ކަރަންޓް ބިލްކުރެވޭ ރޭޓަށް ގެންނެވި ބަދަލު ހާމަކުރައްވައިފި

ގޭބިސީތަކަށްދެވޭ ކަރަންޓްގެ އަގު ހެޔޮކުރައްވައި، އެ އަގުގެ ތަފްޞީލް މޯލްޑިވްސް އެނަރޖީ އޮތޯރިޓީން ހާމަކުރައްވައިފިއެވެ.
އެގޮތުން މާލެ ސަރަޙައްދުގައި ފެބްރުއަރީ އެކަކުން ފެށިގެން، 0 ޔުނިޓުން ފެށިގެން 100 ޔުނިޓާ ހަމައަށް ބިލްކުރެވޭނެ ރޭޓަކީ 1.50 ލާރިއެވެ. އެއީ ފެބުރުއަރީ 1 ން ފެށިގެން ކަރަންޓް ރޭޓް އަގުހެޔޮކުރައްވާ ރޭޓަށްވުރެ 60 ލާރި ކުޑަ ރޭޓެކެވެ. 101 ޔުނިޓުން ފެށިގެން 200 ޔުނިޓާއި ބިލް ކުރެވޭ ރޭޓަރީ 1.70 ލާރިއެވެ. އެއީ 50 ލާރި ކުޑަ ރޭޓެކެވެ. މި ރޭޓަކީ މާލެ ސަރަޙައްދަށް މިހާރު ޑީސަލް ގަންނަން ލިބޭ އަގަކީ ހަތްރުފިޔާ ފަސްލާރިކަމަށް ބައްލަވައިގެންނެވެ.
މާލެ ފިޔަވައި އެހެން ރައްތަކަށް 0 ޔުނިޓުން 100 ޔުނިޓާއި ހަމައަށް ބިލްކުރެވޭނެ ރޭޓަކީ ، 2.20 ލާރިއެވެ. އެއީ ފެބުރުއަރީ 1 ން ފެށިގެން ކަރަންޓް ރޭޓް އަގުހެޔޮކޮށްފައިވާ ރޭޓަށްވުރެ 80 ލާރި ކުޑަ ރޭޓެކެވެ. 101 ޔުނިޓުން ފެށިގެން 200 ޔުނިޓާއި ހަމައަށް ބިލް ކުރެވޭ ރޭޓަރީ 2.75 ލާރިއެވެ. އެއީ 55 ލާރި ކުޑަ ރޭޓެކެވެ.
މާލެ ފިޔަވައި އެހެން ސަރަޙައްދުތަކަށްވެސް ރޭޓްތައް ހައްދަވާފައިވަނީ ކަރަންޓްގެ ޚިދުމަތްދޭ ކުންފުނިތަކަށް ތެޔޮ ގަންނަން ލިބޭ އަގަކީ، 7.05 ލާރި ކަމުގައި ބަލައިގެން ކަމަށް މޯލްޑިވްސް އެނަރޖީ އޮތޯރިޓީން މައުލޫމާތުދެއްވައެވެ. މީގެ އިތުރުންވެސް ތެލުގެ އަގަށް އަންނަ ބަދަލުތަކާއި ގުޅިގެން ލުއިދެވޭ މިންވަރު ކުޑަކުރާ އުޞޫލަށާއި މިންވަރަށް ބަދަލުގެނެވޭނެއެވެ. މި ގޮތުން ލުއި ދެވެމުން ގެންދެވޭނީ ކުންފުނިތަކަށް ޑީސަލް ލީޓަރެއް ލިބޭ އަގު 8 ރުފިޔާ އަށް އަރަންދެން ކަމަށް އެނަރޖީ އޮތޯރިޓީން މައުލޫމާތުދެއްވައެވެ.
ތެޔޮ ގަންނަންލިބޭ އަގުގެ ނިސްބަތުން ކަރަންޓްގެ ރޭޓަށް ބަދަލު ގެންނަވަން ވަނީ ހަމަޖައްސަވާފައެވެ. މިގޮތަށް ބަދަލު ގެންނަވަން ހަމަޖެހިފައިވަނީ ޑީސަލް ލީޓަރެއްގެ 8 ރުފިޔާއަށްވުރެ މަތިނުވާނަމައެވެ. އަދި 8 ރުފިޔާއަށްވުރެ މަތިވެއްޖެނަމަ، ނަންގަވާނީ ކޮންމެ ތެޔޮލީޓަރަކަށް އިތުރުވާ ކޮންމެ 10 ލާރިއަކަށް ކަރަންޓް ޔުނިޓަކުން 3 ލާރި އިތުރުކުރައްވައިގެން ބިލްކުރައްވާ އުޞޫލުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ