އިންޖީނުގެ ހޫނުން އުފައްދާފައިވާ "އަކުއިވާ ފުށި" ފެން ތައާރަފްކޮށް ވިއްކަން ފަށައިފި

ސްޓެލްކޯއިން ކ.ގުޅީގައި ފޯރުކޮށްދޭ ކަރަންޓުން ބޭރުވާ އާވިން އުފައްދާފައިވާ ފެނުގެ އާ ބްރޭންޑެއް ކަމުގައިވާ "އަކުއިވާ ފުށި" ފެން ތައާރަފުކޮށް ވިއްކަން ފަށައިފި އެވެ.
ގުޅީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "އަކުއިވާ ފުށި" ބުރޭންޑުގެ ފެން ތައާރަފުކޮށްދެއްވީ ހެލްތް މިނިސްޓަރު ޑރ މަރިޔަމް ޝަކީލާ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ގުޅީގައި ފެށުނު މި މަޝްރޫއަކީ އާވިން ފެން އުފެއްދުމަށް ހިންގޭ އަޖުމަ ބެލުމުގެ ޕްރޮޖެކްޓެއް ކަމަށެވެ.
މި ޕްރޮޖެކްޓް ކާމިޔާބުވެއްޖެނަމަ ވަރަށް އަވަހަށް އެހެން ރަށްރަށުގައިވެސް މި މަޝްރޫއު ފަށާނެ ކަމަށާއި ގުޅީގައި ފެށި މި ޕްރޮޖެކްޓަކީ ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެން ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް ވެސް މުޣުނީ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވެސް ބޮޑު މަންފާއެއް ކުރާނެ ކަމަށެވެ. ރާއްޖޭގެ ޖީޑީޕީގެ 26 އިންސައްތަ ތެޔޮ އެތެރެ ކުރުމަށް ހަރަދުކުރަން ޖެހޭއިރު މީ ހަކަތައިގެ ދާއިރާއިން ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި މަޝްރޫއުގެ ދަށުން ގުޅީގައި ގާއިމްކުރި އާވިން ފެން އުފައްދާ ޕްލާންޓުން ފެން އުފެއްދުމަށް ފަހު ގުޅީ ސްކޫލަށް އެފެން ހިލޭ ދޫކުރާގޮތަށް ސުޓެލްކޯ އިން ވަނީ ނިންމާފަ އެވެ. އަދި އެ ރަށުގެ ރައްޔިތުންނަށް ހެޔޮ އަގެއްގައި މި ފެން ވިއްކާނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ