ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރޭގައި ހިނގާ ހަމަނުޖެހުންތަކާއި އިންތިހާބުތަކާއި މެދު އުފެދޭ ނުތަނަވަސް ކަމަށް ހައްލެއް ހޯދުމަށް ކޯޓު ތަކަށް ދިޔުމަކީ ތާއީދުކުރައްވާ ކަމެއް ނޫންކަމަށް ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު(ޑޭވް) ވިދާޅުވެއްޖެ އެވެ.
ވީ ސްޕޯޓްސްއަށް ދެއްވި ބަސްދީގަތުމެއްގައި ޑޭވް ވިދާޅުވީ ކުޅިވަރު އިދާރާ ތަކުގައި މައްސަލަތައްވެސް ޖެހޭނެކަމަށާއި އެކަމަކު އެހުރިހާ މައްސަލައެއްގެ ހައްލަކީ ކޯޓު ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި މިފަދަ ކުޅިވަރާއި ގުޅޭ މައްސަލަތަކުގައި ހައްލު ހޯދުމަށް ޝަރީޔަތަށް ދިޔުމުގެ ބަދަލުގައި އެހެން ހައްލެއް ހޯދުމަށް ގާނޫނީ ލަފާ ހޯދަމުންދާ ކަމަށް ޑޭވް ވިދާޅުވިއެވެ.
ޑޭވް ވިދާޅުވީ އެސޯސިއޭޝަންތަކަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ވަދެ ތަހުގީގުކުރުމާއި މައްސަލަތައް ހައްލުނުވެގެން ބައެއް އެސޯސިއޭޝަންތަކުގެ އިންތިހާބު މިނިސްޓަރީތަކުން ބާތިލް ކުރުމަކީ އެ ކުޅިވަރު އިދާރާއެއްގެ "އިމޭޖް" ވަރަށް ބޮޑަށް ހަޑިވެ ކުޅިވަރު ކުޅޭ ކުޅުންތެރިންނަށްވެސް އެކަމުގެ ސަބަބުން ނިކަމެތި ކަމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.
ނަޝީދު ވިދާޅުވީ އިންތިހާބު ތަކާއި ވިދިގެން އުފެދޭ ނުތަނަވަސް ކަމަކީ ބަޔަކު މީހުން ކުޅިވަރު ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތުގެ ނަތީޖާ ކަމަށާއި އަބަދު އެއްބަޔަކު ކުޅިވަރާއި ބެހޭ އިދާރާތައް ކޮންޓްރޯލް ކުރުމަކީ ދިވެހި ރާއްޖޭގެ ކުޅިވަރުގެ މުސްތަގުބަލަށް އެންމެ ފައިދާ ވާނެ ގޮތް ނޫން ކަމަށެވެ.
މީގެއިތުރުން ޑޭވް ވިދާޅުވީ، ކުޅިވަރު އިދާރާތަކުގެ ތެރެއަށް "މޫ ލައިގެން" އުޅޭ ބަޔަކު އެބައުޅޭ ކަމަށާއި އެމީހުންގެ ސަބަބުން ދިވެހި ކުޅިވަރުގެ މުސްތަގުބަލް ހާލާކުވުމުގެ ފުރުސަތު ނުދޭނެކަމަށެވެ.
"ދިވެހި ކުޅިވަރުގެ މުސްތަގުބަލް އުޖާލާ ކޮށްދީ ކުޅުންތެރިން ބޭނުންވާ ކަހަލަ ތަންތަނަށް ކުޅިވަރު އިދާރާތައް ހެދުމުގެ މަސައްކަތް ދަނީ ކުރިއަށް. އެމައްސަކަތުގެ ދަށުން ހަރުދަނާ ގަވައިދު ތަކެއް މިދަނީ ހަދަމުން. މި ގަވައިދުތައް ވުޖޫދައް ގެނައުމުގެ މަސައްކަތް ވެސް މިދަނީ ވަރަށް ހަލުވި މިނެއްގައި ކުރަމުން. ގަވައިދުތައް ވުޖޫދައް އައުމުން ކުޅިވަރު އިދާރާތަކުގެ ހިނގުމުގެ ނިޒާމް މުޅިން ބަދަލް ވެގެންދާނެ:" ޑޭވް ވިދާޅުވި އެވެ.
ރައީސް ޔާމިން ސްޕޯޓްސް ކޮމިޝަނަރު ކަމަށް އަހުމަދު ނާޝީދު އައްޔަނު ކުރެއްވީ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ގިނަ އިދާރާތަކުގެ ހިންގުމުގެ ނިޒާމް ހަރުދަނާ ކުރެވޭނެ ގޮތުގެ ލަފާ އެސޯސިއޭޝަންތަކުގެ ވެރިންނަށް އަރުވާފައި ވާނެކަމަށާއި އެސޯސިއޭޝަން ތަކާއި އެކު ވަރަތް ގާތް ކޮށް މަސައްކަތް ކުރަމުންދާކަ މަށް ޑޭވް ވިދާޅުވިއެވެ.
ކުޅިވަރުގެ މައްސަލަތައް ކޯޓުން ހައްލުކުރުމަށް ތާއީދެއް ނުކުރަން: ޑޭވް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ