ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައްކަން ކުރި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓާ އެކު ދިވެހި ސަރުކާރުން ސޮއިކުރި އެއްބަސްވުން ގަވާއިދާ ޚިލާފަށް ބާތިލް ކޮށްފައިވާތީ އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފިއެވެ.
ދީބާޖާއާއިއެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ޚިދުމަތް ނުދޭ ކަމަށް ބުނެ އެއްބަސްވުން އުވާލި މައްސަލާގައި ދީބާޖާއިން ސިވިލް ކޯޓުގައި ކުރި ދައުވާއާ ގުޅިގެން 2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ކުރި ހުކުމްގައި ބުނެފައި ވަނީ އެއްބަސްވުން 29 މޭ 2013 ގައި އުވާލީ ބ. ފުޅަދުއާއި ފެހެންދޫއަށް ފެރީގެ ޚިދުމަތް މެދުކެނޑިފައިވާތީކަން އޭރުގެ މިނިސްޓްރީ އޮފް ހައުސިން، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓްގެ ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ.
އަދި އެއްބަސްވުން އުވާލީ ޚިދުމަތް މެދުކެނޑުނު ކަމަށް ބުނާ ދުވަހާއި ޖެހިގެން އައި ދުވަހު ކަމަށާއި އެ ދެމެދުގައި ފަސް ދުވަސް ހޭދަވެފައި ނުވާތީ އެއްބަސްވުން އުވާލީ އިޖުރާއަތްތައް ފުރިހަމަނުކޮށްކަން އެނގޭ ކަމަށް އެހުކުމުގައި ފާހަގަކޮށްފައި ވެއެވެ.
ދައުލަތުން ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އެ މައްސަލަ ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މިދިޔަ އަހަރު ހައި ކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށްފައެވެ.
ހައިކޯޓުން ކުރި ހުކުމް ދީބާޖާއިން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރީ އިސްތިއުނާފް ކުރުމުގެ މުއްދަތު ހަމަވި ފަހުން ކަމަށެވެ.
އަދި އެ މުއްދަތު ހަމަވި ފަހުން އެ މައްސަލަ ހައި ކޯޓުން ބަލައިގަނެ މައުޟޫއީ ގޮތުން ބަލާފައިވަނީ ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ އިސްތިއުނާފް ކުރުމުގެ ހައްގު ބޭނުން ކުރަން އޮންނަ އިޖްރާއަތުތައް ފަހަނައަޅައި ނުދެވޭނެ ކަމަށެވެ.
އެހެންވީމާ އެމައްސަލަ ހައިކޯޓުގައި ކުރިއަށް ގެންދިޔައީ ގާނޫނާ އެއްގޮތަށް ކަމަށް ނުވާތީ ހައި ކޯޓުގެ ހުކުމް ބާތިލްކުރާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ