ފާރިސް ދޫނުކުރާތީ ނަވާޒް އާއި ތިން ފުލުހެއްގެ މައްސަލަ ސުޕްރީމް ކޯޓަށް

ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ދޫކޮށްލާފައި ނުވާތީ އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒާއި އިތުރު ތިން ފުލުހެއްގެ މައްސަލަ ފާރިސްގެ ވަކީލުން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފިއެވެ.
އެ މައްސަލައިގައި އެދިފައިވަނީ އެ ބޭފުޅުން ސުޕްރީމް ކޯޓަށް ހާޒިރުކޮށް ވަގުތުން އަދަބު ކަނޑައަޅައި ދިނުމަށެވެ. އަދި ފާރިސް ވަގުތުން މިނިވަން ކުރުމުގެ އަމުރެއް ނެރެދިނުމަށް އެދިފައިވެއެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއިރު ފާރިސްގެ ވަކީލުން މިއަދު ވަނީ ފާރިސް ރަހީނުކޮށްފައިވާ ކަމަށް ބުނެ ފުލުހުންނަށް ވެސް މައްސަލަ އެއް ހުށަހަޅާފައެވެ.
ފާރިސްގެ ގާނޫނީ ޓީމުން މިއަދުވަނީ ޕްރޮސެކިއުޓަރ ޖެނެރަލް އާއި ބައްދަލު ކުރެއްވުމަށް ޕީޖީ އޮފީހަށް ވެސް ވަޑައިގަންނަވާފައެވެ. ނަމަވެސް އެކަން އެ ބޭފުޅުންނަށް ކާމިޔާބުވެފައެއް ނުވެއެވެ.
ސުޕްރީމް ކޯޓުން ކުއްލިގޮތަކަށް ނެރުނު އަމުރެއްގައި ވަނީ ހައްޔަރުކޮށްފައި ތިބި ހުރިހާ ސިޔާސީ ލީޑަރުން ވަގުތުން މިނިވަން ކުރުމަށް އަންގާފައެވެ. އޭގެތެރޭފައި ފާރިސް ވެސް ހިމެނެއެވެ.
ފާރިސް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ފައިސާ ބެހިކަމުގެ ތުހުމަތުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކާ ގުޅިގެން ދިވެހިރާއްޖޭގައި އޮތް ޤާނޫނީ ވެރިކަން ވައްޓާލުމަށްޓަކައި ޤާނޫނާ ހިލާފަށް މަސައްކަތްތަކެއް ކުރަން އޭނާ ރާވާފައިވާ ކަމަށް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ