ރައްޔިތުންގެ މަޖިލިސްގައި ސިއްރު ވޯޓު އަދި ނުނެގުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި

ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓުތައް ރައްޔިތުންގެ މަޖިލިސްއިން ސިއްރުކުރަން ފާސްކޮށްފައިވަނީ ގާނޫނު އަސާސީ އާއި ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށައެޅިފައިވާތީ އެމައްސަލަ އާއި މެދު ގޮތެއް ނިމެންދެން ސިއްރު ވޯޓުތައް ނުނެގުމަށް ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީޙުގެ މައްޗަށް އަމުރުކޮށްފި އެވެ.
ސްޕްރީމް ކޯޓުން ކޮށްފައިވާ މި އަމުރުގައި ބުނެފައިވަނީ މަޖިލީހުގައި ނެގޭ ސިއްރު ވޯޓްތަކުގެ މައްސަލަޔަކީ މިހާރު ޝަރުއީ މަރުހަލާގައި ހިގަމުންދާ މައްސަލަޔަކަށްވާއިރު އެ މައްސަލަޔަށް ސްޕްރީމް ކޯޓުން ވަކި ގޮތެއް ކަޑައަޅަންދެން މަޖިލީހުގައި ނަގާ އެއްވެސް ސިއްރު ވޯޓެއް ނުނަގައި މަޑު ޖައްސާލުމަށެވެ.
އިތުބާރު ނެތް ކަމަށް ނަގާ ވޯޓުތައް ސިއްރު ކުރަން ނިންމާފައިވަނީ ގާނޫނު އަސާސީއާއި ހިލާފަށް ކަމަށް ބުނެ ދައުވާ އުފުލާފައިވަނީ ޕީޕީއެމްގެ ކައުންސިލު މެމްބަރު އަހުމަދު ސިއްދީގާއި އިބްރާހީމު ހުސައިންއެވެ. މިމައްސަލައިގައި ވަކާލާތުކުރައްވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި މަޝްހޫރު ގާނޫނީ ވަކިޅު މުހައްމަދު ވަހީދު (ވައްޑެ) އެވެ.
އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރުކުރަން ފާސްވީ 41 މެމްބަރުން ވޯޓުދެއްވައިގެންނެވެ. ވޯޓު ދެއްވި މެމްބަރުންގެ ތެރޭގައި އެމްޑީޕީ އާއި ޑީއާރުޕީގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. ވޯޓް ސިއްރުކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓް ދެއްވީ 34 މެމްބަރުންނެވެ.
އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރުކުރަން ފެންނަ ކަމަށް ވޯޓުދެއްވި ޑީއާރުޕީގެ މެމްބަރުންނަކީ މަތިވެރި ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދާއި، ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ މައުސޫމް އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު ވިސާމް އަލީ އާއި ކެންދޫ ދާއިރާގެ މެމްބަރު އަހުމަދު ތަސްމީން އަލީ އާއި ތުލުސްދޫ ދާއިރާގެ ރޮޒެއިނާ އާދަމް އާއި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ހަސަން ލަތީފް އާއި އަލިފުށީ ދާއިރާގެ މެމްބަރު އަހުމަދު ނާޝިޒާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ