ރޭގަނޑު އާންމު ތަންތަނުގައި އުޅޭ ބިދޭސީ މަސައްކަތްތެރިން ބަލައިފާސްކުރުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނަސްލީ ތަފާތުކުރުން އޮތް ސިޔާސަތާއި ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސަރުކާރުގެ މި ސިޔާސަތާމެދު ކަންބޮޑުވުން ފާޅުކޮށް ޓްރާންސްޕޭރެންސީ އަދި ގުޅިފައިވާ އެހެން ޖަމިއްޔާތަކުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ނިންމުމުގެ ސަބަބުން އެއްވެސް އަސާސެއްނެތި ވަކި ބަޔަކަށް ތަފާތުކުރެވޭ ކަމަށެވެ. އަދި، މިކަމުގެ ސަބަބުން ގާނޫނުއަސާސީން ލިބިދޭ ހައްގުތަކާއި އިންސާނީ ހައްގުތަށް ހަނިވާކަން ޓީއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން، ވަކި ބަޔަކަށް ޓާގެޓުކޮށްފައިވާ ސަރުކާރުގެ މި ނިންމުމުގެ ސަބަބުން ބިދޭސީ މަސައްކަތްތެރިންނަށް ލިބިދޭ މިނިވަންކަމާއެކު އެއްތަނުން އަނެއް ތަނަށް ދިޔުމުގެ ހައްގަށް އަރައިގަނެވޭކަން އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެ އެވެ.
"މިކަމުގެ ސަބަބުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން އަދި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މެދުގައި ބިރުވެރިކަން އުފެދި. އެ މީހުންނާއި ދެކޮޅު އަޑުތައް ގަދަވެ، އެ އަޑުތަކާއި އަމަލުތަކަށް ހިތްވަރު ލިބި، ގާނޫނު ނެގެހެއްޓުމަށް ގޮންޖެހުން ކުރިމަތިވާނެ ކަމަށް ބެލެވޭ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އަދި، އެއްވެސް މީހެއްގެ މެދުގައި ތަފާތު ކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ ހިލާފު ކަމެއްކަން ފާހަގަކޮށް ބިދޭސީ މަސައްކަތްތެރިންނަކީ ކުށްވެރިންގެ ގޮތުގައި ސިފަކުރުން ހުއްޓާލުމަށް ޓީއެމް އިން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.
އަދި، މުއިއްޒުގެ މި ނިންމުމާއި ފުލުހުން މިކަމާއި ގުޅިގެން ނެރުނު ބަޔާން އަދި ރެއިން ފެށިގެން އަމަލުކުރަމުންދާ ގޮތް ބަލައި، އެކަންކަމުގައި ހުރި ގާނޫނީ ފުށުއެރުންތައް ދެނެގަނެ މިކަމަށް ހައްލެއް ހޯދައިދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަނާއި ބަންޑާރަނައިބުގެ އޮފީހަށް ޓީއެމް އިން ވަނީ ގޮވާލާފަ އެވެ.
ރޭގަނޑު 12 ގެ ފަހުން އާންމު ތަންތަނުގައި އާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކުރަން މުއިއްޒު އެންގެވީ އިއްޔެ އެވެ. އެއާއެކު އެ އެންގުމަށް އަމަލުކުރާނެ ކަން ހާމަކޮށް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފުލުހުން ބަޔާންތަކެއް ނެރުނެވެ.
މި ނިންމުމާއި ފުލުހުންގެ ބަޔާންތަކަށް ފާޑުކިޔުން އަމާޒުވުމުން އިނގިރޭސިން ނެރުނު ބަޔާން މިހާރު ވަނީ ޑިލީޓުކޮށްފަ އެވެ.
މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެގޮތަށް އަމަލުކުރަން އެންގެވީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ބައެއް މީހުން ރޭގަނޑު ދަންވަރުގެ ވަގުތުތަކުގައި އާއި ރަށު ތެރޭގެ އާންމު މަސްލަހަތު ގެއްލޭފަދަ ކަންކަން ކުރަމުން ދާތީ ކަމަށެވެ.
އަދި، އެ ވަގުތުތަކުގައި މަގުމަތީގައި އުޅޭ ބިދޭސީން އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް އުޅެމުންދާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"ދަންވަރު 12:00 އިން ފެށިގެން ހެނދުނު 06:00 އާއި ހަމައަށް އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކޮށް އަދި ފާހަގަވާ ކަންކަމާއި ގުޅިގެން ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅެއްވާ ނަމަ އެ ފިޔަވަޅު އެޅުމަށް މިރެއިން ފެށިގެން ދިވެހި ފުލުހުންނާއި ކަމާއިބެހޭ އެހެން އިދާރާތަކުން މަސައްކަތް ފަށަން ވާނީ ދަންނަވާފައި،" މުއިއްޒު ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
މިފަދައިން އަމަލުކުރަން މުއިއްޒު އެންގެވިއިރު، އެއްވެސް މީހެއްގެ މެދުގައި ތަފާތު ކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ ހިލާފު ކަމެކެވެ. އެގޮތުން ގާނޫނުއަސާސީގެ 17 ވަނަ މާއްދާގެ ހ. ގައި ބަޔާންކޮށްފައި އޮންނަނީ، ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާން ކޮށްފައި ހުރި ހައްގުތައް ހުރިހާ އެންމެންނަށް ވެސް ހަމަހަމައަށް ލިބިގެންވާ ކަމަށެވެ.
އަދި، އެ ހައްގުތަކާއި މިނިވަންކަން ލިބުމުގައި އެމީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ޖިސްމާނީ އަދި ނަފްސާނީ ނުކުޅެދުންތެރިކަމަށް ބަލައިގެން ނުވާ ކަަށް އެ މާއްދާގައި ބަޔާން ކޮށްފައިވެ އެވެ.
ސަރުކާރުގެ ނަސްލީ ތަފާތުކުރުން އޮތް ސިޔާސަތާމެދު ޓްރާންސްޕޭރެންސީ އިން ކަންބޮޑުވުން ފާޅުކޮށްފި ސަރުކާރުގެ ނަސްލީ ތަފާތުކުރުން އޮތް ސިޔާސަތާމެދު ޓްރާންސްޕޭރެންސީ އިން ކަންބޮޑުވުން ފާޅުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ