އިސްރާއީލް ސިފައިން ފަލަސްތީންގެ އަންހެން ކުއްޖަކު ޝަހީދު ކޮށްލައިފި

އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ސިފައިން ފަލަސްތީންގެ އަންހެން ކުއްޖެއްގެ ގަޔަށް ބަޑި ޖަހައި އެކުއްޖާ ޝަހީދު ކޮށްލައިފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އިސްރާއީލް ސިފައިން މިއަންހެން ކުއްޖާގެ ގަޔަށް ބަޑި ޖަހައި އެކުއްޖާ ޝަހީދު ކޮށްލާފައި ވަނީ ހުޅަނގު އައްސޭރީގެ ހިބްރޫންގައި ހުންނަ މިސްކިތެއްގެ ކައިރިންނެވެ.
އިސްރާއީލް ސިފައިން ބުނީ އިސްރާއީލް ސިފައިންގެ މީހެއްގެ ގަޔަށް ވަޅިން ހަމަލާ ދޭން އުޅުނު ފަލަސްތީންގެ އަންހެނެއްގެ ގަޔަށް ބަޑި ޖަހާފައި ވާނެ ކަމަށެވެ.
ބަޑި ޖެހީ އަންހެނެއްގެ ގަޔަަށް ކަމަށް އިސްރާއިލް ސިފައިން ބުނި ނަމަވެސް ފަލަސްތީންގެ މީޑިއާ ތަކުން ރިޕޯޓް ކުރާ ގޮތުން އިސްރާއީލް ސިފައިން ބަޑި ޖެހީ އުމުރުން 16 އަހަރުގެ އަންހެން ކުއްޖެއްގެ ގަޔަށެވެ.
ފަލަސްތީންގެ ހެލްތު މިނިސްޓްރީ އިން ވެސް ވަނީ އިސްރާއީލްގެ ހަމަލާއެއްގައި ފަލަސްތީންގެ އަންހެނަކު ޝަހީދު ވެފައިވާކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް އޭނާގެ އުމުރެއް އަދި ނަމެއް ވެސް ފަލަސްތީންގެ ހެލްތު މިނިސްޓްރީ އިން ހާމައެއް ނުކުރެއެވެ.
ހިބްރޫން އަކީ އިސްރާއީލް އާއި ފަލަސްތީންގެ ދެމެދުގައި އެންމެ ގިނައިން ހަމަނުޖެހުން ހިނގާ އެއް ސަރަހައްދެވެ. ހިބްރޫން ގައި އެތައް ހާސް ޔަހޫދީންނެއް ޤަވައިދާއި ހިލާފަށް ވަޒަންވެރިވެފައި ވާއިރު ދެލައްކައެއްހައި ފަލަސްތީން މީހުން ވެސް ހިބްރޫންގައި ދިރިއުޅެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ