ހައްޖުވެރިންގެ މެދުގައި ވެސް ރޯގާތައް އިތުރު؛ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އިލްތިމާސްކޮށްފި
ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރޭ ރާއްޖެ އައިސްފައިވާއިރު، ރާއްޖޭގައި މިހާރު ވެސް ރޯގާތައް ފެތުރުން އިތުރުވެފައި އޮތުމުން، ބަލީގެ އަލާމާތްތަކަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ސިއްހީ މާހިރުން އިލްތިމާސްކުރައްވައިފިއެވެ. ދިވެހީން މި އަހަރު ހައްޖަށް ދާން ފެށީ މިދިޔަ މަހުގެ 15 ވަނަ ދުވަހެވެ. އަދި ހައްޖުގެ އަޅުކަން ނިންމުމަށް ފަހު ހައްޖުވެރިން އަންނަން ހަމަޖެހިފައިވަނީ ހަތަރު ފްލައިޓެއްގައި ކަމަށްވާއިރު، ރޭ 241 ހައްޖާޖީން ވަނީ އެނބުރި އައިސްފައެވެ. ބާކީ ހައްޖުވެރިން ރާއްޖެ އަންނަން ހަމަޖެހިފައިވަނީ ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައެވެ. ރާއްޖޭގައި ބަލި ފެތުރެމުންދާ ގޮތާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓާ އޮފް ޕަބްލިކް ހެލްތު، ސަނާ ސަލީމް ވިދާޅުވީ މި އަހަރު ފެށުނީއްސުރެ އެކި ކަހަލަ ބަލިތައް އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން ޑިސެންބަރު މަހު ފަހުކޮޅުން ފެށިގެން ޖަނަވަރީ މަހު ޑެންގީ ކޭސްތައް އިތުރުވަމުން އަންނައިރު ރޯގާތައް ވެސް އިތުުރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ސަނާ ވިދާޅުވީ ރޯގާގެ ބައެއް ބާވަތްތަކުން ހާލަތު ސީރިއަސްވާ ކަމަށާއި އޭގެ ތެރޭގައި އިންފްލުއެންޒާ ހިމެނޭ ކަމަށެވެ. އަދި އިންފްލުއެންޒާއަކީ ވެސް އިތުރުވަމުން އަންނަ ބައްޔެއްކަން އޭނާ ފާހަގަކުރިއެވެ. ހައްޖުވެރިން މަދީނާގައި: ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް ރޭ ވަނީ އެނބުރި އައިސްފައި -- ފޮޓޯ/ ހައްޖު ކޯޕަރޭޝަން މިދިޔަ މަހުގެ ފަހުކޮޅު އީދު ޗުއްޓީ އައިކަން ފާހަގަކުރައްވައި ސަނާ ވިދާޅުވީ އެފަދަ ޗުއްޓީތަކުގައި ގިނަ ބަޔަކު އެއްތަންވެ އުޅުން ފަދަ ކަންކަމުގެ ސަބަބުން ބޭރަށްހިންގުމާއި ފާނަބަސަންދާއި ލޮލުރޯގާ ފަދަ ބަލިތައް އިތުރުވާ ކަމަށެވެ. "ދެން އަދި އޭގެ އިތުރަށް ހޭންޑް ފުޓް އެންޑް މައުތު ޑިޒީސް ކިޔާ، ގިނައިން ކުޑަކުދިންގެ ތެރޭގައި އުޅޭ ބައްޔެއް، މި ބަލިވެސް އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް އެބަ ރިޕޯޓުކުރެވޭ. ދެން އަޅުގަނޑުމެންގެ ތެރޭގައި ލޯކަލީ މިއުޅޭ މީސަލްސް ކޭސްތައް ފެނުމާ ގުޅިގެން، އެއީ އަޅުގަނޑުމެން މިހާރު މޮނިޓާކޮށްގެން ކައިރިން ބަލަހައްޓަމުންދާ ބައެއް ބަލިތައް،" އޭނާ ވިދާޅުވިއެވެ. އެ ޕްރޮގްރާމުގައި ޓްރީ ޓޮޕް ހޮސްޕިޓަލްގެ މެޑިކަލް ޑިރެކްޓާ ޑރ. އިބްރާހީމް އިޔާޒް ވެސް ވިދާޅުވީ، ހޮސްޕިޓަލަށް އަންނަ މީހުންނަށް ބަލާއިރު އެކި ކަހަލަ ވައިރަލް އިންފެކްޝަން ޖެހިގެން އަންނަ މީހުންގެ އަދަދު މަދުނުވާ ކަމަށެވެ. ޚާއްސަކޮށް ޑެންގީގެ ކޭސްތަކާއި އިންފްލުއެންޒާ ކޭސްތައް އިތުރުވާކަން އޭނާ ފާހަގަކުރެއްވިއެވެ. ހައްޖުގެ އަޅުކަމަށް ދިޔަ މީހުން އިއްޔެ އެނބުރި ރާއްޖެ އަންނަން ފަށައިފައިވާއިރު، އެކަމާ ގުޅޭ ގޮތުން ސަނާ ވިދާޅުވީ، ހައްޖަށް މީހުން ފުރިއިރު ވެސް ބަލި އިތުރުވެފައި އޮތުމުން، ބަލީގެ އަލާމާތެއް ހުރި ނަމަ ގިނަ މީހުން އެއްވެ އުޅޭ ތަނަކަށް ފުރުވަން ނުދިޔުމަށް އިލްތިމާސްކުރި ކަމަށެވެ. ހަމައެގޮތަށް، ހައްޖުވެރިން އަންނައިރު މަރުހަބާ ކިޔަން ވެސް ވީހާ ވެސް މަދު މީހުން ދިޔުމަކީ ރަނގަޅު ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ. ޚާއްސަކޮށް ރޯގާގެ އަލާމާތްތައް، ނުވަތަ ހިމަބިހީގެ އެއްވެސް އަލާމާތެއް ހުރެއްޖެ ނަމަ އެންމެން އެއްވާ ތަނަކަށް ނުދިޔުން މުހިންމު ކަމަށް ސަނާ ވިދާޅުވިއެވެ. އަދި މައްކާއިން އަންނައިރު ވެސް މާހައުލު ބަދަލުވުމާއި، ހައްޖުގައި އުޅޭ އިރުވެސް ބައިވަރު މީހުން އެއްވެ އުޅުމުގެ ތެރޭގައި އެކިކަހަލަ ރޯގާތައް އިތުރުވާކަން އޭނާ ފާހަގަކުރެއްވިއެވެ. ހައްޖުވެރިން އެނބުރި އައުން: ހައްޖުވެރިން އަންނައިރު ރާއްޖޭގައި ބަލިތައް ވަނީ އިތުރުވެފައި -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ ސަނާ ވިދާޅުވީ އެޗްޕީއޭއިން ދަނީ ހައްޖާޖީންގެ މެޑިކަލް ޓީމާ ވެސް މަޝްވަރާކުރަމުން ކަމަށާއި، އެގޮތުން ހައްޖުވެރިންގެ މެދުގައި ބަލި އޮތް މިންވަރު ބަލަމުން އަންނަ ކަމަށެވެ. ހައްޖުވެރިންގެ މެދުގައި އުމުރުން ދުވަސްވީ މީހުން ގިނަކަން ފާހަގަކުރައްވައި ސަނާ ވިދާޅުވީ، އެ އުމުރުފުރާގައި ބަލި ޖެހުމުން ހާލު ގޯސްވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. "އެ މީހުންގެ ތެރޭގައި އެބައޮތް ރޯގާ ވަރަށް ގަދަޔަށް، އެހެންވީމަ އަންނައިރު އެއާޕޯޓުން އައިސް އަދި ޓެކްސީގައި ގެޔަށް ދިޔުން، ވަރަށް ގިނަ މީހުންނަށް އެކްސްޕޯސްވެގެން ދަނީ، އެހެންވީމަ އެކްސްޕޯޝާ ރޫޓް ވީހާވެސް ކުޑަކޮށްލެވޭނެ މެކޭނިޒަމްއަކަށް ބަލަންވީ،" އޭނާ ވިދާޅުވިއެވެ. ހައްޖުވެރިން ގެޔަށް ދިޔުމަށް ފަހު، ޚާއްސަކޮށް މާބަނޑު މީހުން ފަދަ ބަލީގެ ހާލަތު ގޯސްވެދާނެ މީހުން ނުވަތަ ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުން ގޭގައި ތިބިނަމަ، އެ މީހުންނާ ގާތް ނުވުމަށް ސަނާ އިލްތިމާސްކުރެއްވިއެވެ. އޭނާ ވިދާޅުވީ އެންމެ މުހިންމު ކަމަކީ ސާފުތާހިރުކަމުގެ ފިޔަވަޅުތައް އެޅުން ކަމަށާއި އަލާމާތްތައް ހުރިނަމަ މާސްކް އެޅުން ކަމަށެވެ. އެފަދަ ފިޔަވަޅުތައް އެޅުމުން ރައްކާތެރިވެވޭނެ ކަމަށް ސަނާ ވިދާޅުވިއެވެ. ޑރ. އިޔާޒް ވިދާޅުވީ، ހައްޖުވެރިން ރާއްޖެ އަންނައިރު ބަލީގެ އަލާމާތްތައް ހުރި ނަމަ އެކަމަށް ސަމާލުވާން ޖެހޭ ކަމަށެވެ. އެގޮތުން އާންމުކޮށް ފެތުރޭ ބަލިތަކުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި ބޮލުގައި ރިއްސުމާއި ވަރުދެރަވުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ބަލީގެ ހާލަތު ސީރިއަސްވެ، ފުއްޕާމެއަށް ފޯރައި ނިއުމޯނިއާ ޖެހުން ނުވަތަ ސިކުނޑިއަށް ފޯރައި މެނިންޖައިޓިސް ޖެހުމުގެ ނުރައްކާ އޮންނަކަން އޭނާ ފާހަގަކުރެއްވިއެވެ. ޑރ. އިޔާޒް ވިދާޅުވީ ބަލީގެ ހާލަތު ގޯސްވަނީ 'ހައި ރިސްކް' މީހުންނަށް ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ހުރިހާ ވެކްސިންތައް ފުރިހަމަނުކޮށް ހުންނަ ތުއްތު ކުދިންނާއި މާބަނޑު މީހުންނާއި އެހެނިހެން ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުން ކަމަށެވެ. އެހެންވެ، ހައްޖުވެރިން އަންނައިރު އެއްވެސް އަލާމާތެއް ހުރެއްޖެ ނަމަ މާސްކް އެޅުމަށާއި، ރަނގަޅު އަތް ދޮވުމަށާއި، ފުރަތަމަ ދެ ހަފުތާ ތެރޭގައި ގިނަ މީހުންގެ ތެރެއަށް ނުދިޔުމަށް އޭނާ ވެސް އިލްތިމާސްކުރެއްވިއެވެ. https://sun.mv/222757 ރާއްޖޭން ނައްތާލައިފައިވާ ބައްޔެއް ކަމަށްވާ ހިމަބިހި މި ދުވަސްވަރު ރާއްޖޭގައި ފެތުރި، 11 މީހެއްގެ ފަރާތުން ވަނީ ބަލި ފެނިފައެވެ. އެޗްޕީއޭއިން އަންނަނީ އެ މީހުންނާ ކޮންޓެކްޓްވި މީހުން މޮނިޓާ ކުރަމުންނެވެ. އަދި ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ މީހުންނަށް ބޫސްޓާ ވެކްސިން ޖެހުމަށް ލަފާދީފައިވާއިރު، ހިމަބިއްސަށް ޖަހާ އެމްއާރު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް ވެކްސިން ޖަހަން، ވެކްސިން ގެނައުމުގެ މަސައްކަތް ކުރަމުންދެއެވެ. ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ހަށިގަނޑުން ރަތްބިހިތަކެއް ނެގުން ހިމެނޭއިރު، އެ އަލާމާތްތައް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި، ހިމަބިއްސަށް ޝައްކުވެގެން ޓެސްޓު ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެ ހުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. މި ބަލި ޖެހެނީ، ހިމިބަހި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އަޅާއިރު، ނޭވާލާ ނިޒާމުގެ ތެރެއިން ކަމަށް އެ އެޖެންސީން މައުލޫމާތުދެއެވެ. https://sun.mv/222839 ހިމަބިހީގެ ކޭސްތައް ފެންނަމުން ދާތީ، ހުމާއި ރަތްބިހީގެ އަލާމާތްތައް ހުރި ފަރާތްތަކަށް އެހީވާން އައިޖީއެމްއެޗްގައި ޚާއްސަ 'ހެލްޕް ޑެސްކް' އެއް ވެސް ވަނީ ގާއިމުކޮށްފައެވެ. އެގޮތުން ބޮޑެތި މީހުންގެ ކުއްލި ފަރުވާ ދޭ ބައި (މެއިން އީއާރް) ގެ އެމްބިއުލާންސް ޕޯޓިކޯ ކައިރީ 'ހެލްޕް ޑެސްކް' އެއް ގާއިމުކޮށްފައިވާ ކަމަށް އައިޖީއެމްއެޗްއިން ބުންޏެވެ. އަދި މި ޑެސްކުން ހެނދުނު 08:00 އިން ފެށިގެން ރޭގަނޑު 23:00 އަށް ޚިދުމަތް ލިބޭނެ ކަމަށް އައިޖީއެމްއެޗްއިން ބުންޏެވެ. މީގެ އިތުރުން، އެޗްޕީއޭއިން ވަނީ، ހައްޖާޖީން ބަލިވެގެން ޑޮކްޓަރަށް ދެއްކޭނޭ އިންތިޒާމު ހޮސްޕިޓަލްތަކުގެ ޖެނެރަލް އޯޕީޑީ މެދުވެރިކޮށް ހަމަޖައްސާފައިވާ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ