ޑރ. އަފްރާޝީމް ޢަލީގެ އަގުހުރި ހިދުމަތްތަކުގެ ހަނދާން ދުވަހަކުވެސް ރާއްޖެއިން ފޮހެވިގެނެއް ނުދާނެ ކަމަށާއި އެ މަނިކުފާނު އަވަހާރަކޮށްލި ހަމަލައިގެ ތަހުގީގު އިތުރަށް ފުޅާ ކުރަން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.
އަފްރާޝީމް އަވަހާރަކޮށްލިތާ އެއް އަހަރު ފުރުމާ ގުޅިގެން ގާސިމް ނެރުއްވި ބަޔާނުގައި ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލުމަށް ދީފައިވާ ޓެރަރިސްޓު ހަމަލާ ތަހުގީގުކުރުމަށް ދިވެހި ފުލުހުން އަގުހުރި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެކަން ޝުކުރުވެރިކަމާ އެކު ބަލައިގަންނަ ކަމަށެވެ.
އަދި މީގެއިތުރުން މިއަދަކީ ހިތްތަކުގައި ހިތާމަވެރި ހަނދާންތަކެއް ބިންވަޅު ނެގިފައިވާ ދުވަހެއް ކަމަށާއި ރާއްޖޭގެ ފަހުގެ ތާރީހު ދުށް އެންމެ ބޮޑު އެއް ދީނީ ޢިލްމުވެރިޔާ، އަފްރާޝީމް ޢަލީ ރަހުމު ކުޑަ ލާއިންސާނީ ހަމަލާއެއްގެ ޝިކާރައަކަށްވެ، ޝަހީދުވެގެން ދިޔަ ހިތްދަތި ހަނދާންތައް މިއަދު އާ ކުރައްވާ ކަމަށެވެ.
އަދި ދީނީ އިލްމުވެރިޔާ ޝަހީދު އަފްރާޝީމް ޢަލީ އަކީ ޢިލްމާއި މައުލޫމާތުގެ އަގުހުރި ހަޒާނާއެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި ހައްގު ބަސް ވިދާޅުވުމަށް ފަސްޖެހިވަޑައި ނުގަންނަވާ ސިޔާސީ ލީޑަރެއް ކަމަށް ވެސް އެ ބަޔާނުގައި ގާސިމް ވިދާޅުވެފައި ވެއެވެ.
އެ ބަޔާނުގައި ގާސިމް ވިދާޅުވީ އަނިޔާވެރިކަމާއި ލޭއޮހޮރުވުމާއި ޓެރަރިސްޓު އަމަލުތައް ހިންގުމަށް ހިތްވަރުދީ ފިތުނަ ފަސާދަ އުފެއްދުމަށް ހުއްޓާނުލާ ބަޔަކު މި ގައުމުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
އަނިޔާވެރިކަމާ ލޭ އޮހޮރުވުމާ ޓެރަރިސްޓް އަމަލުތައް ހިންގުމަށް ހިތްވަރުދީ، ފިތުނަ ފަސާދަ އުފެއްދުމަށް ހުއްޓާނުލާ މަސައްކަތްކުރާ ބަޔަކު ރާއްޖޭގައި ޙަރަކާތްތެރިވަމުންދާކަމީ، ކަންބޮޑުވާ ކަމެއް ކަމަށާއި ވަރަށް ފާޅުގައި އެކި ކަހަލަ ޖަރީމާތައް ހިންގަން ހިތްވަރުދީ، އެފަދަ ޢަމަލުތައް ހިންގަމުންދާއިރު ވެސް، މުޖުރިމުންގެ މައްޗަށް ގާނޫނު ތަންފީޒު ކުރުމުގެ ދުވެލި ލަސްވަމުންދާކަމީ، އެކަމާމެދު ސީރިއަސްކޮށް ވިސްނުން މުހިން ކަމަށް ވެސް ގާސިމް ވަނީ ގޮވާލައްވާފަ އެވެ.
އަފްރާޝީމް އަވަހާރަކޮށްލި ހަމަލައިގެ ތަހުގީގު ފުޅާކުރަން ގާސިމް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ