ސުޕްރީމް ކޯޓުގެ ހުކުމަށް އިހްތިރާމު ކުރުމަށް އިންޑިއާ އިން ދިވެހި ސަރުކާރަށް ގޮވާލައިފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރޭ ނެރެފައިވާ ހުކުމަށް ދިވެހި ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުން އިހްތިރާމްކުރުމަށް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ހުރިހާ ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ނެރެފައިވާ ހުކުމެއްގައި ރޭ އަމުރުކޮށްފައިވާ ކަމަށެވެ.
ޑިމޮކްރަސީގެ ރޫހާއި ގާނޫނު ނެގެހެއްޓުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަށް ދިވެހި ދައުލަތުގެ ހުރިހާ މުއައްސަސާތަކުން އިހްތިރާމުކުރުމާއެކު ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ހުކުމް ބަލައިގަތުމަށްވެސް އިންޑިއާ ސަރުކާރުން ވަނީ ދިވެހި ސަރުކާރަށް ގޮވާލާފަ އެވެ.
މިބަޔާނުގައި ވަނީ ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދިވެހި ދައުލަތުގެ މުއައްސަސާތަކުން ކޮންމެ ހާލަތެއްގައި ވެސް ކަށަވަރުކޮށްދޭނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް ބުނެފަ އެވެެ.
އިންޑިއާ ސަރުކާރުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖެއަކީ އިންޑިއާ ވަރަށް ގާތް އަވަށްޓެރި ގައުމަކަށްވާތީ ރާއްޖެއަކީ ހަމަޖެހޭ ސުލްހަވެރި ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް އިންޑިއާ އިން އެދޭ ކަމަށެވެ. އަދި ރާއްޖޭގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށްވެސް މިބަޔާން ނިންމާލަމުން ވަނީ ބުނެފަ އެވެ.
ސުޕްރީމް ކޯޓުން ރޭ އިއްވި ހުކުމްގައި ވަނީ ތަފާތު މައްސަލަތަކުގައި ޖަލަށް ލާފައިވާ ނުވަ ބޭފުޅަކު މިނިވަންކުރުމަށާއި، މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމްގައި ވަނީ މި ހުކުމަށް އަމަލުނުކުރާ ފަރާތްތަކާއި، ހުކުމް ތަންފީޒު ކުރަން ހުރަސް އަޅާ ފަރާތްތަކާއި، ހުކުމް ތަންފީޒު ކުރުމުގައި އިހްމާލުވާ ފަރާތްތަކުގެ މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް ޕްރޮސެކިއުޓާ ޖެނަރަލަށް އަމުރުވެސް ކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް އަމަލުކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް ހުކުމް ކުރިތާ 17 ގަޑިއިރު ފާއިތުވެގެން ދިޔައިރުވެސް ހުކުމްގައިވާ ގޮތަށް ސަރުކާރުން އަދި އަމަލުކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ