ބައެއް ދިވެހީންނަށް ޖެހޭ ހަނދާން ނެތޭ ސިޔާސީ ބަލި!

ހަނދާން ނެތޭ ބައްޔަކީ ނުރައްކާތެރި ބައްޔެކެވެ. ހަމަ ހަގީގަތުގައި ވެސް ވަރަށް ނުރައްކާތެރި ބައްޔެކެވެ. އަމިއްލަ ނަފުސަށާއި އެހެން މީހުންނަށް ވެސް އޭގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑެވެ. އެ ބަލީގެ ނުރައްކާތެރިކަން ދިވެހީންނަށް އެންމެ ފަސޭހައިން "ހަނދާނަށް" ގެނެވޭނީ ހިންދީ ފިލުމަކާ ގުޅުވައިލީމައެވެ. މީލާދީން 2008ވަނަ އަހަރު ބޮލީވުޑުގައި ނެރުނު އެންމެ މަޝްހޫރު ފިލުމު ކަމަށްވާ، އާމިރު ޚާންގެ "ގަޖިނީ" ފިލްމަކީ އަނިޔާވެރި ހަމަލާތަކެއް ބޮލަށް ދިނުމުގެ ސަބަބުން، މާޒީ ހަނދާން ނެތޭ ބަލިޖެހިފައިވާ މީހެއްގެ ހަޔާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރީތި ފިލުމެކެވެ. ބޮލީވުޑުގެ ފިލުމުތަކަށް ލޯބިކުރާ މީހުންނަށް މި ދެންނެވި ފިލުމު އެނގޭނެކަން ކަށަވަރެވެ. އެހެންވީމާ އެ ފިލުމު ހަނދާނަށް ގެނައުމުން، މާޒީ ހަނދާން ނެތުމަކީ ކޮން ފަދަ ނުރައްކާތެރި ކަމެއްކަން ވިސްނައިލެވޭނެއެވެ. އަދި އަމުދުން ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ބަޔަކަށް "ހަނދާން ނެތޭ ސިޔާސީ ބަލި" ޖެހޭ ނަމަ އާންމު ރައްޔިތުންނަށާއި ގައުމަށް ކިހާ ނުރައްކާ ވާނެތޯއެވެ؟ ވޭތުވެ ދިޔަ 28 ވަރަކަށް އަހަރުގެ މާޒީގައި، ހަތަރު ވަރަކަށް ލައްކަ މީހުން ދިރިއުޅޭ މި ކުޑަކުޑަ ގައުމުގައި ސިޔާސީ ކަންކަން ހުރީ ހަމަ ވަރަށް ހޫނުކޮށެވެ. އާބާދީ ބޮޑެތި އިންޑިޔާ ފަދަ ގައުމުތަކަށް ދޫނުކުރާ ހިސާބުގައެވެ. ސިޔާސީ މަސްރަހު ހޫނުވި ވަރަކަށް "ހަނދާން ނެތޭ ސިޔާސީ ބަލި" ޖެހޭ މިންވަރު ބޮޑުވެއެވެ. ސިޔާސީ ހަނދާނުގެ ވާ ފަށް ތަންކޮޅެއް ފަހަތަށް ދަމައިލަމާ ހިނގާށެވެ. އޭރުން މި ދެންނެވި ވާހަކައަށް ބާރު ލިބޭ ހެކި ފެންނާން ފަށާނެއެވެ. ހަނދާން ނެތޭ ބަލިޖެހިފައިވާ މީހެއްގެ ހަޔާތް ދައްކުވައިދޭ ''ގަޖިނީ'' ފިލްމުގެ މަންޒަރެއް -- ދިވެހީންގެ ތެރެއަށް ސިޔާސީ ޕާޓީތައް ތައާރަފުވެ، ރައީސްކަމަށް ކުރިމަތިލާ މީހާ، ރައްޔިތުންނަށާއި ދިވެހި ގައުމަށް ކޮށްދޭނެ ކަންތައްތައް ލިޔެ ޗާޕުކޮށް ރައްޔިތުންނާ ހިއްސާކުރާން ފެށުނީ 2008ވަނަ އަހަރުގެ ރިޔާސީ ރޭހަށް ވާދަކުރި ދުވަސްވަރުން ފެށިގެންނެވެ. އޭރު ވެރިކަމުގައި ހުންނެވި އަލްއުސްތާޛު މައުމޫނު ޢާބުދުލްޤައްޔޫމާ ވާދަކުރެއްވުމަށް ރިޔާސީ ރޭހަށް އެމްޑީޕީގެ ފަރާތުން ނިކުމެވަޑައިގެންނެވި އަލްފާޟިލް މުޙަންމަދު ނަޝީދު އެކުލަވައިލެއްވި މެނިފެސްޓޯއަކީ "ވަޠަން އެދޭގޮތަށް - އަނެއް ދިވެހިރާއްޖެ" އެވެ! އެ މެނިފެސްޓޯގައި ހުރި ކިތައް ކަންތައްތައް ދިވެހީންނަށް ހާސިލުކޮށްދެވުނުތޯއެވެ؟ އެ ވިދާޅުވާ "އަނެއް ދިވެހިރާއްޖެ"އަށް ދިވެހީން ދާން ބޭނުންނުވި މަންޒަރު މާލޭގައި އޭރު ދިރިއުޅުނު މީހުން ދެކިފައިވާނެއެވެ. އެކަމަކު މިއަދު އެ ހަނދާން ހުރީ ކިތައް ދިވެހީން ބާވައެވެ؟ ހަނދާން ނެތޭ ބަލީގެ ސަބަބުން އެކަން މާޒީއާ އެކުވެ ހަނދާން ނެތި ދިޔައީއެވެ. ފަސް އަހަރުގެ ވެރިކަމެއްގައި "އަނެއް ދިވެހިރާއްޖެ" ހޯއްދަވައިދެއްވާން ވަޑައިގެންނެވި މާލިމީގެ ހާލަކަށް ވީ، އެ ވެރިކަމުގައި ކުރިމަތިވި ކޮޅިގަނޑުތަކުގައި އޮޑި ދުއްވާން ކެރިވަޑައިނުގަތް 7 ފެބްރުއަރީ 2012ވީ ބުދަ ދުވަހު އޮޑީން ފުންމަވައިލެއްވީއެވެ. ކަނޑު ގަދަވާ އިރަށް އޮޑިއަކާ އޮޑިއެކޭ ވިދާޅުވެ ކަނޑަށް ފުންމަވައިލައްވައި ފަޅުވެރީން ކަނޑަށް އުއްކަވައިލެއްވީއެވެ. ދިޔަ ވަތުގައި ދިޔަ ހިއްކާން ތިބި ފަޅުވެރި ކުދީން ދައްކާ ވާހަކަ ވެސް އަޑެއް ނޭއްސެވިއެވެ. "މަށަކަށް މިކަމެއް ނުވާނޭ، މީގައި އެންމެ ހެޔޮ ބޮޑީ މަ މިކަމުން އިސްތިއުފާ ދެއްވުމޭ!" ވިދާޅުވަމުން ބޯޖެހިތާ ނަގޫ ޖައްސަވައި ދުވެ ފިއްލެވީއެވެ. އެކަމަކު އެއީ ހިތްވަރު ގަދަ ފަހުލަވާނެކެވެ. ކުޅަދާނަ ސިޔާސީ މުހައްރިކެކެވެ. ދުރުވިސްނޭ މުފައްކިރެކެވެ. އަނެއް ދުވަހު އިރުއެރުމާއެކު ވާހަކަ މުޅީން ބަދަލުވެ، ހިތްވަރު އާ ކުރައްވައި، "މި އޮޑިއެއް ނުފެތޭނޭ" ހަރުއަޑުން ވިދާޅުވަމުން ފަޅުވެރި ކުދީންކޮޅު އަލުން އޮޑިއަށް އަރުވައި ދަތުރު ފެއްޓެވިއެވެ. މި ދެންނެވި އޮޑިއަށް އެރި ފަޅުވެރީންނާއި އޮޑިއަށް ނާރާ، އައްސޭރި ފަށުގައި ކުޅި ބަލާން ފަޅުވެރި ކުދީންގެ ތެރެއިން ބަޔަކު ތިބިކަން މިއަދު "ރަން ރީނދޫ ލަޝްކަރު" ހަނދާން އެބަހުރި ބާވައެވެ؟ ނުވަތަ "ސިޔާސީ ހަނދާން ނެތޭ ބަލީ"ގައި އެ ކަން ސިނކުޑީން ފިލައި ދިޔައީ ބާވައެވެ. ކަންކުރާން ނުކެރިގެން އިސްތިއުފާ ދިން މީހެއްގެ ފަހަތުގައި އަނެއްކާ ވެސް މުގޯލިއަޅާން އެ ފެށީ މާޒީ ހަނދާން ނެތުނީމާތާއެވެ؟ ގޮތް ނިންމާނީ ތިކޮޅުންނެވެ. ވެރިކަން ކުރުމަށް ލިބިވަޑައިގެންނެވި ފަސް އަހަރުގެ ތެރެއިން، އިސްތިއުފާ ދެއްވި ތާރީޚުން ފެށިގެން ފަސް އަހަރު ހަމަވާން ބާކީ އޮތް ދުވަސްތަކުގައި ދިވެހި ގައުމުގެ އެތައް ބަޔަކު މަގުމައްޗަށް ނެރުނެވެ. އިޖުތިމާއީ އަދަބާއި އަޚްލާގާ ޚިލާފު އެތައް ކަމެއް މާލޭގެ ދެކުނު ފަރާތު އުސްފަސްގަނޑުގައި ހިންގިކަން ނޫސްތަކުން ފެންނާން ހުރި ސުރުޚީތަކުން ހާމަވާނެއެވެ. އޭރު އަރުވަމުން ދިޔަ ފޯރިއާއެކު، 2013ގެ ރިޔާސީ ރޭހާ ދިވެހީން ކުރިމަތިލާން ޖެހުނީ، މުޅި ގައުމުގެ އިރުމައްޗާއި ހުޅަނގުން ވެސް ރަންރީނދޫ ދަޅަތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. އެހެނަސް ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ރަންރީނދޫގެ މައި ފެހެލަވާނަށް ނޫނެކޭ ބުނެ ނަތީޖާ ނެރެދެއްކިއެވެ. ސިޔާސީ ގޮތުން ބޮޑު ފޭލުވުމަކުން ފޭލުކޮށްލިއެވެ. އެހެނަސް އެއީ މާޒީއެވެ. މިހާރު އަނެއްކާ ވެސް ހަމަ އޭނާ ވަށައި އެނބުރޭ ބަޔަކު އެކަން ހަނދާން ނެތި، އޮފު ކެނޑުނު ސިޔާސީ ހަޔާތް އޮފުކުރަން މަސައްކަތްކުރަނީ މާޒީ ހަނދާން ނެތޭ ބަލި ޖެހިފައިވީމާ ނޫން ތޯއެވެ؟ ރާއްޖޭގެ ސިޔާސީ އޮއިވަރު އެނބުރެނީ ކިހިނެއްކަން މަސްރަހު ދިރާސާކުރައްވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ. އެ ގޮތުން، 2023ވަނަ އަހަރުގެ ރިޔާސީ މައި ރޭހަށް ނެރޭ ބައެއްގެ ބުންވަރު ހުރި ވަރެއް، ވަކަރަށް ޖަހައިލުމަށް އޮންނަ އިންތިޚާބެއްގެ ގޮތުގައި ސިޔާސީ ޕާޓީތަކުގެ އެތެރޭގައި އޮންނަ ޕްރައިމަރީ ހިމެނެއެވެ. ރާއްޖޭގެ ސިޔާސީ ހަރުގެތަކަށް ނަޒަރު ހިންގައިލާ އިރު، އެންމެ ބައިބޯކޮށް ފެންނަ ޓީމުގެ އެތެރޭގައި ވެސް ޕްރައިމަރީއެއް ބޭއްވިއެވެ. އެކަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. އަދި އިވޭ އަޑުތަކަށް ބުރަވާނަމަ، އެއީ ރާއްޖެއަށް ޑިމޮކުރަސީ ގެނެސްދެއްވި ޑިމޮކްރަސީގެ ބައްޕައެވެ. ދެން ނުކުންނެވީ، އޭރު ދިވެހި ގައުމުގެ ރައީސެވެ. ވަކަރަށް ޖަހައިލިއިރު ނިރޮޅުގަނޑުގައި އާރެއް ނެތްކަން އެނގުނެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ، ލަދުވެތި ބައްޔަކުން ބަލިވީ، "މި އޮޑިއެއް ނުފެތޭނެ"ކަމަށް ވިދާޅުވި ފަރާތެވެ. މިކަން ހަނދާން ހުރީ ކޮން ބައެއް ބާވައެވެ؟ ދަ ޑިމޮކްރެޓްސްގެ ޖަގަހަ -- ފޮޓޯ/ ދަ ޑިމޮކްރެޓްސް ދެން ކަންތައް ހިނގާ ދިޔަ ގޮތް ވެސް ހަނދާނަށް ގެންނަމާތޯއެވެ. ޕްރައިމަރީގައި ބަލިވުމުން، ބޮޑާ ހާކާލައިފައި އަމިއްލައަށް ބިނާކުރި ސިޔާސީ ހާލި ދޫކޮށްލައިފައި އުދުހިގަނެގެން ދިޔައީއެވެ. ހާލި "ރޫޅާލާނަން"ކަމަށް ހަރުއަޑާއެކު، ތިން ފަށުން އިއުލާނުކޮށްފައެވެ. އަލުން އޮޑިއެއް ބަންނަވައި އޭގައި އަލުން ދަވާދު ލައްވައިގެން ސިޔާސީ ކަނޑަށް ނެރުއްވިއެވެ. އެކަމަކު ކަމުދާ ފަޅުވެރިއެއް ނެތްތާގައި ހުންގާނު ހިފަހައްޓައިލެވޭނެ މާލިމީއަކު ވެސް އަތަކު ނުޖެހުނެވެ. އަދި ފަޅުވެރިއަކު ވެސް އަތަކު ނުޖެހުނެވެ. ސިޔާސީ ކަންކަމުގައި އުޅޭ ދިވެހީންގެ ކިބައިގައި ހަނދާން ނެތޭ ބަލި ހުންނަ ބައެއްކަން ދަންނާތީކަމެއް ނޭނގެއެވެ. ގައުމުވެސް ދޫކޮށް އެހެން ގައުމަކަށް ވަޑައިގެން ރާއްޖޭގެ ސިޔާސީ ކަންކަމާ ދުރަށް ދިޔަކަމަށް އަނެއްކާ ވެސް އިއުލާނެއް ކުރެއްވިއެވެ. އެކަމަކު ގިތެޔޮ އެޅި ގުޅިއަކުން ވަސްކަނޑުވައިލުމަކީ ދަތިކަމެކޭ މީހުން ބުނާތީ އަޑުއަހަމެވެ. މުސްކުޅީންގެ އެބަސް ސީދާވިއެވެ. މިހާރު މި ދުވަނީ އެ ގިތެލުގެ ވަހެވެ. ހަނދާން އެބަހުރި ތޯއެވެ؟ ސިޔާސީ ކަނޑަށް އަލަށް ނެރުނު އޮޑީގައި ކުރިއަށް ކަނޑާގޮތް ނުވެ، ފުޅައޮއި ހިފައިލެވޭ ގޮތް ވެސް ނުވީމާ، އެންމެ ފަހުން ވަރަށް ލޯބިން ބަން ސިޔާސީ "ނޫބައްތެލި" ފައްތައިލައިފައި އިހު އޮޑިއަށް އެރުމުގެ ދަތުރުތައް ހެއްދެވިއެވެ. އަދި މިހާރު ހުންނެވީ "ސިޔާސީ ބާ އޮޑީ"ގެ ހުންގާނުގައި މާލިމީއަކަށެވެ. ހިނގާ ދިޔަ ހުރިހާ ކަމެއް ހަނދާން ނައްތައިލައި އަނެއްކާ ވެސް މުޅި އޮޑިއާއި އޮޑީގެ މާލިމީކަމާއި ނެވިކަން ވެސް އޭނާއަށް ވެދުމަށް ދީފިއެވެ. އިހު ކަންހިނގާ ދިޔަ ގޮތް ހަނދާނުގައި ހުރި ބަޔަކު މިހެން ހަދާފާނެ ހެއްޔެވެ؟ ނުހަދާނެއެވެ. ބަޔަކު ހަނދާނުން ފުހެލެވޭ ވަރަށް މީހުންގެ ސިކުނޑިއާ ކުޅެލަން އޭނާ ހަމަ ކުޅަދާނައީއެވެ. ސިޔާސީ ކަންކަމަށް މޮޅީއެވެ. ނޫނީ ދިވެހިން ގަރަހިތައަށް ވެ، ހަނދާން ނެތޭ ބައްޔަށް ފައްސިވީއެވެ. ސިޔާސީ ގޮތުން ރާއްޖޭގައި ހުރި އެންމެ "ކުޅަދާނަ" ޝަޚުސަކީ މިއީ ކަމަށް ބުނާ މީހާގެ ހަޔާތު ނާމައިން ތަންކޮޅެއް ލިޔެލީމާ ވިސްނުނީ ބައެއް ދިވެހީންނަކީ "ހަނދާން ނެތޭ ބަލި" ޖެހިފައިވާ ބައެއް ކަމެވެ. ވެރިކަމުގައި ތިއްބެވި ބޭފުޅުންގެ ވަށައިގެން އެނބުރޭ "ތާވަޅު ކޯޅި"އާއި އެ މީހުންގެ މާޒީއާއި މިހާރު ދައްކަވާ ވާހަކައާއި އަމަލުތައް ދިރާސާކޮށް ބަލައިލުމުން ވެސް ފެންނަނީ މި ދެންނެވި ހަގީގަތްތަކެވެ. އިގުތިސާދީގޮތުން ރައްޔިތުންނަށް ތިޔާގި ފަސް އަހަރެއް ގެނެސްދެއްވި ބޭފުޅާގެ އަރިހުގައި ތިއްބަވާ ބޭފުޅުންގެ މާޒީ ނިއުޅައިލިއަސް، ހަމަ ރައްޔިތުންނަކީ ހަނދާން ނެތޭ ބަލި ޖެހިފައި ތިބި ބައެއްކަން އެ މީހުން ގަބޫލުކުރާ ފަދައެވެ. އެއްވެސް ސުވާލެއް ނެތް ގޮތުގައި، ރާއްޖެއަކީ މި ސަރަހައްދުގެ ލިޔަންކިޔަން ދަތުމުގެ އެންމެ ރަނގަޅު ރިކޯޑު އޮތް ގައުމުކަމެވެ. އެކަމަކު، ވެރިކަމުން ފޭލިވެފައި ތިބި ސިޔާސީވެރީންނާއި މިހާރު ތަޚުތުގައި ތިއްބެވި ސިޔާސީ ވެރީން ދައްކަވާ ވާހަކަތަކުގެ ސަބަބުން، މުޅި ގައުމުގެ އެންމެންނަކީ ސިޔާސީ މައިދާނުގައި "ހަނދާން ނެތޭ ބަލި" ޖެހިފައި ތިބި ބަޔަކަށް ހަދައިލައިފިއެވެ. މި ކަމާ ރައްޔިތުން ހަމަ ރުހިގެން ތިބެންވީތޯއެވެ؟ ރަށްރަށުގެ އަތިރިމަތީ ހުރި އޮޑި ހަރުގެތައް ކައިރިން ކޮނެގެން ނަގާ ގުބޯ، ދޮލަނގަށް ލައި އެ ދޮލަނގުގައި ޖަހައިލައިއިރަށް ނަށަން ފަށާ ބީދައިން ސިޔާސީ ވެރީންގެ ދޮލަނގުގައި އެ މީހުން ޖަހާލާއިރަށް، ނިކަމެތި ރައްޔިތުން ނަށައިލަ ނަށައިލަ ތިބެންވީ ހެއްޔެވެ؟ "ސިޔާސީ ސާހިބުމީހާ" ގެންގުޅޭ ކުއްތާގަނޑެއް ފަދައިން، އޭނާ ބުނީމާ ވައްވައް ޖައްސައިފައި، އޭނާ ބުނީމާ ދަތް އަޅައިފައި، އަދި އޭނާ ބުނީމާ ބަސްއަހައިގެން ގޭގައި އޮންނަ ފެންވަރަށް ދިވެހީން ވެއްޓުނީ ހެއްޔެވެ؟ ސިޔާސީ ވެރީން ކަންތައް ކުރާ ގޮތާއި ދައްކާ ވާހަކަތައް ތިމާއަށް ހަނދާން ނެތޭ ނަމަ، ގަޖިނީ ފިލުމުގައި އާމިރު ޚާން ހެދިހެން އެ ކަންކަމާއި އެ ވާހަކަތައް ހަށިގަނޑުގައި ލިޔަމާ ހިނގާށެވެ. އޭރުން ދެންމެ މި ދެންނެވި ސުވާލުތަކުގެ ޖަވާބު އަމިއްލަ ނަފުސަށް ލިބޭން ފަށާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ