މަންދު ކޮލެޖަށް ލިބުނު ގެއްލުމުގެ ރިޕޯޓެއް އޮޑިޓާ ޖެނެރަލް ހެދިއިރު އެ ކޮލެޖުގެ ލިޔެ ކިޔުމާއި ރެކޯޑްތައް ބަލާފައި ނުވާ ކަމަށް ވިދާޅުވެ މަންދު ކޮލެޖްގެ ވެރިޔާ އިބްރާހިމް އިސްމާއީލް (އިބްރާ) ފާޑުވިދާޅުވެއްޖެއެވެ.
އިބްރާ މިހެން ވިދާޅުވީ، މަންދު ކޮލެޖަށް 1.5 މިލިއަން ދިނުމަށް އޮޑިޓާ ޖެނެރަލް އޮފީހުން ލަފާ ދީ ތައްޔާރު ކޮށްފައިވާ ރިޕޯޓާ ގުޅިގެންނެވެ. އިބްރާ ވިދާޅުވީ، އެ ކުންފުނީގެ މުދަލާއި ވިޔާފާރިއަށް ލިބިފައިވާ ގެއްލުން އޮޑިޓާ ޖެނެރަލަށް އަދުލުވެރިކަމާ އެކު ވަޒަން ކުރެއްވޭނީ އެ ކުންފުނީގެ ބަހެއް ހޯއްދަވައިގެން ކަމަށެވެ.
އިބްރާ ވިދާޅުވީ، އެ ކުންފުނީގެ އެއްވެސް ލިޔެ ކިޔުމެއް، ރެކޯޑެއް ނުވަތަ މަޝްވަރާއެއް ވެސް ބެއްލެވުމެއް ނެތި އޮޑިޓާ ޖެނެރަލް އެކުލަވާ ލެއްވި ރިޕޯޓަކީ އޭގައި އެއްވެސް ސައްހަ ކަމެއް، ބުރަދަނެއް ނެތް، ބައިނަލް އަގްވާމީ އޮޑިޓް ކުރުމުގެ މިންގަނޑުތަކާ ހިލާފް، ތައައްސުބު އެކުލެވޭ ބާތިލް ރިޕޯޓެއް ކަމަށެވެ. އަދި ރައްޔިތުންގެ ތެރޭގައި އޮޅުންތައް އަރާނޭގޮތަށް އޮޑިޓަރ ޖެނެރަލް ސިއްރިޔާތުގައި މި ފަދަ ރިޕޯޓެއް ނެރުއްވުމަކީ ޒިންމާދާރުކަން ކުޑަ، އޮޑިޓާ ޖެނެރަލްގެ މަގާމާ އެކަށީގެންނުވާ އަމަލެއް ކަމަށް އިބްރާ ވިދާޅުވިއެވެ.
މިއަދު އެކަމާ ގުޅިގެން އޭނާ ކުރެއްވި ޓްވީޓެއްގައި ވަނީ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތަށް އެޑްރެސް ކުރައްވާ ހުށަހެޅުއްވި ސިޓީ ހިއްސާ ކުރައްވާފައެވެ. އެ ސީޓިގައި ވަނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މާލެ ހައި ޕްރައިވެޓް ލިމިޓެޑް އާ ދެމެދު ވެފައިވާ އެއްބަސްވުން އުވާލައި ގާނޫނާ ހިލާފަށް، ގަދަކަމުން މި ކުންފުނީގެ ބެލުމުގެ ދަށުގައިވާ އިމާރާތެއް ފޭރުނު މައްސަލައާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ކަނޑައަޅަން ރިޕޯޓެއް ތައްޔާރުކޮށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވި ވާހަކަ މީޑިޔާގެ ތެރެއިން އިވެމުން އަންނަ ކަމަށެވެ. އަދި އެފަދަ ރިޕޯޓެއް އޭޖީ ތައްޔާރު ކުރައްވާފައިވާ ނަމަ އެކަން އެންގުމަށް އެދިފައި ވެއެވެ.
ގާނޫނު އަސާސީގެ 61 ވަނަ މާއްދާގެ (ރ) ގައި ވާ ގޮތުން، މި ކުންފުންޏާ ގުޅޭ ގޮތުން އެ އޮފީހުގައި ރައްކާކުރެވިފައި ވާ އެންމެހައި މައުލޫމާތު މި ކުންފުންޏަށް ލިބިގަތުމުގެ ހައްގު އެބަ އޮތް ކަމަށް ވެސް އެ ސީޓިގައި ވެއެވެ. އެހެންކަމުން، އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރު ކުރި ރިޕޯޓުގެ ކޮޕީއަކާއި އެ ރިޕޯޓް ބިނާކުރެއްވި އެންމެހައި ހެއްކާއި، ލިޔެ ކިޔުމާއި އެނޫން ވެސް މައުލޫމާތާއި މަސްދަރުތައް އެ ކުންފުންޏަށް ހާމަކޮށްދެއްވުން އެދޭ ކަމަށް ބުނެފައި ވެއެވެ.
މީގެ އިތުރުން އޮޑިޓާ ޖެނެރަލްގެ ރިޕޯޓާ ހަވާލާ ދީ މިހާރު މަންދު ކޮލެޖާ ގުޅުވައިގެން މީޑިއާގައި ދެކެވެމުންދާ ވާހަކަތަކުގެ ސަބަބުން ކުންފުނި ވަރަށް ބޮޑަށް ބަދުނާމު ވަމުން ދާ ކަމަށާއި އެހެންވެ އެ ލިޔެކިޔުންތައް ވީހާ ވެސް އަވަހަކަށް ހިއްސާ ކޮށްދިނުމަށް އެ ސިޓީގައި އެދިފައި ވެއެވެ.
މަންދު ކޮލެޖު ސަރުކާރުން އަތުލީ ގޯސްކޮށް ކަމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް، ބަދަލުގެެ ގޮތުގައި 18 މިލިއަން ރުފިޔާ ހޯދަން މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައި ވަނީ ދައުވާ ކޮށްފައެވެ. އެއީ މަންދު ކޮލެޖް އެ އިމާރާތުން ބޭރުކޮށް ލުމުން އެހެން ތަނެއް ހޯދަން މިހާތަނަށް ކުރި ހަރަދުގެ ބަދަލު ކަމަށް ބުނެއެވެ.
ނަމަވެސް ދައުލަތުން ވަނީ އޭގެ ތެރެއިން 15 މިލިއަން ރުފިޔާ ދޭން އެއްބަސް ވެފައެވެ. ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދެ ފަރާތުން އެގޮތަށް އެއްބަސްވުމުން މިދިޔަ ހޯމަ ދުވަހު ދައުލަތުގެ މައްޗަށް ކޯޓުން ހުކުމް ކުރީ އެ ފައިސާ އެއް މަސް ތެރޭގައި ދެއްކުމަށެވެ. މި މައްސަލައާ ގުޅިގެން އޮޑިޓާ ޖެނެރަލް އޮފީހުން ތައްޔާރު ކޮށްފައިވާ އެސެސްމަންޓް ރިޕޯޓުގެ ވާހަކަތައް އިއްޔެ މީޑިއާއަށް ތިލަވި އިރު އޭގައި ވަނީ އެ ކޮލެޖަށް ދޭންޖެހޭ ބަދަލު ދެބަޔަކަށް ބަހާލާފައެވެ. އެގޮތުން ފުރަތަމަ އަދަދަކީ 1.27 މިލިއަން ރުފިޔާގެ ބަދަލެކެވެ. އަދި ދެވަނަ އަދަދަކީ 1.58 މިލިއަން ރުފިޔާގެ ބަދަލެކެވެ.
އިބްރާގެ ރައްދު ޒިޔަތަށް: ސިއްރުން ރިޕޯޓެއް ނެރެ ތިކުރީ މަގާމާ އެކަށީގެން ނުވާ ކަމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ