އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ ބޭސް ފިހާރަތައް އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހު ދައުލަތުގެ ބޭސް ކުންފުނި، ސްޓޭޓް ފަރމާގެ ދަށަށް ބަދަލުވާނެ ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން، ދައުލަތުގެ ބޭސް ކުންފުނި، ސްޓޭޓް ފަރމަސޫޓިކަލްގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ވަނީ ކުންފުނިން މިހާރު ބޭސް ގެނައުމުގެ މަސައްކަތް ފަށާފައިވާކަން ހާމަކުރައްވާފައެވެ.
ދިވެހިރާއްޖެއަށް ބޭނުންވާ ބޭހުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އުފެއްދި ސްޓޭޓް ފާމަސޫޓިކަލް ކޮމްޕެނީން ވަނީ ބޭސް ގެނައުމާއި ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ. އެކުންފުނިން ވަނީ މިކަމަށް ޚާއްސަ ޕޯޓަލްއެއް ތަޢާރަފްކޮށް އެ ޕޯޓަލް މެދުވެރިކޮށް ބޭސް ސިޓީއަށް ގިނަވެގެން 2 ހަފްތާ ތެރޭގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ފަށާފައެވެ.
ދައުލަތުގެ ބޭސްކުންފުނީގެ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ސްޓޭޓް ފާމަސޫޓިކަލްގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހް މާހިރު ވިދާޅުވީ މިމަސައްކަތް ފެށިއިރު އެންމެ ބޮޑަށް ފާހަގަވީ ރާއްޖޭގައި ބޭހުގެ ސްޓޮކް ހުރި މިންވަރު ބޭލެނެ ރަނގަޅު ނިޒާމެއް ނެތްކަން ކަމަށެވެ. އެހެން ކަމުން ކުންފުނިން އެންމެ އިސްކަމެއް ދިނީ އެނިޒާމް ޤާއިމްކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވީމަ އެއަށް ހައްލެ ގެނައުމަށް އަޅުގަނޑުމެން ސްޓޮކް ލައިވްކޮށް އެނގޭނެ ގޮތް [ހަދައިފިން] ރައްޔިތުންނަށް ފޯރުކޮށްދެވޭނެ. ފުރަތަމަ ކަމަކީ ސަރުކާރުގެ ހުރި ބޭހާއި ނެތް ބޭހާއި އެނގޭނެ ގޮތް، އެނގުން. ފާމަސީތަކުގައި ހުރީ ކޮން ބޭހެއްތޯ ކޮން ކުއަންޓިޓީއެއްތޯ ހުސްވަނީ. އެއީ ދުރާލާ އެނގިގެން ފޯކާސްޓް ހެދޭނެ ނިޒާމެއް މިގެންނަނީ، އެ ނިޒާމު އައުމުން ޕޯޓަލް ވިޒިބިލިޓީ ފެނިގެންދާނެ ހެލްތު މިނިސްްޓްރީއާއި ރެގިއުލޭޓަރީ އޮތޯރިޓީސްއަށް. " ޑރ. ޝާހް މާހިރު ވިދާޅުވިއެވެ.
މިނިޒާމުގެ މަސައްކަތް ފުރިހަމަ ކުރެވި ނިމިގެންދާއިރު، ރައްޔިތުންނަށްވެސް ބޭސް ހުރި ފިހާރަތައް ބަލާލެވި ބޭހުގެ އަގު އެނގޭނެ ގޮތަށް ރައްޔިތުންނަށް ޚާއްސަ ޕޯޓަލެއް ލިބޭނެ ކަމަށް ޝާހް މާހިރު ވިދާޅުވިއެވެ.
ޝާހް މާހިރު ވިދާޅުވީ ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް އެކުންފުނިން ކުރިއަށް ގެންދަނީ މަރުހަލާތަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ އިތުރުން އެސްޓީއޯގެ ދަށުން ހިންގަމުންދާ ބޭސް ފިހާރަތައް ދައުލަތުގެ ބޭސް ކުންފުނީގެ ދަށަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. ޝާހް މާހިރު ވިދާޅުވީ ޖުލައި 1 އިން ފެށިގެން އެސްޓީއޯގެ ބޭސް ފިހާރަތަކާއި ރަސްމީކޮށް ހަވާލުވާނެ ކަމަށެވެ.
"މި ފޯކަސް ކުރަނީ އެއީ 193 ފަރމަސީ، އަދި މުޅިން އަލަށް އަޅުގަނޑުމެން ހުޅުވި ފަރމަސީއެއް އައިޖީއެމްއެޗްގައި މިހުރީ. އެ ފަރމަސީ ލައިގެން 194 ފަރމަސީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނާނެ. އެތަންތަނުގެ ސަޕްލައިއާއި ކޮންސިއުމަަބަލްސް، މިބައިގަ މިހާރު ތައްޔާރުވަނީ، އެހެންވީމަ އަޅުގަނޑުމެން، އިލެކްޓްރޯނިކް ސިސްޓަމް އެބަ ބޭނުންވޭ މިކަމަށް. އެހެންވީމަ މިހާރު އެ އިންސްޓޮލޭޝަން އެބަދޭ ބާރަށް ކުރިއަށް. ޖުލައި މަހުގެ ކުރިން އެބައި ފުރިހަމަ ކުރެވޭނެ." ޑރ. ޝާހް މާހިރު ވިދާޅުވިއެވެ.
ބޭސްފިހާރަތަކާ ހަވާލުވާއިރު ބޭސް ފިހާރުތަކުގައި ހުރި ސްޓޮކް އެނގޭނެހެން އެކަމަށް ބޭނުންވާ ސިސްޓަމް އިންސްޓޮލޭޝަން މަސައްކަތް ޖުލައި މަހުގެ ކުރިއަށް ނިންމާލެވޭނެ ކަމަށް ސްޓޭޓް ފަރމާއިން ވިދާޅުވިއެވެ.
ދައުލަތުގެ ބޭސް ކުންފުނިން ދަނީ މިހާރުވެސް ބޭސް ސިޓީތަކަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެކަމަށް ޚާއްސަ ހޮޓްލައިން ނަންބަރު 1050 ޚިދުމަތް މިހާރު ވަނީ ފަށާފައެވެ. އާސަންދައިގެ ދަށުން ލިބޭ ބޭހާއި ނުލިބޭ ބޭސް އިޖްތިމާޢީ އެހީގެ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ކަމަށް ސްޓޭޓް ފަރމަސޫޓިކަލްއިން ވިދާޅުވެއެވެ.
އެސްޓީއޯގެ 193 ފާމަސީއެއް ޖުލައި މަހު ދައުލަތުގެ ބޭސް ކުންފުނީގެ ދަށަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ