ވިޔަފާރިވެރިންނަށް ފައިސާ ދިނުމަށް އަނެއްކާވެސް އާ ތާރީހެއް، ފަސްކުރަމުން ގޮސް މިފަހަރު ރޯދަ މަހަށް! ވިޔަފާރިވެރިންނަށް ފައިސާ ދިނުމަށް އަނެއްކާވެސް އާ ތާރީހެއް، ފަސްކުރަމުން ގޮސް މިފަހަރު ރޯދަ މަހަށް!

ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ތާރީހުތައް އެކި ފަހަރުމަތިން ބަދަލުކުރުމަށްފަހު، އެ ފައިސާ ދައްކާނެ އާ ތާރީހެއް ރައީސް މުހައްމަދު މުއިއްޒު އަނެއްކާވެސް ދެއްވައިފި އެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، ވިޔަފާރިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ނުދެއްކި ހުރި ބިލްތައް ކަމަށެވެ. އެހެންކަމުން، "މި މަސް ނިމޭއިރަށް ވީހާވެސް ގިނަ ބިލްތަކެއް ކްލިއާ ކުރުމަށް" މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން ކުންފުނިތަކަށް ފައިސާ ނުދެއްކި ހުރުމުގެ ސަބަބުން، ކުންފުނިތަކުން ދައްކަންޖެހޭ ޓެކްސްއަށް އެ ފައިސާ މުގާބިލުކޮށް (ސެޓް-އޯފް ކޮށް) ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
"ދެންހުރި ފައިސާވެސް މި ދެންނެވިހެން، ފުދޭވަރެއްގެ ގިނަ ފަރާތްތަކަކަށް މިމަސް ނިމޭއިރަށް، ބާކީ މި އޮތް ފަނަރަވަރަކަށް ދުވަސް ތެރޭގައި، ދެ ހަފުތާއެއްހާ ދުވަސް މިއޮތީ، އިރާދަކުރެއްވިއްޔާ މި ބަލަނީ، ޕޭކޮށްލެވޭތޯ." އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ އެންމެ ފަސްވެގެން ބާކީ ހުރި ފައިސާ ރޯދަމަހާ ހަމައަށް ދާއިރު ކްލިއާ ކޮށްލުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. އަދި މިގޮތަށް ބިލްތައް ހަމަޖައްސާއިރު، މީރާއަށް ދައްކަން ހުރި ފައިސާއަށް ވެސް ހައްލެއް ލިބޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށް ވިދާޅުވިއެވެ.
މީގެ ކުރިން، އޮކްޓޯބަރު 2 ވަނަ ދުވަހު ރައީސް މުއިއްޒު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އުސޫލުތަކާ އެއްގޮތަށް ހުށަހަޅާފައިވާ ހުރިހާ ބިލެއް ފަސް ހަފުތާ ތެރޭގައި ދައްކައި ނިންމާނެ ކަމަށެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރުވެސް އެ ވައުދު ފުއްދިފައެއް ނުވެއެވެ.
އެ ފަހަރު ފައިސާ ނުދެއްކޭނެކަން ކަށަވަރުވުމުން، ރައީސް ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ފަސް ހަފުތާ ތެރޭ ފައިސާ "ދޭން ފަށާނެ" ވާހަކަ ކަމަށެވެ. އެހެންނަމަވެސް، ރައީސްގެ އަސްލު ޕޯސްޓާއި، ލ. ފޮނަދޫގައި ދެއްކެވި ވާހަކަފުޅުތަކުގެ ރެކޯޑިންތަކުން ސާފުވާ ގޮތުގައި، އެމަނިކުފާނު ވިދާޅުވެފައިވަނީ ފަސް ހަފުތާ ތެރޭގައި ފައިސާ ދައްކައި "ނިންމާނެ" ކަމަށެވެ.
ބިލްތަކަށް ފައިސާ ނުދެއްކި ލަސްވަނީ ސަރުކާރުގެ ހަރަދުތަކާއި އިސްރާފު ބޮޑުވުމުގެ ސަބަބުން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ކޮށްފައިވާ މަސައްކަތްތަކަށް ނުދެއްކި ހުރި ފައިސާގެ އަދަދު މިހާރު އެތައް ބިލިއަނަކަށް އަރާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި ފައިސާގެ ބޮޑު ބައެއް ހަލާސްކުރުމަށް ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕުކޮށްގެން ކަމަށް ތުހުމަތު ކުރެވެއެވެ. މިއީ "ފައިސާ ޗާޕުނުކޮށް އިގްތިސާދު ކޮޅަށް ޖަހާނެ" ކަމަށް ވިދާޅުވެ މުއިއްޒު ކުރިން ވެވަޑައިގެންފައިވާ ވައުދާ ސީދާ ފުށުއަރާ ކަމެކެވެ.
އަމިއްލަ ވިޔަފާރިވެރިން ލިބެންޖެހޭ ބިލްތަކަށް ސަރުކާރުން ފައިސާ ނުދައްކާތީ، ރައްޔިތުންގެ ބައްދަލުވުންތަކުގައި މުއިއްޒަށް ވަރަށް ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވެ އެވެ. އަދި އެ މަނިކުފާނު ކުރިން ދައްކަވާފައިވާ ވާހަކަތައް ސޯޝަލް މީޑިއާއަށް އަލުން ތިލަކޮށް ދައުރު ވެސްކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ