އދ. ދިއްދޫގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ގޭގެއަށް ކަރަންޓު ފޯރުކޮށްދޭން ފަށައިފި

އދ. ދިއްދޫގައި އިޔާދަކުރަނިވި ހަކަތަ އިން އުފައްދާ ކަރަންޓު ބޭނުންކޮށް ދުވާލުގަޑީގައި ހިދުމަތް ދޭން ފަށައިފިއެވެ.
އިއްޔެ ހަވީރު ދިއްދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައިވަނީ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ ދިއްދޫގައި ގާއިމުކުރި އިއާދަ ކުރަނިވި ހަކަތަ އުފައްދާ ސިސްޓަމް ބޭނުންކޮށްގެން ދިއްދުއަށް ދުވާލުގަޑީގައި ބޭނުންވާ ކަރަންޓްގެ 40 ފަސެންޓަށް ވުރެ ބޮޑު އަދަދެއް އުފެއްދޭނެކަމަށެވެ.
އޭގެ ސަބަބުން ތެލުގެ ހަރަދު ވަރަށް ބޮޑުތަން ކުޑަވެގެން ދާނެ ކަމަށް ތޯރިގު ވިދާޅުވިއެވެ.
ދިއްދޫގައި ގާއިމުކުރި ނިޒާމަކީ އޭސިއަން ޑިވެލޮޕްމަންޓް ބޭންކާއި ދިވެހި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންގޮސްފައިވާ ޕްރޮޖެކްޓެކެވެ.
އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ މަޝްރޫއު ގިނަ ރަށްތަކެއްގައި ކުރިއަށް ގެންދިޔުމަށް ސަރުކާރުން ނިންމާފައިވާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އެގޮތުން ވޭތުވެ ދިޔަ މަހުގައި ވ. ރަކީދޫގެ ރައްޔިތުންނަށް އިއާދަކުރަނިވި ހަކަތައިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ވަނީ ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ