މެމްބަރު އިބޫގެ މައްސަލަ ޕީޖީއަށް ފޮނުވައިފި

ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ގެ މައްޗަށް އުފުލަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް، ފުލުހުން ފޮނުވައިފި އެވެ.
މި މަހުގެ 16 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި، ޖުމްހޫރީ މައިދާނުން ހައްޔަރުކޮށް، މިހާރު ޖަލުގައި ހުންނެވި އިބޫގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަން އިބޫގެ ވަކީލް ނާޒިމް ސައްތާރު ވަނީ ކަށަވަރުކޮށް ދެއްވައިފަ އެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލަ ޕީޖީއަށް ފޮނުވީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެކަމަކު މި ކަމާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
އިބޫގެ މައްސަލަ ޕީޖީއަށް ފޮނުވިއިރު، މިދިޔަ މަހު އިިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން މަޖިލިހުގެ ބައެއް މެމްބަރުން ވެސް ހައްޔަރުކޮށް، ވަނީ ދައުވާ އުފުލައިފަ އެވެ.
މިދިޔަ ޖުލައި މަހު އިދިކޮޅު މެމްބަރުން ގަދަކަމުން މަޖިލީހަށް ވެންނެވި މައްސަލާގައި ދައުވާކުރި 12 މެމްބަރުންގެ ތެރޭގައި ވެސް އިބޫ ހިމެނިވަޑައިގަންނަވަ އެވެ. އެ މައްސަލައިގެ ޝަރީއަތް މިިހާރު ވަނީ ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ