ހެނބަދޫ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް އިފްތިތާހުކޮށްފި

އެމްޑަބްލިއުއެސްސީން ނ. ހެނބަދޫގެ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް އިފްތިތާހު ކޮށްފިއެވެ.
މިމަޝްރޫއުގެ މަސައްކަތް އިފްތިތާހު ކޮށްދެއްވާފައި ވަނީ، ހެނބަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން ޝާހު އާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާގެ އިތުރުން ހެނބަދޫގެ ކައުންސިލްގެ ރައީސް އާދަމް ސަމީރެވެ.
މި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖްމެންޓްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ހެނބަދުއަށް ގެންގޮސް، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތް ކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތްތައް ވެސް މިހާރު ދަނީ ކުރަމުންނެވެ.
މި މަޝްރޫއުގެ ދަށުން ހެނބަދޫގައި 5.1 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމް ކުރުމާއި އާއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާ ކުރުމަށްޓަކައި 3 ތާންގި ބެހެއްޓުން ހިމެނެއެވެ. އަދި ގޭގޭގައި ފެންމީޓަރު ބަހައްޓާ ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށް ދޭނެއެވެ.
ހަމައެއާއެކު، މި މަޝްރޫއުގެ ދަށުން ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށް ދިނުމަށް ހަމަޖެހިފައި ވާ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ.
ހެނބަދޫގެ ފެނުގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ފެން ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މުއްދަތަކީ 15 މަސް ދުވަހެވެ. މި މަޝްރޫއަށް ޖުމްލަ 41 މިލިއަން ދިވެހި ރުފިޔާ ހަރަދުވާނެ ކަމަށް ލަފާ ކުރެވެއެވެ.
މި މަޝްރޫއުގެ މަސައްކަތް ނިމުމުން ހެނބަދޫ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ