ތިނަދޫ އިންޖީނުގެ އެނދިތާ 2 އަހަރުވީއިރުވެސް މައުލޫމާތު ހާމަކޮށްފައިނުވާތީ މެންބަރު އަބުދުﷲ ކަންބޮޑުވުން ފާޅުކޮށްފި

ގދ ތިނަދޫ އިންޖީނު ގޭގައި ރޯވެ އަނދާ ހުލިވެ މައްސަލަގެ އެއްވެސް މައުލޫމާތެއް ރައްޔިތުންނާއި، ހިއްސާކޮށްފައިނުވާތީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ގދ. ތިނަދޫ އިންޖީނު ގޭގައި ރޯކޮއްލި ހާދިސާގައި މިއަދަށް 2 އަހަރު ފުރުމާއި ގުޅިގެން އަބްދުﷲ އަހުމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިމައްސަލަގައި ފުލުހުން ޚާއްސަ އިސްކަމެއްދީގެން މައްސަލަ ތަހުގީގު ކުރިކަމަށެވެ.
އަދި މިއަދާ ހަމައަށް ވެސް މިކަމާ ބެހޭ އެއްވެސް މައުލޫމާތެއް ރައްޔިތުންނަށް ހާމަނުކުރާ ކަމަށް އަބްދުﷲ އަހުމަދު ވިދާޅުވިއެވެ.
އަބްދުﷲ އަހުމަދު ވިދާޅުވީ މިއީ ރައްޔިތުންނާއި ގުޅިފައިވާ މައްސަލައަަކަށްވާތީ މިކަމުގެ ހުރިހާ މައުލޫމާތެއް ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ ކަމަށެވެ.
ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓް ޓެގްކޮށް މިމައްސަލަގެ ފުރިހަމަ މައުލޫމާތު ހާމަކޮށްދިނުމަށް އަބްދުﷲ މުހައްމަދު ވަނީ ގޮވާލައްވާފައެވެ.
މިމައްސަލާގައި ފުލުހުންގެ ބަހެއް ހޯދުމަށް ވީނިއުސްއިން ވެސް އެކިފަހަރުމަތިން ފުލުހުންގެ މީޑިއާ އޮފިސަރަށް ގުޅިނަމަވެސް ޖަވާބެއް ލިބޭ ގޮތް ވަނީ ނުވެފައެވެ،
މިމައްސަލައާއި ގުޅިގެން އޭރުގެ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓާ އަހުމަދު ނިމާލް ވިދާޅުވީ އެތަނުގެ މުވައްޒަފުންގެ ފަރާތުން މައުލޫމާތު ލިބުނުގޮތުގައި އެ ހާދިސާ އަކީ އަމިއްލަ ޒާތުގަ އަލިފާން ރޯވެގެން ހިނގާދިޔަ ހާދިސާ އެއް ނޫންކަމަށެވެ.
އެހެންކަމުން މިމައްސަލަ ބެލުމަށް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ތަހުގީގު ޓީމަކާއި ފޮރެންސިކް ޓީމެއް އެރަށް ގޮސް މައްސަލަ ވަނީ ތަހުގީގުކޮށްފައެވެ.
މިމައްސަލާގައި 3 މީހަކު ފުލުހުން ހައްޔަރު ކުރި ނަމަވެސް މިހާރު ވަނީ އެންމެން ދޫކޮށްލާފައެވެ.
މިހާދިސާއާ ގުޅިގެން އެ ރަށުގެ އިންޖީނުގޭގެ ފުރާޅުމަތީގައި ހަރުކުރެވިފައި ހުންނަ 43 ކިލޯވޮޓްގެ ކެޕޭސިޓީ ހުންނަ 272 ސޯލާ ޕެނަލްގެ ތެެރެއިން ދެބައި ކުޅަ އެއްބައި ހަލާކު ވެފައެވެ.
ތިނަދޫ އިންޖީނުގެ އަނދާ ހުލިވެފައިވާއިރު އެއީ 22 މިލިއަން ރުފިޔާގެ ގެއްލުން ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ