ހަތަރު މެމްބަރުންގެ ގޮނޑިއެއް ނުގެއްލޭނެ : ރައީސް މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ހަތަރު މެމްބަރަކު އެ ޕާޓީން ވަކިވިކަން ކަމާ ބެހޭ މުއައްސަސާތަކަށް އަންގާފައިވާތީ މަޖިލީހުގެ 4 ގޮނޑި ހުސްވެފައިވާ ކަމަށް ރައީސްް ޔާމިން ވިދާޅުވި ނަމަވެސް އެ މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށާއި އެ ގޮތަށް އެކަން ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ކާމިޔާބު ކުރައްވާނެ ކަމަށާއި މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށެވެ.
ޕާޓޯން ވަކިވިކަން އަންގާފައިވާ މެމްބަރުންނަކީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރި ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ކަން ރައީސް ޔާމިން ވަނީ މިރޭ ކުރިއަށްދިޔަ ކައުންސިލް ބައްދަލުވުމުުގައި އިއުލާން ކުރައްވާފައެވެ.
"ކަނޑައެޅިގެން ސުޕްރީމް ކޯޓުގެ އަމުރާ ޚިލާފު. އެހެންވީމާ ނުނިމޭނެ އެގޮތަކަށް،" ހަތަރު މެމްބަރަކު ޕީޕީއެމުން ވަކިވިކަން އިލެކްޝަންސް ކޮމިޝަނަށް އަންގާފައިވާކަން ރައީސް ޔާމީން ކައުންސިލްގެ ބައްދަލުވުމުގައި އިއުލާން ކުރެއްވި ކުރެއްވުމަށް ރައްދު ދެއްވަމުން އެމަނިކުފާނުގެ ބޮޑުބޭބޭފުޅު މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި ސުލޫކީ މައްސަލައެއްގައި ޕާޓީއަކުން މެމްބަރަކު ވަކިކުރިޔަސް އެ ބޭފުޅަކު މަޖިލިހުގައި ދެމިހުންނާނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށާއި އެހެންވީމާ ޕާޓީން ވަކިކުރިޔަސް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ނުގެއްލޭނެ ކަމަށެވެ.
އިިތުރަށް ރައީސް މައުމޫން ވިދާޅުވީ މަސީހުގެ ވޯޓް ކާމިޔާބު ކުރައްވާނެ ކަމަށާއި , އެ ވޯޓުގައި 45 މެމްބަރުންގެ ވޯޓަށްވުރެ ގިނަ ވޯޓު މަސީހާ ދެކޮޅަށް ލިބޭނެ ކަމަށެވެ. އަދި ސަރުކާރުން ގާނޫނާއި ޙިލާފަށް ކޮންމެ ފަދަ އަމަލެއް ހިންގަފާނެ ކަމަށްވެސް ގަބޫލު ކުރައްވާ ކަމަށާއި އެކަންކަމަށް އިދިކޮޅު ފަރާތްތަކުން ތައްޔާރަށް ތިބި ކަމަށެވެ.
"އަޅުގަނޑުމެން މިތިބީ ތައްޔާރަށް. [ސަރުކާރުން ކަމެއް] ކޮށްފިއްޔާ އަޅުގަނޑުމެން އޭގެ ޖަވާބުގައި ކަންތައް ކުރާނަން،" މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ