ގާސިމް އިބްރާހިމްގެ ޝަރީއަތް މާދަމާ ފަށަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް އުފުލި ތިން ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައި ވަނިކޮށް، އަލުން އެ މައްސަލަ މިއަދު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް އަލުން ހުށަހެޅުމުން އެ މައްސަލައިގެ ޝަރީއަތް މާދަމާ ފެށުމަށް ތާވަލުކޮށްފިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ކޯޓަށް ހާޒިރުވުމަށް އަންގާފައިވަނީ މާދަމާ ހެނދުނު 10:00އަށެވެ.
ގާސިމްގެ މައްޗަށް އުފުލާފައިވާ ތިން ދައުވާއަކީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު ނެގުމަށް ހަމަޖެހުނު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅުވައިގެން އޭގެ އެއްދުވަސް ކުރިން (26 މާޗް 2017) ވަނަ ދުވަހުގެ ރޭ މާފަންނު ކުނޫޒުގައި ގާސިމް ދެއްކެވި ވާހަކަފުޅަކާ ގުޅިގެން އުފުލާ ތިން ދައުވާއެވެ.
ގާސިމްގެ މައްޗަށް ޕީޖީން އުފުލި ދައުވާގެ މައްސަލަތައް ކްރިމިނަލް ކޯޓުން ބޭރުކޮށް އަނބުރާ ޕީޖީއަށް މިދިޔަ ހޯމަދުވަހު ފޮނުވާލީ ޝަރީއަތުގެ މަޖިލީހަށް ޕީޖީ އޮފީހުގެ ވަކީލުން ހާޒިރުނުވުމުން ކަމަށް ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމައްސަލަ އަނބުރާ ފޮނުވާލީ ޖެހިގެން އަންނަ އަންގާރަ ދުވަހަށް ތާވަލްކޮށްދިނުމަށް އެދި ސިޓީއެއް ފޮނުވާފައި ވަނިކޮށް ކަމަށެވެ. އެކަމަކު އެފަދަ ސިޓީއެއް ލިބުނު ކަމެއް ކްރިމިނަލް ކޯޓުން ހާމަ ކޮށްފައެއް ނުވެއެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭގެ ޝަރީއަތުގެ މަޖިލީސް ފެށީވެސް ދައުލަތުގެ ވަކީލުން ވަޑައިނުގަންނަވާތީ، ޝަރީއަތް ފެށުން ފަސްކުރުމަށް ފަހުގައެވެ. އެހެން ނަމަވެސް، ޝަރީއަތް ފެށުމަށް ތާވަލްކުރި ގަޑިއަށް ގާސިމް އިބްރާހިމްއާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުވަނީ ކޯޓަށް ވަޑައިގެންނެވިއެވެ.
ގާސިމްގެ މައްޗަށް އުފުލާފައިވާ ތިން ދައުވާއަށް މީގެ ކުރިންވެސް އެމަނިކުފާނު ވަނީ އިންކާރުކުރައްވާފައެވެ.
ގާސިމަށް ކުރާ ތިން ދައުވާގެ މައްސަލަ އަލުން ކޯޓަށް ހުށައަޅާ ޝަރީއަތް ފެށުމަށް ތައްޔާރުވަމުންދާއިރު، އެމައްސަލަ ބައްލަވަން ކުރިން އެކުލަވާލި ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެެއްޓެވި ކްރިމިނަލް ކޯޓުގެ އިސް ގާޟީ އަބްދުލް ބާރީ ޔޫސުފް މިހާރު ވަނީ ޖުވެނައިލް ކޯޓަށް ބަދަލުކުރައްވާފައެވެ. މީގެ އިތުރުން އެމައްސަލަ ބެއްލެވި ބެންޗުގައި ދެން ހިމެނިވަޑައިގަންނަވާ ގާޟީ އަހުމަދު ޝަކީލް ވެސް ވަނީ ފެމިލީ ކޯޓަށް ބަދަލުކުރައްވާފައެވެ.
ގާސިމްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް މީގެ ކުރިން ދެފަހަރެއްގެ މަތިން ހައްޔަރުކޮށް ދޫނިދޫގައި އެކަހެރިކޮށްފައިވާއިރު، ގާސިމްގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެމަނިކުފާކުރާ ސިޔާސީ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ގޮތުން ކުރަމުންދާ ސިޔާސީ ދައުވާތަކެއްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ