ސަރުކާރުން އުޅެނީ ގާސިމް އަޅަކަށް ހަދަން: ރިޔާޒު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ޖެއްސުންކޮށް އަނިޔާކުރަމުންދަނީ އެމަނިކުފާނު ސަރުކާރުގެ އަޅަކަށް ހެދުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ވީޓީވީގައި ވާހަކަފުޅު ދައްކަވަމުން އަބްދުﷲ ރިޔާޒު ވިދާޅުވީ ގާސިމް އިބްރާހީމަކީ ރައީސް ޔާމީން އެންމެ ޖެހިލުންވެވަޑައިގަންނަވާ އިދިކޮޅު އެއް ލީޑަރު ކަމަށާއި އެމަނިކުފާނަށް ޖެއްސުންކޮށް އަނިޔާކުރަމުންދަނީ ސިޔާސީގޮތުން ފިއްތައި ސަރުކާރުގެ އަޅަކަށް ހެދުމަށް ކަމަށެވެ. ގާސިމް އިބްރާހީމްގެ ބޭސްފަރުވާގެ ކަންތަކުގައި ފެށުނީއްސުރެ ސަރުކާރުން އަމަލުކުރަމުން އަންނަގޮތުން ސަރުކާރުގެ އިޚުލާސްތެރިކަމެއް ނެތްކަން ޔަގީންވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
އަދި ވިދާޅުވީ މިހާރު އެމަނިކުފާނު ފިއްލަވައިފި ކަމަށްބުނެ ރާއްޖެ ގެނައުމަށް ފުލުހުންނަށް އަންގާފައި ވީނަމަވެސް އެމަނިކުފާނު ފިއްލެވީ ކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ. ރިޔާޒު ވިދާޅުވީ ގާސިމަށް ކޮށްފައިވާ ހުކުމުގައި، އެމަނިކުފާނުގެ ބޭސްފަރުވާ ފުރިހަމަވަންދެން ފުރުސަތު ދޭންޖެހޭނެ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގަތީ ކަރެކްޝަނުގެ ހުއްދަ ލިބިގެން ކަމަށާއި ސިންގަޕޫރުގައި ފަރުވާ ހޯއްދަވާ ތަނާއި، ފަރުވާ ދެއްވާ ޑޮކްޓަރާއި، ފަރުވާގެ ތަފުސީލުތައް އެމަނިކުފާނު ހުށަހަޅުއްވާފައި ވުމުން ފިއްލަވައިގެން އުޅުއްވާ ކަމަށް ބުނާ ބުނުމުގެ އެއްވެސް އަސާސެއް ނެތް ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ބޭސްފަރުވާގެ މުއްދަތު މިހާތަނަށް އިތުރުކޮށްދީފައިވަނީވެސް ވަރަށް އަނިޔާވެރިކޮށް ކަމަށެވެ.
"ޓްރެވަލް ޑޮކިއުމަންޓުވެސް ކޮންމެ ފަހަރަކު މާލެއިން މީހަކު ޓިކެޓު ގަނެގެން ގެންގޮސް އޭގައި ވިސާ ޖަހައި ހަދަންޖެހޭ ފެންވަރަށް ކަންކަން ކުރީ. ރާއްޖޭގެ އެމްބަސީއެއް ސިންގަޕޫރުގައި ހުރިއިރުވެސް އެއިން ތަނެއް މެދުވެރިކޮށެއްވެސް މިކަން ކޮށްފައި ހުރީ. ވީހާވެސް އުނދަގޫ ގޮތަަކަށް ކަންކަން ކުރަން މަޖުބޫރުމުގެ އުސޫލު މިގެންގުޅެނީ. ފިއްލެވީ ކަމަށް އެދައްކާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް. އެމަނިކުފާނު ހުންނެވި އެޑްރެހާ ހުރިހާ މައުލޫމާތެއް ވާނީ ކަރެކްޝަނަށްވެސް ހިއްސާކޮށްފައި. އެމަނިކުފާނު ހަމައެކަނި ބޭނުންފުޅުވަނީ ފަރުވާ" ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ ފަރުވާ ނިމުމާއެކު ގާސިމް އިބްރާހީމް މާލެ ވަޑައިގަންނަވާނެ ކަމަށެވެ. މީހަކަށް ހުކުމެއް ތަންފީޒު ކުރެވޭނީވެސް ފުރަތަމަ ސިއްހަތު ސަލާމަތުން ހުރެގެން ކަމުން ބޭސްފަރުވާއަށް އެމަނިކުފާނުވެސް އިސްކަންދެއްވަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ގާސިމް އިބްރާހީމަށް ޑޮކްޓަރުން ދެއްވާފައިވާ ލިޔުންތަކަކީ ސައްހަ އެއްޗެއްކަން ކަށަވަރުކުރުމަށް ސަރުކާރުން އެތަންތަނަށް ގުޅައި މައުލޫމާތު ސާފުކޮށްފައިވާ ކަމަށާއި ގާސިމް ހުށަހެޅުއްވި ލިޔުންތަކުގެ ސައްހަކަމާމެދު ސަރުކާރުން ސުވާލެއް އުފައްދާފައިވެސް ނުވާ ކަމަށެވެ. އެހެންކަމުން ސައްހަ ލިޔުންތަކެއް ހުށަހެޅުމުން އެއަށް އިހުތިރާމް ކުރަންޖެހޭ ކަމަށާއި ކޯޓު އަމުރުގައިވެސް އޮތީ އެހެން ކަމަށް ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ ފަރުވާ ފުރިހަމަނުވަނީސް ގާސިމް ވަޑައިގަންނަވަން ޖެހޭނެ ކަަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. ކޯޓު އަމުރުގައި އެކަމަށް މުއްދަތެއް ނެތް ނަމަވެސް، ބޭސްފަރުވާ ފުރިހަމަކުރުމަށް ފުރުސަތު ދޭންޖެހޭކަން ވަރަށް ރަގަޅަށް އެނގޭ ކަމަށް ވިދާޅުވިއެވެ. ރިޔާޒު ވިދާޅުވީ ގާސިމް އިބްރާހީމް ނުފިއްލަވާ ކަމަށާއި ނަމަވެސް ފިލައިގެން އުޅޭ ވަރަށް ގިނަ މީހުން ރާއްޖެއިން ބޭރުގައި އެބަތިބި ކަމަށެވެ. އެގޮތުން ލަންކާގައި ހުންނަ ސޯސަންވިލާގައިވެސް ފިލައިގެން އުޅޭ މީހުން އުޅޭ ކަމަށް މައުލޫމާތު ލިބޭ ކަމަށް ވިދާޅުވިއެވެ.
"ކޮލަމްބޯގައި ހުންނަ ސޯސަންވިލާއަކީ ރާއްޖޭގެ ތަނެއް. އަޅުގަނޑަށް މައުލޫމާތ ލިބޭ ގޮތުން ފިލައިގެން އުޅޭ ކިތަންމެ ބަޔަކު ގޮސް އެތަނުގައި ވަދެނިކުމެ އުޅޭ. މަރުގެ މައްސަލަތަކުގައި ވެސް ހޯދާ މީހުން އެބަތިބި. ކޮން ކަމެއްތޯ މިސަރުކާރުން ކުރީ އެމީހުން ހޯދައިގެން ގެނެސް ޝަރީއަތް ހިންގަން. ބައެއް ފަހަރު ހީވޭ ސަރުކާރުގެ ނުވަތަ ސިޔާސީ ބޭބޭފުޅުންގެ އެހީތެރިކަމާއެކުހެން ބޮޑެތި ޖިނާއީ ކުށްތައް ކުރާ މީހުން ރާއްޖެއިން ބޭރުގައި ތިބެނީ. އެހެންނޫންނަމަ ނޫސްތަކަށް އަރުވައިގެން ގެންނަންވީ ނޫންތޯ މީސްމީހުން. ސަރުކާރުގެ އިމާރާތްތަކަށް ވަދެނިކުމެ ހަދާއިރުވެސް އެފުރުސަތު ދީގެންތޯ އެތިބެނީ، މިއީ ކުރަން ބޭނުންވާ ސުވާލުތަކެއް" ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވިއެވެ.
ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވީ ފިލައިގެން އުޅޭ އެތައް ބަޔަކު ތިބިއިރު އެމީހުން ހޯދުމަށް ފުލުހުން ކުރަނީ ކޮން މަސައްކަތެއް ކަމާއި ރާއްޖެއިން ބޭރުގައި ދިވެހި ފުލުހުންނަށް ގާނޫނީ ބާރުވެރިކަން އޮތީ ކިހާވަރަށްތޯ ސުވާލު އުފެދޭ ކަމަށެވެ. ފުލުހުންގެ މުއައްސަސާގައި މިހާރު ކަންކަން ހިނގަމުންދާ ގޮތާމެދު ވަރަށް ކަންބޮޑުވާ ކަމަށާއި އެމުއައްސަސާގައި މީގެ ކުރިން ކަން ކޮށްފައިވާ އުސޫލާ ޚިލާފަށް ވަރަށް ގިނަ ކަންކަން މިހާރު ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ފުލުހުންގެ މުއައްސަސާއިން އަމަލުކުރަނީ ސަރުކާރުން ބުނާހާގޮތަކަށް ކަމަށް ބުނެވޭނެ މަންޒަރުތައް ފެންނަމުންދާ ކަމަށާއި ޚާއްސަކޮށް ސިޔާސީ ބޭފުޅުންނާމެދު އަމަލުކުރަމުންދާ ގޮތުން އެކަން ދޭހަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ