ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދެކޮޅު ހައްދަވާ ކަމަށް ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރިޔާސީ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކުރިޔަށް އޮތް ފަސް އަހަރަށް އެމަނިކުފާނު އިންތިހާބު ކުރައްވަން ޖެހޭ އެއް ސަބަބަކީ ސިންގަލް ޕްރެޒިޑެންޓެއްގެ ގޮތުގައި ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާގެ މަގާމް އަދާ ކުރައްވާނެތީ ކަމަށެވެ. ރައީސް ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓު ސިންގަލް ޕްރެޒިޑެންޓަށް ނުވާނެ ކަމަށާއި އެއީ ބާރުތައް ބަހަން ޖެހިވަޑައިގަންނަވާނެ ފަދަ ރައީސްއަކަށް ވާނެ ކަމަށެވެ. އަދި އިދިކޮޅު ކެންޑިޑޭޓުގެ "ޕާޓީގެ ބޮސް" ވިދާޅުވާ ގޮތަށް ކަންތައް ނުކުރައްވައިފި ނަމަ އެ މަގާމްގައި ވެސް ނުހުރެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ކުރިން ސަރުކާރު ކޯލިޝަނެއްގައި އޮތް އިރުވެސް އެފަދަ ޕްރެޝަރުތައް ރައީސް ޔާމީންއަށް ވެސް އައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެގޮތުން ރައީސް މައުމޫންއަށް ނިސްބަތްކޮށް ރައީސް ޔާމީން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރަން އުނދަގޫވި ކަމަށާއި އެއީ މަރުގެ ހުކުމް ތަންފިޒު ކުރަަން ވާނެ ކަމަކަށް "ޕާޓީގެ ބޮސް" ގަބޫލެއް ނުކުރައްވާ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ހައްގުގައި އެކަން ކުރައްވަން ނިންމާވާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑު މި ނިކުތީ ރައިސުލްޖުމްހޫރިއްޔާ ކަމަށް އަޅުގަނޑުގެ ޕާޓީ އެކަނި ގޮވައިގެން، ދެން އަޅުގަނޑަ އެކީ މަސައްކަތް ކުރާ އެހެން ދެ ޕާޓީ އެބައޮތް، އެތަނުގައި ނެތް ސީރިޔަސް ކޮންޓެންޑާޒް އެއް، އަޅުގަނޑުގެ ވާދަވެރި ފަރާތުން އެ އުޅުއްވަނީ އޭނަގެ މައްޗައް އޭނަގެ ޕާޓީގެ ވެސް ލީޑަރު އެބަ ހުންނެވި، އަދި އޭނައާ އެކީ މަސައްކަތް ކުރައްވާ ޕާޓީތަކުގައި އެބަ ހުންނެވި ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅުންވެސް އަދި އެ ކޭކުން ބައިއަޅަން ބޭނުންވާ ބޭފުޅުން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ނިކުންނަވަނީ ރައްޔިތުންގެ މެދުގައި ހުރި މައްސަލަތައް ބައްލަވާ، ފަންނީ މީހުންނާއެކު މަޝްވަރާ ކުރުމަށް ފަހު އެކަންކަމަށް ހައްލު ހޯދަައިދެއްވުމަށް ކަމަށެވެ. އަަދި ރައްޔިތުންނަށްޓަކައި މަސައްކަތް ކުރުމަށް އިތުރު ބައެއްގެ ކައިރިން ހުއްދައެއް ހޯއްދަން ޖެހިވަޑައި ނުގަންނަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
މަރުގެ ހުކުމް ތަންފީޒުކުރަން މައުމޫން ދެކޮޅު: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ