ސުރުހީގައި އެލް އޯ އެލް އޮތެއް ކަމަކު އަދި މި ހަބަރު ދުވަސް ނޫހުގެ ލުއި ސަފްހާ ކެޓަގަރީއަށް ލާފައިވީ ކަމަކު މިކަން މި ގުޅެނީ ހިތާމަވެރި ހާދިސާ އަކާއެވެ. ގައުމުގެ ވަލިއްޔުލް އަމްރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލަން ފިނިފެންމާ ލޯންޗުކޮޅަށް ހަމަލާދިން ހާދިސާ އާ އެވެ.
މި ހާދިސާގެ ތަހުގީގު ކުރިއަށްދާއިރު އަދި މި ތަހުގީގުގެ މާ ބޮޑު ތަފްސީލެއް ހާމަކޮށްފައި ނުވާއިރު އެކި ފަރާތްތަކުން އަންނަނީ އެކި ކަހަލަ ތިއަރީތައް މިކަމުގައި ނެރެމުންނެވެ. އުފައްދަމުންނެވެ. ކައްކާ ރޯފިލުވާ ސުފުރާ މައްޗަށް އަރުވަމުންނެވެ.
މިކަން ކުރީ ނައިބު ރައީސް އަދީބު ކަމަށް އެއްބަޔަކު ބުނާއިރު އަނެއް ބަޔަކު ބުނަނީ މިކަމަކީ ސަންޓްރެވެލް ސިޔާމްގެ ރޭވުމެއްގެ ދަށުން ނައިބު ރައީސްގެ އަގު ވައްޓާލަން ރޭވި މޮޅު ރޭވުމެއް ކަމަށެވެ. އަދި އިހައްދުވަހު ކުރީގެ ޑިފެންސް މިނިސްޓަރު ޖަލުގައި ހުންނަ ގޮޅިން މޯބައިލް ފޯނެއް ފެނުނު ވާހަކަ އާންމު ވުމުން ލޯންޗަށް ދިން ހަމަލާއަކީ ސީދާ ނާޒިމްގެ މޭސްތިރި ކަމުގެ ދަށުން ރާވާ ހިންގި ޖަރީމާއެއް ކަމަށް ބުނާ މީހުން މަދެއް ނޫނެވެ.
އެ ތިއަރީތައް ބަހައްޓާށެވެ. މި ތިއަރީ އަދި މާ ފައްކަލެވެ. ޓްވިޓާގައްޔާއި ފޭސްބުކުގައި ދައުރުވަމުން އަންނަ ކޮންވަޒޭޝަނަކަށް ބަލާއިރު އެ ކޮންވަޒޭޝަން ލީކު ކޮށްލި ބަޔަކު މިވަނީ ލޯންޗުކޮޅަށް ހަމަލާދިން މީހުން ހޯދާފަ އެވެ. އިތުރަށް ދެން މިކަން ތަހުގީގު ކުރުމުގެ ބޭނުމެއް ނެތެވެ. އެއީ ރައީސް ނަޝީދުގެ ވެރިކަމުގައި ހާރިޖީ ވަޒީރުކަން ކުރެއްވި އަހުމަދު ނަސީމް (ކެރަފާ ނަސީމް) އާއި އަހުމަދު ތަސްމީން އަލީއާއި ދެމެދު ޓްވިޓާގައި ދެކެވިފައިވާ ސިއްރު ކޮންވަޒޭޝަނެކެވެ.
މިކަން ރާވާ ހިންގީ ތަސްމީނާއި ނަސީމްކަން މި ކޮންވަޒޭޝަނުން ސާފުކޮށް އެނގެ އެވެ.(އެލްއޯއެލް) ކޮންވަޒޭޝަން ނިންމާލަމުން ކޮންވަޒޭޝަން ޑިލީޓް ކޮށްލަން ތަސްމީން ކުރެން ނަސީމް އެދުނު ނަމަވެސް ދެކޮޅުން ޑިލީޓް ނުކުރެވިގެން އުޅެނިކޮށް ދެމީހުންގެ އެކައުންޓް ހެކް ކޮށް މި ކޮންވަޒޭޝަން މިވަނީ ފަޅާއަރުވާލާފަ އެވެ.
ނަމަވެސް ހިތާމައަކީ މި ކޮންވަޒޭޝަން ގަބޫލު ކުރާ މީހުން މަދު ކަމެވެ. ގިނަ މީހުން ގާތަށް އަންނަނީ ނުލަފާ “ހިންޏެކެވެ” ވާނީވެސް އެހެންނޫންހެއްޔެވެ. ޓެކްނޮލޮޖީގެ މި ޒަމާނުގައި ސްމާޓް ފޯނުތަކުގައި ފޭކް ކޮންވަޒޭޝަން ޖެނެރޭޓްކުރާ އެޕްލިކޭޝަންތައް ހުންނަކަން މިހާރު އެންމެންނަށްވެސް އެނގެ އެވެ. އަދި ގޫގަލްގައި ފޭކް ޗެޓްލޮގް ޖެނެރޭޓާ ޖަހައިގެން ސާޗްކޮށްލުމުން ފޭކް ޗެޓްލޮގް ޖެނެރޭޓްކުރާ ހާހެއްހާ ވެބްސައިޓްސް ފެންނާނެ ކަންވެސް މީހުންނަށް އެނގެ އެވެ.
ލޯންޗުކޮޅު ގޮއްވައިލީ ތަސްމީނާއި ކުރީގެ ހާރިޖީ ވަޒީރު އަހުމަދު ނަސީމް – އެލް އޯ އެލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ