ކުޅުދުއްފުށީ ކުޅި ހިއްކުމަށް މައުމޫން ދެކޮޅު ވެއްޖެ
ހދ.ކުޅުދުއްފުށީގައި ކުޅި ހިއްކައިގެން އެއާޕޯޓް އެޅުމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ދެކޮޅު ހައްދަވައިފިއެވެ.ކުޅުދުއްފުށީގެ ފޮޓޯއަކާއެކު މިއަދު މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިމާވެށި ލިބިފައިވަނީ ހަލާކު ކުރުމަށް ނޫން ކަމަށާއި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށް ދިނުމަށް ކަމަށެވެ. މައުމޫން މިހެން ވިދާޅުވެފައިވާއިރު އިދިކޮޅު ފަރާތްތަކުން ގެންދަނީ ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެއާޕޯޓް އެޅުމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. ނަމަވެސް ކުޅުދުއްފުށީ ރައްޔިތުން ބޭނުންވަނީ ކުޅި ނޫން ކަމަށާއި، އެއާޕޯޓް ކަމަށް އެރަށުގެ މީހުން ބުނެފައި ވެއެވެ. އިދިކޮޅު ފަރާތްތަކާ އަދި ރައީސް މައުމޫން ދެކޮޅު ހެދި ނަމަވެސް، ސަރުކާރުން މިހާރު ދަނީ ހދ.ކުޅުދުއްފުށީ އެއާޕޯޓު އެޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތަށް ވަމުންނެވެ. އެގޮތުން އެއާޕޯޓު އަޅަނީ އެ ރަށުގެ ކުޅިން ބައެއް ހިއްކައިގެން ކަމަށްވާއިރު އެ މަސައްކަތް ކުރާނީ އެމްޓީސީސީގެ މަހާ ޖައްރާފް ބޭނުންކޮށްގެންނެވެ. އެ ޑްރެޖަރު މިހާރު ވަނީ މިމަހުގެ 25 ގައި ކުޅުދުއްފުށްޓަށް ބަނދަރު ކޮށްފައެވެ. އަދި އެއާޕޯޓް އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ނިންމާފައިވަނީ އަންނަ ނޮވެންބަރ މަހުގެ 12 ވަނަ ދުވަހުއެވެ. މިރަސްމިއްޔާތު ފައްޓަވައިދެއްވާނީ ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. ކުޅުދުއްފުށީގައި އޮންނަ ކުޅީގެ ބޮޑުމިނަކީ 22 ހެކްޓަރެވެ. އެއާޕޯޓް އެޅުމަށް ކުޅިން ހިއްކަނީ އެންމެ ނުވަ ހެކްޓަރެވެ، އަދި އެއީ ކުޅީގެ 30 އިންސައްތަ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ. އެ ހިސާބު މޫދުން ހަ ހެކްޓަރު ހިއްކައެވެ. އެގޮތުން މުޅި ޖުމްލަ އެއްކޮށް ހިއްކާނީ 15 ހެކްޓަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ