ބަނގުރަލާއި ބަނގުރާ ކައްކަން ބޭނުންކުރާ ސާމާނާއެކު މާލެއިން 3 މީހަކު ހައްޔަރުކޮށްފި

މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރަލާއި ބަނގުރާ ކައްކަން ބޭނުންކުރާ ސާމާނާއެކު މާލެއިން 3 މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 15 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި އެޕާޓްމެންޓްތަކުން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 12 ފުޅިއާއި 5 ލީޓަރުގެ 3 ފުޅި އަދި 12 ޓައްޕު ފެނިފައިވާ ކަމަށެވެ.
މީގެއިތުރުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅަކާއި ރަބަރު ޕެކެޓެއްގެ އިތުރުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތައް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ 3 މީހުން ޑީޕޯޓްކޮށްލުމަށްޓަކައި އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ