ޕީޕީއެމްގެ އެސްޖީއަކަށް ހަލީލު ކިޔާ ބޭފުޅަކު ނުހުންނާނެ: ރައީސް މައުމޫނު

ޕީޕީއެމްގެ އަސާސީ ގަވާއިދާއި އެއްގޮތަށް އެޕާޓީގެ ގައުމީ ޖަލްސާއިން އިންތިހާބުކޮށްފައިވާ ޕީޕީއެމްގެ ކައުންސިލުން ޑރ އެޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އަބްދުﷲ ޚަލީލް ކިޔާ ބޭފުޅަކު އައްޔަންކޮށްފައި ނުވާނެ ކަމަށް ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ އިދިކޮޅު އެމްޑީޕީއަށް ޕީޕީއެމްއިން ފޮނުވި ސިޓީއަކާއި ގުޅިގެން އެސިޓީގައި ސޮއިކޮށްފައިވާ އަބްދުﷲ ހަލީލްގެ ހައިސިއްޔަތު އޮޅުންފިލުވައި ދިނުމަށް އެދި އެމްޑީޕީން ރައީސް މައުމޫނަށް ފޮނުވި ސިޓީއެއްގެ ޖަވާބުގައެވެ.
ޕީޕީއެމްގެ ރައީސްގެ ގޮތުގައި ރައީސް މައުމޫންއަށް މުހާތަބު ކުރައްވައި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ރައީސް މައުމޫނަށް ފޮނުއްވި ސިޓީގައިވަނީ "ޑރ އަބްދުﷲ ހަލީލު"ގެ ނަން ޖައްސަވައި ސޮއި ކުރައްވައި ޕީޕީއެމްއިން އެމްޑީޕީއަށް ސިޓީއެއް ފޮނުވާފައިވާނަމަ އެކަން ސާފުކޮށްދިނުމަށް އެދޭ ކަމުގައެވެ.
އަދި "ޑރ އަބްދުﷲ ހަލީލު" އެ ސިޓީގައި ސޮއި ކުރައްވާފައިވާނަމަ ސޮއި ކުރެއްވީ ހައިސިއްޔަތުންތޯ ސާފުކޮށްދެއްވުމަށްވެސް އެމްޑީޕީން ރައީސް މައުމޫނަށް ފޮނުއްވި ސިޓީގައި ބަޔާން ކޮށްފައި ވެއެވެ.
އެމްޑީޕީން ރައީސް މައުމޫނަށް މި ސިޓީ ފޮނުވާފައި މިވަނީ ވަކީލުން ސަސްޕެންޑްކުރި މައްސަލާގައި އިދިކޮޅު ފަރާތްތަކުން ނެރުނު ބަޔާނުގައި ޕީޕީއެމްގެ ނަން ބޭނުން ކޮށްފައިވާ ކުރުން ބަދަލު ކުރުމަށް މުހުލަތެއް ދީ ޕީޕީއެމްއިން އެމްޑީޕީއަށް ސިޓީއެއް ފޮނުވާފައިވާތީ އެވެ.
ޕީޕީއެމްއިން ބުނެފައިވަނީ ޕީޕީއެމްގެ ހައިސިއްޔަތު ބޭނުން ކުރުން ހުއްޓުވެން އޮތް ގޮތަކަށް ހުއްޓުވާނެ ކަމަށާއި އެކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގައެވެ.
ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތު ރައީސް މައުމޫނު އަބްދުލްޤައްޔޫމް ބޭނުންކުރައްވާ މައްސަލާގައި ރައީސް ޔާމީންގެ ފެލްޝަނުން ރުޅިގަދަވެފައި ވަނިކޮށް ރައީސް މައުމޫނުގެ އޮފީހުން އިއްޔެ ބުނެފައިވަނީ އަދިވެސް ޕީޕީއެމްގެ ރައީސް އަކީ ރައީސް މައުމޫނު ކަމުގައެވެ.
ރައީސް މައުމޫނުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތާއި މެދު އޮޅުން އަރާގޮތަށް އެކި ބޭފުޅުން އެކި ފޯރަމްތަކުގައި ވާހަކަ ދައްކަމުން ގެންދާ ކަމުގައެވެ.
އެބަޔާނުގައި ބުނެފައިވަނީ 2013 ވަނަ އަހަރު ބޭއްވި ޕީޕީއެމްގެ ޤައުމީ ކޮންގްރެސްގައި ޕީޕީއެމްގެ މެމްބަރުންގެ ފުރިހަމަ އަޤްލަބިއްޔަތުން ރައީސް މައުމޫނު ޕީޕީއެމްގެ ރައީސްގެ މަޤާމަށް އިންތިހާބުކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކަމުގައެވެ.
އަދި ޕީޕީއެމް އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ރައީސް މައުމޫނު ކަމަށާއި ޕީޕީއެމް ވަރުގަދަ ސިޔާސީ ޕާޓީއަކަށް ހަދައި އެޕާޓީއަށް އެންމެ ބޮޑެތި ކާމިޔާބުތަކެއް ލިބިފައިވަނީވެސް ރައީސް މައުމޫނުގެ ލީޑަރޝިޕްގެ ދަށުންކަމަށް އެ ބަޔާނުގައި ވެއެވެ.
ޕީޕީއެމްގެ ރައީސް މަޤާމުން ދުރުކުރެވޭނީ ޤައުމީ ޖަލްސާގައި ތިންބައިކުޅަ އެއްބައި މީހުންގެ ވޯޓުން ކަމަށާއި ނަމަވެސް މިއަދާއި ހަމައަށްވެސް ޕީޕީއެމްގެ ޤައުމީ މަޖިލީހުން އެފަދަ ނިންމުމެއް ނިންމާފައި ނުވާކަމަށާއި އެހެންކަމުން އަދިވެސް ޕީޕީއެމްގެ ރައީސްއަކީ ރައީސް މައުމޫނު އަބްދުލްޤައްޔޫމްކަމަށް ރައީސް މައުމޫނުގެ އޮފީހުގެ ބަޔާނުގައި ވެއެވެ.
ރައީސް މައުމޫނުގެ އޮފީހުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ ޕީޕީއެމްއިން ބޭއްވި ނޫސްކޮންފަރެންސެއްގައި ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތު އަދިވެސް ރައީސް މައުމޫނު ބޭނުން ކުރައްވާކަމަށްބުނެ އެޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ކަނބޮޑުވުން ފާޅު ކުރައްވާފައިވަނިކޮށެވެ.
ޕީޕީއެމްގެ ނައިބު ރައީސް ކަމުގެ މަޤާމަށް ވާދަކުރައްވާ ހޮވިވަޑައި ނުގެންނެވުމުން ރައީސް މައުމޫނު ޕީޕީއެމްގެ ނައިބު ރައީސްގެ މަޤާމަށް އައްޔަން ކުރައްވާފައިވާ އަބްދުއްރަހީމް ވިދާޅުވީ އިރެއްގައި ރައީސް މައުމޫނަކީ ޕީޕީއެމްގެ ރައީސް ކަމުގައި ވީ ނަމަވެސް ރައީސް މައުމޫނަކީ މިހާރު ޕީޕީއެމްގެ ރައީސް ނޫން ކަމުގައެވެ. އަދި ރައީސް މައުމޫނަކީ ޕީޕީއެމްގެ މެމްބަރެއްވެސް ނޫންކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ ހައިސިއްޔަތު ބޭނުން ކުރުމުގެ އެއްވެސް ހައްގެއް ރައީސް މައުމޫނަށް ނެތްކަމަށާއި މިވަރުން ދާނަމަ ކުރީގެ ރައީސުލްޖުމްހޫރިއްޔާއަށް ވީތީ މައުމޫނު ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުވެސް ބޭނުން ކުރައްވަފާނެ ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ