ބޮޑުފޮޅުދޫ ކައުންސިލުން ރޯދަމަހަށް ރައްޔިތުން ހެއްވާލާ ކަރަންޓު ބިލުގެ ދެބައިކުޅަ އެއްބައި ދައްކަނީ

ރަމަޟާން މަހަށް ޚާއްސަކޮށްގެން އއ. ބޮޑުފޮޅުދޫ ކައުންސިލުން އެ ރަށުގެ ގޭބިސީތަކުގެ ރޯދަ މަހުގެ ކަރަންޓު ބިލުގެ ދެބައިކުޅަ އެއްބައި ދެއްކުމަށް ނިންމައިފިއެވެ.
"ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން ބޮޑުފޮޅުދޫ ކައުންސިލްގެ އިންފޮމޭޝަން އޮފިސަރ ޤާސިމް ވިދާޅުވީ ރޯދަ މަހަށް ޚާއްސަކޮށްގެން ރަށުގެ ކޮންމެ ގެއެއްގެ ކަރަންޓު ބިލުގެ ދެބައިކުޅަ އެއްބައި ދައްކަމުން އަންނަތާ މިއީ ތިންވަނަ އަހަރުކަމަށާއި، ފުރަތަމަ އަހަރު ކަރަންޓު ބިލުގެ 100 އިންސައްތަ ދައްކާފައިވާނީ ކައުންސިލުން ކަމަށެވެ.
"މިކަން ކައުންސިލުން ކުރާތާ މިއީ ތިންވަނަ އަހަރު. ފުރަތަމަ އަހަރު ކަރަންޓު ބިލު އެއްކޮށް ދައްކައިދިނިން. އެހެން ނަމަވެސް އޭގެފަހުން ދެބައިކުޅަ އެއްބައި ކައުންސިލުން ދައްކަމުން މި އަންނަނީ" ގާސިމް ވިދާޅުވިއެވެ.
ޤާސިމް އިތުރަށް ވިދާޅުވިގޮތުގައި ކައުންސިލްގެ މި ނިންމުމަކީ ރޯދަމަހުގައި ގޭތެރޭގެ ޚަރަދުތައް ބޮޑުވެގެންދާއިރު ރައްޔިތުންނަށް ލުޔެެއް ހޯދައިދިނުމަށް ކައުންސިލުން ނިންމި ނިންމުމެއް ކަމަށެވެ.
770 އަށްވުރެ ގިނަ ރައްޔިތުން ދިރިއުޅޭ ބޮޑުފޮޅުދޫގެ ކޮންމެ ގެއެއްގެ ކަރަންޓު ބިލުގެ 50 އިންސައްތަ ކައުންސިލުން ދައްކަން ނިންމާފައިވާއިރު އެ އަތޮޅު މާޅޮހުގެ ރޯދަމަހުގެ ކަރަންޓު ބިލުގެވެސް 50 އިންސައްތަ ދެއްކުމަށް އެ ރަށު ކައުންސިލުން ނިންމާފައިވާކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ