ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރި ކުރި މައްސަލާގައި ހަސަން ޝިފާއު ޖުމްލަ 109 އަހަރަށް ޖަލަށް ލުމާއެކު، 7 މިލިއަން ރުފިޔާގެ ޖޫރިމާނާއެއް ދެއްކުމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ވީ ކިހިނެއް؟ - ޝިފާއުގެ މައްޗަށް ތުހުމަތު ކުރެވެނީ އިތުރު މީހަކާ ބައިވެރިވެގެން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް ކަމުގައިވާ 'ކިންގްޑަމް އޮފް ފުރުޓްސް' މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކެއްގެ މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް ބޭރު ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ހީލަތް ހެދި ކަމަށެވެ.
މި މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން 23 ދައުވާއެއް އުފުލި އެވެ. އެއީ:
އެއީ އެގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ 9 ދައުވާ
މަކަރާއި ހީލަތް ހެދުމުގެ ކުށުގެ 7 ދައުވާ
މަނީ ލޯންޑަރިންގެ 7 ދައުވާ
މި ހުރިހާ ދައުވާތަކެއް ވެސް އޭނާގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
ތަފްސީލް - މިއަދު އޮތް އަދަބު ކަނޑައެޅުމުގެ ޝަރީއަތުގައި ޝިފާއު އެދުނީ ދެވެން އޮތް އެންމެ ކުޑަ އަދަބެއް ދިނުމަށެވެ. އެގޮތުން، ގޭބަންދަށް ނުވަތަ ޖޫރިމަނާގެ އަދަބެއް ދިނުމަށް އެދޭ ކަމަށާއި އެ މައްސަލާގައި ގެއްލުންވެފައިވާ މީހުންނަށް އެ ފައިސާ ދެވޭނީ ވެސް ގޭބަންދެއްގައި ހުރުމުން ކަމަށް ޝިފާއު ބުންޏެވެ.
ޝިފާއުގެ ވަކީލު އަބްދުﷲ މިފްރާޒް ވިދާޅުވީ، އޭނާގެ މައްޗަށް އަދަބު ކަނޑައެޅޭނީ މަނީލޯންޑަރިންގެ ކުށަށް އެކަނި ކަމަށް ދެކޭ ކަމަށެވެ. އަދި، ޝިފާއު ކޮންމެހެން މި މައްސަލާގައި ޖަލަށްލުމަކީ އެންމެ އެކަށީގެންވާ އަދަބު ނޫން ކަމަށް ވިދާޅުވި އެވެ.
އެކަމަކު މި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ، ކޮންމެ ދައުވާއަކީ ވެސް ތަފާތު މައްސަލަތަކުގައި ކޮށްފައިވާ ދައުވާތަކެއް ކަމަށާއި އެހެންކަމުން، ކޮންމެ ދައުވާއަކަށް ވެސް އަދަބު ކަނޑައެޅޭނެ ކަމަށެވެ. ބައެއް ދައުވާތަކުގެ އަދަބުގެ ދަރަޖަތައް މަތިކޮށް އަދަބު ކަނޑައަޅާފައިވެ އެވެ.
އެގޮތުން އޭނާގެ މައްޗަށް އިއްވީ، ޖުމްލަ 109 އަހަރާއި 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމަކާއެކު، ހަތް މިލިއަން ރުފިޔާގެ ޖޫރިމަނާގެ އަދަބެކެވެ. އެއީ:
ސައްހަނޫން ލިއުމެއް ދިނުމުގެ 9 ދުއުވާ - 9 އަހަރާއި 10 މަހާއި 26 ދުވަހުގެ ޖަލު އަދަބެއް
މަކަރާއި ހީލަތް ހެދުމުގެ 7 ދައުވާ - 30 އަހަރުގެ ޖަލު އަދަބެއް
މަނީލޯންޑަރިންގެ 7 ދައުވާ - 70 އަހަރުގެ ޖަލު ހުކުމަކާއެކު 7 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް
މި މައްސަލާގައި ގެއްލުންލިބުނު ކުންފުނިތަކަށް ބަދަލު ނަގައިދިނުމާއެކު ޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން އަހަރު ދުވަސްތެރޭ ދައްކާ ނިންމުމަށް ވެސް އަމުރުކުރި އެވެ.
އެނގުން މުހިންމު - ޝިފާއުގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގައި ބުނެފައިވާ ގޮތުން، އޭނާ ކުށުގެ އަމަލު ހިންގާފައިވަނީ ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުން ގަނެފައިވާ ތަކެއްޗަށް ފައިސާ ދިން ކަމަށް ދެއްކުމުގެ ގޮތުން ސައްހަ ނޫން ލިޔުން އުފައްދައި ހުށަހަޅައިގެންނެވެ. މި މައްސަލާގައި ދައުލަތުން އޭނާގެ މައްޗަށް 23 ދައުވާއެއް އުފުލައި ކޯޓަށް ހުށަހެޅީ 27 އޭޕްރީލް 2023ގަ އެވެ.
މި މައްސަލާގައި، ޖަލު ހުކުމެއް ތަންފީޒުކުރަން ނުޖެހޭ ގޮތަށް އިއުތިރާފު އެއްބަސްވުމެއް ހަދަން ވެސް ދައުލަތުން މީގެ ކުރިން ނިންމި އެވެ. އެކަމަކު، ގާޒީ ނަދީމް އެ ފުރުސަތު ދެއްވާފައެއް ނުވެ އެވެ.
ވަގު ޓީޓީ މައްސަލާގައި ޝިފާއު 109 އަހަރަށް ޖަލަށް؛ 7 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ