ސިޔާސީ ވެރިންގެ އަމާޒު އަބަދުވެސް ހުންނާނީ އިންތިޙާބަށެވެ. އެއް އިންތިޙާބު ނިމޭ އިރު ދެން ކުރިއަށް އޮތް އިންތިޙާބަށެވެ. އެހެންކަމުން މިހާރު ރާއްޖޭގެ ސިޔާސީ ބޭފުޅުންގެ އަމާޒު ވެސް މިއޮތީ 2018 ވަނަ އަހަރު އޮންނާނެ ރިޔާސީ އިންތިޙާބަށެވެ. ރާއްޖޭގެ ސިޔާސި ފިކުރު މައިގަނޑު ދެފަޅިއަކަށް ބެހިފައި ވާއިރު މިހާރު މިއޮތީ ރައީސް ޔާމީންގެ ފަހަތުގައި ތިއްބެވި ބޭފުޅުންގެ ފިކުރަކާއި ރައީސް ޔާމިނާއި އިކޮޅު ސިޔާސީ ފިކުރެވެ.
ރައީސް ޔާމިނާއި އިދިކޮޅަށް ކޮންމެ ނަމެއް ކިޔާ އިއްތިހާދެއްގެ އުފައްދައިގެން ނިކުތަސް އެއިއްތިހާދެއް ޑޮމިނޭޓް ކުރާނީ އެމްޑީޕީންނެވެ. އިދިކޮޅު އެއްސިޔާސީ ފިކުރަކަށް އެންމެ ގިނަ މީހުންގެ ތާއިދު އޮތީ އެމްޑީޕީއަށެވެ. އަދާލަތަކަށް، ޖަމީލަކަށް، ކާނަލް ނާޒިމަކަށް ސިޔާސީ ގޮތުން ބާރެއްލިބޭ ވަރަށް މީހުން އެއްކޮލުމުގެ ގާބިލްކަަމެއް ނެތެވެ. ނަމަވެސް އެމްޑީޕީގެ ހަޤީޤީ ސަޕޯޓަރުންގެ މިއަދުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެމްޑީޕީ ޕާޓީއެއްގެ ގޮތުގައި ކުރިއަށް ނުދިއުމެވެ. އެމްޑީޕީ ސިޔާސީ ގޮތުން އަމާޒެއް ނެތި ލާހުރެމުން ދިއުމަކީ ކަންބޮޑުވުމެވެ. ޕާޓީ އިން 2018 އަށް ތައްޔާރެއް ނުވެއެވެ. ޕާޓީގެ އެތެރެ އޮތީ "މައުމޫނިޒަމް" ގެ ފިކުރުގެ މީހުންގެ އާރާއި ބާރެވެ. މިއީ އާންމު މެންބަރުން ކިތަންމެ ހިތްނުރުހޭ ކަމަކަށް ވީނަމަވެސް ހަޤީޤަތެވެ.
އެމްޑީޕީން 2018 އަށް އަމާޒުކޮށް މަސައްކަތްތަކެއް ނުކުރުމުގެ ނަތީޖާއަކަށް ވެގެން ދާނީ އިންތިޙާބު ޖެހޭ އިރުވެސް ޕާޓީން ނެރޭނެ ކެނޑިޑޭޓަކު ނުލިބުން ކަމަށް ގަބޫލު ކުރެވުނު ނަމަވެސް ހަޤީޤީ އެމްޑީޕީ ސަޕޯޓަރުންނަށް މިއަދު އަނެއްކާވެސް ހިތްހަމަޖައްސާލެވޭ ފަދަ ޚަބަރެއް މިވަނީ ލިބިފައެވެ. އެއީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި 2018 ގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ނިކުމެ ވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވުމެވެ.
މުސްތަފާގެ ސިޔާސީ ވާހަކަތައް ކޮންމެ ގޮތަކަށް ހުރި ނަމަވެސް އޭނާ އަކީ އާދައިގެ ސިޔާސީ ބޭފުޅެއް ނޫނެވެ. އެމްޑީޕީ އުފެދުމުގެ ކުރިން ވެސް މުސްތަފާ އަކީ ރައީސް ނަޝީދުގެ ސަޕޯޓަރެކެވެ. "މާކަރީލައިޓް" މުސްތަފާ ހިންގަވަން ފެށި ދުވަސްވަރުން ފެށިގެން ވެސް އެއީ ރައީސް ނަޝީދުގެ ސިޔާސީ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ވަޑައިގެންނެވި ބޭފުޅެކެވެ. އެހެންކަމުން މުސްތަފާ އެމްޑީޕީ އާއި ރައީސް ނަޝީދާއި ބެހޭގޮތުން ދައްކަވާ ސިޔާސީ ވާހަކަތަކުގައި ބުރަދަން ހުންނާނެ ކަމަށް ގަބޫލު ކުރެވެއެވެ. މުސްތަފާ އަކީ ކޮންމެ ތަނެއްގައި ހުންނެވި ނަމަވެސް ރައީސް ނަޝީދަށް ވަރަށް ލޯޔަލް ބޭފުޅެއްކަމަށް މުސްތަފާގެ ގާތް ބޭފުޅުން ވިދާޅުވެއެވެ.
އެމްޑީޕީގެ ރިޔާސީ ކެނޑިޓޭޓެއްގެ ގޮތުގައި 2018 ވަނަ އަހަރު ނިކުންނަވާނީ ރީކޯ މޫސަ ކަމަށް މުސްތަފާ ވިދާޅުވުމުން "ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި މޫސަ ވިދާޅުވީ މުސްތަފާ އެހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ ކަންތައްތައް މުސްތަފާއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާތީ ކަމަށެވެ.
"އިއްތިހާދުގެ ލީޑަރަކަށް ޖަމީލް ގެނެސް ދެން ވެސް އެމްޑީޕީ އާއި ރައީސް ނަޝީދާއި ދެކޮޅަށް މަސައްކަތް ކުރެއްވި ފަރާތްތައް އެމްޑީޕީއަށް ގެނައުމުން ޕާޓީގެ އާންމު މެންބަރުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި. އެކަން އެބައެނގޭ މުޒާހަރާތަކާއި ޖަލްސާތަކަށް ގޮވާލުމުން ނިކުންނަ މީހުންގެ އަދަދުން. އެހެންވީމަ މުސްތަފާ އަށް ވެސް އަދި އެހެން ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ ޖަމީލަކަށް ވެސް އަދި އޭގެ ތެރެއިން އެހެން ބޭފުޅަކަށް ވެސް ރިޔާސީ އިންތިޙާބު ކާމިޔާބު ނުކުރެވޭނެކަން. އަދި އެއިން ބޭފުޅެއްގެ ކިބައިގައި ރައީސް ޔާމިނާއި ވާދަކުރުމުގެ ގާބިލްކަން ވެސް ނެތްކަން. އެއިން ބޭފުޅަކަށް އެމްޑީޕީ މެންބަރުންގެ ތާއިދެއް ނެތް" މޫސަ ވިދާޅުވިއެވެ.
ގަބޫލުކުރަން މަޖުބޫރު ހަޤީޤަތަކީ އެމްޑީޕީގެ ސިޔާސީ މަސައްކަތްތައް މިހާރު އެކަށީގެންވާ ގޮތާއި ގާތަކަށް ވެސް ކުރިއަށް ނުދާކަމެވެ. 2005 ވަނަ އަހަރު އެމްޑީޕީގެ ހަރަކާތްތައް ފެށިފަހުން އެމްޑީޕީން ކުރިއަށްގެންދިޔަ ހިނގާލުންތަކާއި މުޒާހަރާތަކާއި ޖަލްސާތަކުގައި ދައްކުވައިދިން ފަދަ ފޯރިއެއް މިއަދު ދައްކުވައެއް ނުދެވެއެވެ. ސަބަބަކީ އެމްޑީޕީ ލީޑް ކުރައްވަން ތިއްބެވި ބޭފުޅުންގެ ކިބައިގައި އެގާބިލްކަން ނެތުމެވެ. އެމްޑީޕީ މެންބަރުންނަށް ޖޯޝް ގެނުވާނެ ގޮތަކަށް ޕާޓީގެ ހަރަކާތްތައް ރޭވުމުގައި އެމްޑީޕީގެ ލީޑާޝިޕް އޮތީ ފެއިލްވެފައެވެ.
ހަޤީޤީ އެމްޑީޕީގެ ސަޕޯޓަރުންގެ ވިސްނުމާއި، ޚިޔާލާއި، ފިކުރާއި ދެކޮޅަށް ރައީސް މައުމޫންގެ ވެރިކަމުގެ ވަޒީރުކަން ކުރި ބޭފުޅުންނާއި، އޭރު ރައްޔިތުންގެ މަޖިލީހުގައި ރައީސް މައުމޫން ތަމްސީލް ކުރި މެންބަރުންނާއި، ރައީސް ނަޝީދާއި އެމްޑީޕީ ނައްތާލަން މަސައްކަތް ކުރި ބޭފުޅުން މިއަދު އެމްޑީޕީގެ ސިޔާސީ ހުންގާނު އަނބުރަން ފެށުމުން ލިބޭނެ ގެއްލުމާއި ހަލާކު މިއަދު އެމްޑީޕީ އަށް އެދަނީ ލިބެމުންނެވެ. އެހެންކަމުން އެމްޑީޕީ މިއަދު ވެއްޓިފައިވާ ސިޔާސީ އަނދަވަޅުން އެމްޑީޕީ ނެގުމަށްޓަކައި ހަޤީޤީ އެމްޑީޕީގެ ލޭ ހިނގާ، އެމްޑީޕީގެ ސަޕޯޓަރަކު އެބަ ބޭނުންވެއެވެ.
މުސްތަފާގެ ވާހަކަތަކަކީ މިހާރު އެމްޑީޕީ އާއި ފެއަށް ޖެހިވަޑައިގެން ތިއްބެވި އެމްޑީޕީގެ ސީނިއާ ބޭފުޅުން އަލުން އެކައްޗެއް ކިޔާ އެމްޑީޕީ ސަލާމަތްކުރަން ނިކުތުމުގެ ކޮޅުމަތި ފެށުނީ ކަމަށް ވެދާނެއެވެ. އެހެންވެއްޖެ ނަމަ "މައުމޫނިޒަމް" ގެ މީހުން އެމްޑީޕީ ތެރެއިން ނެރެ، އެމްޑީޕީ ދޮވެ ސާފުކުރުމަށް ފަހު އަނެއްކާވެސް އެމްޑީޕީގެ ފޯރި ގަދަކޮށްލާ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެޕާޓީގެ ހަރަކާތްތައް ފެށިގެން އަންނަ މަންޒަރު މާދަމާ ނުފެންނާނެއެކޭ ބުނާކަށް ނޭނގެއެވެ. އެފަދަ ހާލަތެއްގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ރީކޯ މޫސަ 2018 ގެ ރިޔާސީ އިންތިޙާބަށް ނިކުމެވަޑައިގަންނަވާ މަންޒަރު ނުފެންނާނެއެކޭ ބުނާކަށް ވެސް ނޭނގެއެވެ. އެއީ ވެސް ވެދާނެ ގޮތެކެވެ.
2018 ގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކަށް ރީކޯ މޫސަ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ