމޫނު ހަމީދު ވިދާޅުވީ އޭސީސީން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ރައީސް މައުމޫނު ޖަލުގައި ހުންނަވަނިކޮށް ސުވާލު ކުރުމަށް އޭސީސީން މަސައްކަތް ކުރި ކަމުގައެވެ.
ނަމަވެސް ތަހުގީގު ކޮޓަރިއަށް ވަޑައިގެންނެވުމަށްވެސް ރައީސް މައުމޫނު ދެކޮޅު ހެއްދެވި ކަމަށާއި އޭސީސީއަށް އެއްބާރުލުން ނުދެއްވީ ޤާނޫނާއި ހިލާފަށް އެމައްސަލާގައި ތަހުގީގު ގެންދާތީކަމަށް މައުމޫނު ހަމީދު ވިދާޅުވިއެވެ.
ކުރީގެ ރިޔާސީ ގަނޑުވެރުގެ އޮޑިޓް ރިޕޯޓްގެ މައްސަލާގައި ކުރިންވެސް ރައީސް މައުމޫނާއި އޭސީސީން ސުވާލުކޮށްފައިވާއިރު މައުމޫނު ހަމީދު ވިދާޅުވީ އެ މައްސަލާގައި ވަރަށް ފުރިހަމަ ބަޔާނެއް ކުރިންވެސް ރައީސް މައުމޫނު ދެއްވާފައިވާ ކަމުގައެވެ.
މައުމޫނު ހަމީދު ވިދާޅުވީ އޭސީސީއަށް ރައީސް މައުމޫނު އެއްބާރުލުން ނުދެއްވީ މިހާރު އަމަލު ކުރަމުންދާ ޤާނޫނުލްއުގޫބާތުގެ އަށް އަހަރު ކުރީގެ މައްސަލަތަކުގައި ދައުވާ ނުކުރެވޭނެކަމަށް ޤާނޫނުލްއުގޫބާތުގައި ބުނެފައިވާތީ ކަމުގައެވެ. ނަމަވެސް އޭސީސީން ރައީސް މައުމޫނާއި ސުވާލުކުރާ މައްސަލައަކީ ދިހަ އަހަރު ވެފައިވާ މައްސަލައެއްކަމަށް މައުމޫނު ހަމީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ