ކަރަންޓުގެ އަގު ހެޔޮކުރަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނިންމަވައިފިއެވެ.
އެންވަޔަރްމެންޓް މިނިސްޓަރ ތާރިޤް އިބްރާހިމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފެށި ކަރަންޓުގެ ޓެރިފް ރޭޓްތައް ދަށްކުރުމަށް ރައީސް ޔާމީން ނިންމަވައިފި ކަމަށާއި އެގޮތަށް ރައީސް ނިންމެވީ ތެލުގެ އަގަށް އަންނަމުންދާ ހެޔޮ ބަދަލާ ގުޅިގެން ކަމަށެވެ.
ކަރަންޓުގެ ޓެރިފް ރޭޓް ދަށްކުރަން ރައީސް ނިންމަވާފައިމިވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަރަންޓުގެ އަގު ބޮޑުކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން އެތައް ބައެއްގެ ކަންބޮޑުވުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
ޓެރިފް ރޭޓް ދަށްކުރުމާ ގުޅޭ ތަފުސީލު މިއަދު ހަވީރުގެ ވަގުތެއްގައި އިޢުލާން ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. އެހެންނަމަވެސް އަލަށް ކަނޑައަޅާ ޓެރިފް ރޭޓްތަކާ މެދު އެނަރޖީ އޮތޯރިޓީން އަދި ގޮތެއް ނުނިންމަވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
މި މަހުގެ އެކަކުން ފެށިގެން ޢަމަލުކުރަން ނިންމި ޓެރިފް ރޭޓްގައިވާ ގޮތުން މާލެ- ހުޅުމާލެ އަދި ވިލިމާލޭގައި 500 ޔުނިޓްގެ ކަރަންޓު ބޭނުންކުރާ ޢާންމު ކަސްޓަމަރުން ކުރިން ދައްކަމުން ދިޔަ ބިލަށް މި މަހުން ފެށިގެން ގާތްގަނޑަކަށް 243ރ. އިތުރުވެއެވެ. އަދި ތެލުގެ އަގަށް އަންނަ ބަދަލާ ގުޅިގެން ފިއުލް ސާރޗަރޖާއެކު އެއަށް ވުރެވެސް ބޮޑުވެއެވެ.
މީގެ އިތުރުން 400 ޔުނިޓްގެ ކަރަންޓް ބޭނުންކުރާ ފަރާތްތަކަށް 150ރ. އިތުރުވާ އިރު، 300 ޔުނިޓްގެ ކަރަންޓް ބޭނުންކުރާ ފަރާތްތަކަށް 130ރ. އަދި 200 ޔުނިޓް ބޭނުންކުރާ ފަރާތްތަކަށް 110ރ. އަދި 100 ޔުނިޓް ބޭނުންކުރާ ފަރާތްތަކަށް 60ރ. އިތުރުވާނެ ކަމަށް އެނަރޖީ އޮތޯރިޓީންވަނީ ލަފާކުރައްވާފައެވެ.
މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަރަންޓުގެ އަގަށް ގެންނަން ކުރިން ނިންމި ބަދަލާ ގުޅިގެން، ރަށްރަށުގެ ކޮންމެ ބޭންޑަކުން ބިލްކުރާ އަގު މާލެ އަށް ވުރެ ޔުނިޓަކުން 10ލާރި ބޮޑުވެ އެވެ. އަދި ހުރިހާ ރަށެއްގައި ވެސް ބިލްކުރާނީ އެއް ރޭޓަކުންނެވެ.
ކަރަންޓުގެ ޓެރިފް ރޭޓަށް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބަދަލު ގެނައި ފަހުން ދެ ފަހަރެއްގެ މަތިން، ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވެފައިވާ ކަމަށްވެއެވެ.
ކަރަންޓުގެ އަގު ހެޔޮ ކުރަން ރައީސް ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ