ސްޓެލްކޯއިން ސިޓީ ކައުންސިލަށް: ޒިންމާދާރުކަމާއެކު އެއްބާރުލުން ދެއްވާ، ނޫންނަމަ މާލޭގެ ބޮޑު ތިން ސަރަހައްދަކުން ކަރަންޓު ކެނޑުމުގެ ފުރުސަތު ބޮޑު

މާލޭގެ ތިން ސަރަހައްދަކުން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތުމާއެކު، ޓްރާންސްފޯމަރު ބަހައްޓަން ބޭނުންވާ ބިން މާލޭ ސިޓީކައުންސިލުން ހަމަޖައްސައިދީފައި ނުވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ސްޓެލްކޯއިން ނޫސްބަޔާނެއް ނެރެފިއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ މާލޭގެ ތިން ސަރަހައްދެއްގައި ބަހައްޓާފައިވާ ތިން ސަބްސްޓޭޝަނެއްގައި އިތުރު ޓްރާންސްފޯމަރުތަކެއް ބެހެއްޓުމަށް ބޭނުންވާ ބިން ހަމަޖައްސައިދިނުމަށް ސިޓީ ކައުންސިލްގައި އެކި ފަހަރު މަތިން ސްޓެލްކޯއިން ވަނީ އެދިފައި ކަމަށާއި އެ ތިން ސަބްސްޓޭޝަނަކީ، ގާކޮށި، ސިނަމާލޭ 2 ގޯތި ތެރޭގައި ހަދާފައިވާ ސަބްސްޓޭޝަނާއި، މަޖީދިއްޔާ ސްކޫލު ކުރިމައްޗަށްވާގޮތައް ހުރި ޕާކިންޒޯނާއި ދިމާލުގައި ހަދާފައިވާ ސަބްސްޓޭޝަނުގެ އިތުރުން، ވިޔަފާރިވެރިންގެ މިސްކިތާއި އިންވެގެން އޮތް ޕާކިން ޒޯނުގައި ހަދާފައިވާ ސަބްސްޓޭޝަން ކަމަށެވެ.
“މީގެ ތެރެއިން، ސިނަމާލޭ 2 ގޯތި ތެރޭގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރަކީ މިހާރުވެސް، އޯވާލޯޑްވުމުގެ ސަބަބުން ކައިރީގައިހުރި އެހެން ޓްރާންސްފޯމަރުތަކަށް އޭގެ ބައެއް ލޯޑް ޓްރާންސްފާރ ކުރަންޖެހިފައިވާ ޓްރާންސްފޯމަރެއް. އަދި މިހާރު އެ ލޯޑް ޓްރާންފަރކުރި ޓްރާންސްފޯމަރުތަށްވެސް ވަނީ އޯވާލޯޑް ވުމާއި ގާތަށްގޮސްފައި. މި ސަބްސްޓޭޝަނުގައި އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، އެ ސަބްސްޓޭޝަނަށް ބޭނުންވާ ބިން ހޯދުމަށް 2 މެއި 2021 ގައި ވަނީ ސިޓީ ކައުންސިލްގައި ރަސްމީކޮށް އެދިފައި. އެ ސިޓީއަށް ޖަވާބެއް ނުލިބުމާއި ގުޅިގެން އިތުރު ސިޓީތަކެއްވެސް ފޮނުވި، އެ ސިޓީތަކަށްވެސް ޖަވާބު ލިބިފައެއްނުވޭ. ” ސްޓެލްކޯއިން ބުނެފައިވެއެވެ.
ސްޓެލްކޯގެ ނޫސްބަޔާނުގައި ބުނެފައިވަނީ ވިޔަފާރިވެރިންގެ މިސްކިތާއި އިންވެގެން ހުރި ޕާކިންޒޯން ހުރި ބިމުގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރަކީ 81 އިންސައްތަ ޔުޓިލައިޒްކުރެވިފައިވާ ޓްރާންސްފޯމަރަކަށްވުމާއެކު، އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، އެ ސަބްސްޓޭޝަން ބޮޑު ކުރުމަށް ބޭނުންވާ ބިން އެތަނުން ހަމަޖެއްސައިދިނުން އެދި، 13 ސެޕްޓެމްބަރ 2021ގައި ވަނީ ސިޓީ ފޮނުވިފައި ކަމަށާއި މި ސިޓީއަށްވެސް ޖަވާބެއް ލިބިފައިނުވާކަމަށެވެ.
މިގެ އިތުރުން މަޖީދިއްޔާ ސްކޫލް ކުރިމަތީ ޕާކިންޒޯން ކައިރީގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރުގެ 73 އިންސައްތަ ޔުޓިލައިޒް ކުރެވިފައިވާއިރު، އެ ސަބްސްޓޭޝަނުގައި އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، އެ ސަބްސްޓޭޝަނާއި އިން ވެގެންއޮތް ހުސް ބިންކޮޅެއް ހަމަޖައްސައިދިނުމަށް 23 މެއި 2021 ގައި ވަނީ ސިޓީކައުންސިލަށް ރަސްމީކޮށް ހުށަހަޅާފައި ކަމަށާއި އަދި އެސިޓީގެ ޖަވާބު ހޯދުމަށް އޭގެ ފަހުން ފޮނުވާފައިވާ ސިޓީތަކަށްވެސް މިއަދާ ހަމަޔަށް އެއްވެސް ޖަވާބެއް ލިބިފައިނުވާކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.
“މި ސަބްސްޓޭޝަން ތަކުގެ ހާލަތު ބަޔާންކޮށް، ސިޓީކައުންސިލަށް ފޮނުވާފައިވާ ސިޓީތަކުގައި، އެ ޓްރާންސްފޯމަރުތައް އަވަސް ގޮތެއްގައި ނުބެހެއްޓިއްޖެނަމަ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިއަށްއޮތް ދުވަސްތަކުގައި ކަރަންޓު ކެނޑުންފަދަ ދަތިތަކާއި ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއްކަމާއި، މި ޓްރާންސްފޯމަރުތަށް ބެހެއްޓުމަށްޓަކައި ބޭނުންވާ ބިންތަކުގެ ކުރެހުންތައްވެސް ވަނީ ހިއްސާ ކުރެވިފައި. އަދި ކުރިއަށް މިއޮތް ދުވަސްތަކަކީ ހޫނު މޫސުމުގެ ދުވަސްތަށް ކަމުގައިވާތީއާއި، އަދި ރޯދަމަހު މި ޓްރާންސްފޯމަރުތައް އޯވާރލޯޑްވެ، ކަރަންޓު ކެނޑުންފަދަ ކަންކަން ދިމާވެދާނެތީ، މި ބިންތައް ހަމަޖެހި މި ޓްރާންސްފޯމަރުތައް ވީއެންމެ އަވަހަކަށް ބެހެއްޓުމަށް މިކުންފުނިން ބޭނުންވޭ. އަދި މިކަމަށްޓަކައި ބޭނުންވާ ޓްރާންސްފޯމަރުތަކާއި، އެހެނިހެން އާލާތްތައްވެސް މިކުންފުނީގައި މިހާރު ހުރިކަން ފާހަގަ ކޮށްލަން.” ސްޓެލްކޯއިން ބުނެފައިވެއެވެ.
ސްޓެލްކޯއިން ބުނެފައިވަނީ އެ ކުންފުނިން 2021 ވަނަ އަހަރުން ފެށިގެން އެދެމުންދާގޮތަށް ބިން ހަމަޖައްސައިނުދީފިނަމަ މާލޭގެ ބޮޑު ތިން ސަރަހައްދަކުން ކަރަންޓު ކެނޑުމުގެ ފުރުސަތުއޮތް ކަން އަދި އެކަމުގެ ސަބަބުން އުނދަގޫތަކެއް ރައްޔިތުން ތަހައްމަލްކުރަންޖެހިދާނެ ކަން ބަޔާންކޮށް އެ ކުންފުނިން މިކަންކަމާއި ގުޅިގެން ތަކުރާރުކޮށް ފޮނުވާފައިވާ ސިޓީތަކަށް އެއްވެސް ޖަވާބެއް ލިބިފައިނުވާއިރު، މާލޭ ސިޓީކައުންސިލްގެ އިސްނެންގުވުމުގެ މަތިން މާލޭގެ  ނުވަ ނަންބަރު ކޮށި (ހ. ދޫވެހި ހުންނަ) ސަރަހައްދުގައި އިމާރާތްކުރަމުންދާ ފަރާތްތަކުން އެ ފަރާތްތަކަށް ކަރަންޓު ކަނެކްޝަން ހެދުމަށް ބޭނުންވާ ޓްރާންސްފޯމަރެއް ބަހައްޓައިދިނުމަށް އެދެމުންދާކަމަށްބުނެ، އާޓިފިޝަލް ބީޗްގައިވާ ވޮލީކޯޓާއި އިންވެގެން އޮތް ސަރަހައްދުން ކަނޑައަޅުއްވައި 24 އޮކްޓޯބަރ 2022 ގައި ސިޓީ ކައުންސިލްގެ ސިޓީއެއް އެ ކުންފުންޏަށް ލިބިފައިވާކަމަށާއި އެހެން ނަމަވެސް އެ ސަރަހައްދުން ކަރަންޓަށް އެދި ހުށަހަޅާ އެއްވެސް ފަރާތަކަށް ކަރަންޓު އެ ކުންފުނިން ނުދެވޭނެ އެއްވެސް ސަބަބެއް ނެތްކަން ފާހަގަކޮށްލެވޭ ކަމުގައިވެސް ބުނެފައިވެއެވެ.
ސްޓެލްކޯއިން އިތުރަށް ބުނެފައިވަނީ އެ ކުންފުނީގެ ސަބްސްޓޭޝަންތަކަށް ބިން އިތުރުކުރުމަށް އެދި ހުށަހަޅާފައިވާ ބިންތައް އެކުންފުންޏަށް ހަމަޖައްސައިދިން ނަމަވެސް، އެކަމުގެ ސަބަބުން އެއްވެސް ބަޔަކަށް ނުވަތަ ބައެއްގެ ބިމަކަށްވެސް ގެއްލުމެއްވެސް އަދި އަސަރެއްވެސް ނުކުރާނެކަން ފާހަގަކޮށްލެވޭ ކަމަށާއި އެކަން އެހެން އޮތް އިރު ސްޓެލްކޯގެ އެދުމަކީ، ރައްޔިތުންނަށް އެކުންފުނިން ދެމުންގެންދާ ހިދުމަތް އޭގެ އެންމެ ފުރިހަމަގޮތުގައި އަދި މެދު ނުކެނޑި ފޯރުވައިދިނުމަށް ކަމާއިބެހޭ އެންމެހާ ފަރާތްތަކުންވެސް އެއްބާރުލުން ދެއްވާ، ޒިންމާދާރުކަމާއެކު، މި ކުންފުންޏާއި ގުޅިގެން އެކީގައި މަސައްކަތް ކުރުން ކަމަށެވެ.
Your email address will not be published. Required fields are marked *
ހިޔާލު * document.getElementById("comment").setAttribute( "id", "a92e21d60c0ae9bf27c1e337b15a7a84" );document.getElementById("bb7c1a6aaf").setAttribute( "id", "comment" );
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
Email: [email protected] | Phone: +960 9770541Address: M. Golden Bones, 3rd Floor, Male’ Maldives© Copyright 2020, Dhuvas.mv, All Rights Reserved
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ