އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ފައިސަލް ނަސީމް އިހަވަންދޫ ދާއިރާގެ ބައެއް ރައްޔިތުންނާ ބައްދަލުކުރައްވައި އިންތިޚާބާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
ޖުމްހޫރީ ޕާޓިގެ އޮފީހުގައި މިރޭ ބޭއްވި މި ބައްދަލުވުމުގައި އިހަވަންދޫ ދާއިރާއަށް ނިސްބަތްވާ ބައެއް ރައްޔިތުން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ގުޅިފައިވާ ޕާޓީތަކުން ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ. އެގޮތުން އިއްތިހާދުގެ ކެންޑިޑޭޓާއި ރަނިންމޭޓަށް ކާމިޔާބު ލިބޭނެ މަގަށް މަސައްކަތް ކޮށްދިނުމަށް ފައިސަލް ވަނީ އެދިވަޑައިގެންފައެވެ.
މި ބައްދަލުުވުމުގައި ބައިވެރިވި އިހަވަންދޫ ދާއިރާގެ ރައްޔިތުން ވަނީ ރައްޔިތުންގެ މަޖިލީހުގައި އެދާއިރާ ތަމްސީލު ކުރައްވާ މެމްބަރުގެ ގޮނޑި ގެއްލިއްޖެ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި އެދާއިރާ ތަމްސީލް ކުރެވޭނެ އެއްވެސް ގޮތެއް ނުދައްކައި އަހަރު ދުވަސް ފާއިތުވެފައިވާތީ އެކަމާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަދި އެރައްޔިތުން ވަނީ ގޮނޑި ގެއްލިއްޖެ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މެމްބަރު ބައިވެރިވިޔަނުދީ، ފާރުމަތިން ނަގާ އެއްލާލުން ފަދަ ކަންކަން އެ މެމްބަރަށް ކޮށްފައިވާތީ އެކަންކަން ކުށްވެރިކޮށްފައެވެ.
މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގައި އިހަވަންދޫ ދާއިރާ ތަމްސީލުކުރައްވާ މެމްބަރު މުހައްމަދު އަބްދުﷲ އާއި ކުރީގެ ޔޫތު މިނިސްޓަރު މަލީހު ޖަމާލް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ގުޅިފައިވާ އިއްތިހާދުގެ ރަނިންމޭޓް ގެންދަވަނީ މާލޭގައި ތިބި އެކި ދާއިރާތަކުގެ ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރައްވަމުންނެވެ. އެގޮތުން އިހަވަންދޫ ދާއިރާގެ އިތުރަށް ފުވައްމުލަކުގެ ބައެއް ދާއިރާތަކުގެ ރައްޔިތުންނާއި ގައްދޫ ދާއިރާގެ ރައްޔިތުންނާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ.
އިއްތިހާދުގެ ރަނިންމޭޓް އިހަވަންދޫ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ