ރިތޭޝް އާއި ޖެނީލިއާ ދެ ކުދިންނާ އެކު ރާއްޖޭގައި
ބޮލީވުޑްގެ މަގުބޫލު ދެމަފިރިން ކަމަށްވާ ރިތޭޝް ދޭޝްމުކް އާއި ޖެނީލިއާ ދޭޝްމުކް ދެ ކުދިންނާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ. ރިތޭޝްގެ ދެމަފިރިން ރާއްޖެ އައީ ސީދާ ކޮން ދުވަހެއްގައިކަމެއް ހާމަކޮށްފައެއް ނުވެއެވެ. ރިތޭޝް އާއި ޖެނީލިއާ ވަނީ ރާއްޖޭގެ ޗުއްޓީގައި ހޭދަކުރަމުން އަންނަކަން ދެ ތަރިންގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކޮށްފައެވެ. ބޮލީވުޑްގެ އެންމެ ކާމިޔާބު ފިލްމީ ތަރިންގެތެރޭ ހިމެނޭ ރިތޭޝް އާއި ޖެނީލިއާގެ އާއިލާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ސެންޓާރާ ގްރޭންޑް ލެގޫން މޯލްޑިވްސްގައެވެ. ޖެނީލިއާގެ ދެމަފިރިންގެ ގާތް ދެ ރަހްމަތްތެރިއަކު ވެސް މި ދަތުރުގައި ބައިވެރިވެފައިވާއިރު ސެންޓާރާ ގްރޭންޑް ލެގޫން މޯލްޑިވްސްގައި ނަގާފައިވާ ބައެއް ފޮޓޯތައް ބަތަލާ ވަނީ އަމިއްލަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ރިތޭޝް އާއި ޖެނީލިއާ ސެންޓާރާ ގްރޭންޑް ލެގޫން މޯލްޑިވްސްގައި--ފޮޓޯ/އިންސްޓަގްރާމް މި ފޮޓޯތައް ހިއްސާކުރަމުން ރިތޭޝް އާއި ޖެނީލިއާ ބުނެފައިވަނީ، ދިރިއުޅުމުގެ ހަލަބޮލިކަމުން 'ބްރޭކެއް' ނެގުމަށް ރާއްޖޭގެ ހިތްގައިމު މާހައުލަކީ އެންމެ ހިތްފަސޭހަ މަންޒިލް ކަމަށެވެ. ފިލްމު އެކްޓަރުންގެ އިތުރުން ފިލްމު އުފެއްދުމުގެ މަސައްކަތުގައި ވެސް ހަރަކާތްތެރިވަމުން އަންނަ ދެ ތަރިން އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިނީ، އަމިއްލަ ފިލްމު ކުންފުނި މުމްބާއީ ފިލްމު ކޮމްޕެނީ އާއި ޖިއޯ ސްޓޫޑިއޯސް ގުޅިގެން އުފެއްދި "ރާޖާ ޝިވާޖީ"އެވެ. މި ފިލްމުގެ ލީޑް ތަރިންނަކީ ވެސް ރިތޭޝް އާއި ޖެނީލިއާއެވެ. އެންމެ 75 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމު ސިނަމާތަކުން ނެގިއިރު 130 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ