ޙައްޖުވެރިން 14 ދުވަސް ވަންދެން ޞިއްޙީ ހާލަތު މޮނިޓަރކުރުން މުހިންމު

ޙައްޖުވެރިން އެނބުރި އައުމަށްފަހު 14 ދުވަސް ވަންދެން ޞިއްޙީ ހާލަތު މޮނިޓަރކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިލްތިމާސް ކުރައްވައިފިއެވެ.
ހައްޖުގެ އަޅުކަމަށްފަހު ދިވެހި ހައްޖާޖީން އެނބުރި އަންނަންވަނީ ފަށާފައެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތު ސަނާ ސަލީމް ވިދާޅުވީ، ގިނަ ބަޔަކު އެއްވެ އުޅޭ ތަނެއްގައި އުޅުމަށްފަހު އަންނައިރު، ބަލީގެ އަލާމާތެއް ވަގުތުން ފެންނަން ނެތްނަމަވެސް 14 ދުވަހުގެ މުއްދަތަށް ޞިއްޙީ ހާލަތު މޮނިޓަރ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
"އަލާމާތެއް ނެތި މިހެން އައިސް ހުންނަ އިރުވެސް އެހާ ގިނަ ބައެއްގެ ތެރޭގައި އުޅެފަ އައީމަ ކޮންމެވެސް ވަރަކަށް ރަނގަޅު މޮނިޓަރ ކޮށްލުން، އެހެންވީމަ ގާތްގަނޑަކަށް އަންނަތާ 14 ދުވަސް ވަންދެން ބަލަންވާނެ އެއްވެސް ކަހަލަ ރޯގާގެ އަލާމާތެއް އަންނަތޯ" ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތު ސަނާ ސަލީމް ވިދާޅުވިއެވެ.
މިދުވަސްކޮޅު ގައިން ގަޔަށް އަރާ ބަލިތައް އިތުރުވަމުން އަންނާތީ އެކަން އެޗްޕީއޭއިން މޮނިޓަރކުރަމުން އަންނަކަމަށް ސަނާ ވިދާޅުވިއެވެ. އަދި މިފަދަ ބަލިތައް ގިނަ މިދުވަސްވަރު ބައްޔެއްގެ އަލާމާތެއް ފެންނަނަމަ އަވަހަށް ޑޮކްޓަރަކަށް ދެއްކުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.
ގައިން ގަޔަށް އަރާ ބަލިތައް އިތުރުވެފައިވާ މިދުވަސްވަރު ޙައްޖުން އެނބުރި އަންނަ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށާއި، މީސްމީޑިއާގެ މަންސަތަކުގައި އެޗްޕީއޭއިން ދެމުންދާ އިރުޝާދުތަކަށް ސަމާލުކަންދިނުމަށް ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތު އިލްތިމާސްކުރެއްވިއެވެ.
* އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުން
* ޓިޝޫ ފަދަ ތަކެތި ބޭނުން ކުރުމަށްފަހު ރައްކާތެރި ގޮތުގައި ނައްތާލުން
* ގިނަ ގިނައިން ސައިބޯނި ލައިގެން އަތްދޮވުން
* ދަތުރުމަތީގައްޔާއި، އުޅޭއިރު މާސްކު އަޅައިގެން އުޅުން
* ރޯގާ ޖެހި، ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުން، ޚާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ބަލިތައް ތަހަންމަލު ކުރާ މީހުން ނުދިޔުން
* ރޯގާ ޖެހިފައިވާނަމަ ކުޑަކުދިން ކައިރިޔަށް ނުދިޔުން އަދި އުރާ ނުހެދުން
* ބައްޔެއްގެ އަލާމާތެއް ފެނުމުން ލަސްނުކޮށް އަވަހަށް ޑޮކްޓަރަށް ދެއްކުން
ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޓްރީޓޮޕް ހޮސްޕިޓަލްގެ ކޮންސަލްޓަންޓް ފެމިލީ މެޑިސިން ޑރ. އިބްރާހީމް އިޔާޒް ވިދާޅުވީ މިއަހަރު ފެށުނީންސުރެ ވައިރަލް ހުމާއި ރޯގާގެ ކޭސްތަކުގެ އަދަދު ދައްނުވާ ކަމަށާއި ޑެންގީއާއި އިންފްލުއެންޒާގެ ކޭސްތައް އިތުރުވަމުން އަންނަކަމަށެވެ. މިދެބައްޔަކީވެސް އެއްކަހަލަ އަލާމާތްތަކެއް ހުންނަ ދެ ބަލިކަމަށާއި، ދެ ބަލީގައިވެސް ހުން އައިސް ބޮލުގަރިއްސާ ގައިގަރިއްސާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޑރ.އިޔާޒް ވިދާޅުވީ ޙައްޖުފަދަ މީހުން ގިނައިން އެއްވާ ތަންތަނަށް ދިޔުމުގެ ސަބަބުން ގައިން ގަޔަށް އަރާ ބަލިތައް އިތުރުވެގެންދަނީ ޙައްޖުގެ އަޅުކަމުގައި ވަރަށް ގާތްގާތުގައި އުޅެންޖެހުމުން ކަމަށެވެ. އެހެންކަމުން މިބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން މުހިންމު ކަމަށާއި ވަކިން ޚާއްސަކޮށް ހައިރިސްކު މީހުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ހަކުރުބަލިފަދަ ބަލިތައް ތަހަންމަލުކުރަމުންދާ މީހުން މިފަދަ ބަލިތަކުން ރައްކާތެރިވުމަށް އިތުރަށް ސަމާލުވުމަށް ޑރ.އިޔާޒްވަނީ އިލްތިމާސްކުރައްވާފައެވެ.
"މިބަލިތަކުން ހާލަތު އިތުރަށް ގޯސްވެގެން ދަނީ ހައި ރިސްކު މީހުންނަށް ހައި ރިސްކު މީހުންނޭ މި ބުނަނީ ހުރިހާ ވެކްސިންތަކެއް ނުޖަހައި ތިބޭ ތުއްތު ކުދިން، މާބަނޑުމީހުން ނުވަތަ އެހެން ބަލިތަކަށް ފަރުވާ ކުރަމުންދާމީހުން، އޭގެ ތެރޭގައި ހިތުގެ ބަލި ޚާއްސަކޮށް ހަކުރު ބަލި އަދި ކޮލެސްޓްރޯލް އެއްޗިސަށް ބޭސްކުރަމުންދާ މީހުން ނުވަތަ އަދި އުމުރުން ދުވަސްވީ މީހުންނަށް" ޑރ.އިޔާޒް ވިދާޅުވިއެވެ.
ޑެންގީ އާއި އިންފްލުއެންޒާއަކީ ބަލީގެ ފުރަތަމަކޮޅު ބޮޑުވަރުނުވެ ފަހުން ބޮޑުވަރުވާ ނުވަތަ ބަލީގެ ނުރައްކާތެރި އަލާމާތްތައް ފެންނަންފަށާ ބަލިތަކެވެ. އެހެންކަމުން މިފަދަ ބަލިތަކަށް
ފަރުވާކުރުމުގައި ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ކަންކަން ކުރުމަަކީ އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ