ދީދީއާއި ޣަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަަންކުރަން ލަފާ ދޭން ނިންމައިފި

ހައިކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ހައިކޯޓުގެ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަަމަށް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ލަފާދެއްވުމަށް ވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިއަދު ނިންމައިފި އެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ރައީސް ޔާމީނަށް ލަފާ ދެއްވުމަށް ޖޭއެސްސީން ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ފަނޑިޔާރު ދީދީއާއި ފަނޑިޔާރު ޣަނީ އައްޔަންކުރަން ރައީސް ޔާމީނަށް ލަފާ ދެއްވުމަށް ޖޭއެސްސީން ނިންމާފައި މިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން ދައުވާކުރި ޖިނާއީ ދައުވާތައް ސާބިތުވާ ކަމަށް ދަށު ކޯޓާއި ހައިކޯޓުން ނިންމި މައްސަލަތަކަށް ސުޕްރީމް ކޯޓުން ތާއީދުކުރުމުން އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ފަނޑިޔާރު ކަމުގެ މަގާމު ގެއްލުމުންނެވެ.
ގާނޫނު އަސާސީގެ 148 ވަަނ މާއްދާގެ (ހ)ގެ ބުނެފައިވަނީ ސުޕްރީމް ކޯޓުގެ އެންމެހާ ފަނޑިޔާރުން އައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. މިގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަންކުރާ މީހުން ކަނޑައަޅާނީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ މަޝްވަރާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެ ނަންތަކެއް ފާސްވުމުން ކަމަށެވެ. މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާ ބޭފުޅުންނަށް މަޖިލީހުން ރުހުން ދިނުމުން އެބޭފުޅުން ހަތް ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ޖެހެ އެވެ.
ފަނޑިޔާރު އަބްދުﷲ ދީދީއަކީ ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ އަށްވަނަ ދުވަހު އެވެ. ފަނޑިޔާރު އަބްދުﷲ ދީދީ ކުރިން ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި ގއ. ދެއްވަދޫއާ، ކ. ދިއްފުށީ ކޯޓުގެ މެޖިސްޓްރޭޓްކަމާ، ކޯޓު ނަންބަރު ދޭއްގެ ގާޒީ ކަމާ، ޖުވެނައިލް ކޯޓުގެ ގާޒީ ކަމާ ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ މަގާމު ހިމެނެ އެވެ. މީގެ އިތުރުން ޖުޑީޝަލް ކައުންސިލްގެ މެންބަރުކަމާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމާ އެ ކޮމިޝަންގެ ނާއިބު ރައީސްކަން ވެސް ފަނޑިޔާރު އަދުﷲ ދީދީ ކުރައްވާފައިވެ އެވެ.
ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދަކީ މިސްރުގެ އަލްއަޒްހަރު ޔުނިވަސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމަށް އިސްކުރެއްވީ 2004 ވަނަ އަހަރުގެ މާޗް މަހުގެ 14 ވަނަ ދުވަހު އެވެ. އަދި 21 ސެޕްޓެމްބަރު 2008 އިން ފެށިގެން 26 އޭޕްރީލް 2011 އާއި ހަމައަށް ފަނޑިޔާރު ޣަނީ ވަނީ ހައިކޯޓްގެ އިސްފަނޑިޔާރުގެ މަގާމު ވެސް ފުރުއްވާފަ އެވެ. މީގެ އިތުރުން ފަނޑިޔާރު ޣަނީ ވަނީ މަދަނީ ކޯޓުގެ ގާޒީ ކަންވެސް ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ