ސަޕޯޓަރުން މާޔޫސްކޮށް ނުލާނަން: ޤައުމީ ވޮލީ ޓީމު

ކާވަަ ވިމެންސް ޗެމްޕިއަންޝިޕަށް ތައިލޭންޑަށް ފުރާ ޓީމުގެ އަމާޒަކީ ރަން މެޑަލް ކަމަށާއި، ސަޕޯޓަރުން މާޔޫސްކޮށް ނުލާނެ ކަމަށް ޤައުމީ އަންހެން ވޮލީ ޓީމުގެ ކުޅުންތެރިން ބުނެފިއެވެ.
މިމަހުގެ 19-22 އަށް ކަތަމަންޑޫގައި ބާއްވާ ކާވާ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، ސޯޝަލް ސެންޓަރުގައި ކުރިޔަށް ގެންދިޔަ ފަރިތަކުރުމެއްގެ ތެރެއިން ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަމުން ޤައުމީ ޓީމުގެ ކުޅުންތެރިން ބުނީ، ހުރިހާ ކުޅުންތެރިންގެ އަޒުމަކީވެސް ކާވާގެ މި މުބާރާތުން ރާއްޖެއަށް މެޑައްޔެއް ގެނެސްދިނުން ކަމަށާއި، ރޭންކިންގައި ރާއްޖެ މައްޗަށް ޖައްސާލުން ކަމަށެވެ.
ރާއްޖޭގެ ޤައުމީ ޓީމުގެ ގިނަ ކުޅުންތެރިންނަކީ މިދިޔަ އަހަރުވެސް ކާވާ މުބާރާތެއްގައި ކުޅެފައިވާ ކުޅުންތެރިން އަދި ނޭޕާލްގައި އޮތް މުބާރާތެއްގައިވެސް ކުޅެފައިވާ ކުޅުންތެރިންވެސް ޓީމުގައި ގިނައެވެ.
ކުޅުންތެރިން ބުނީ ސަޕޯޓަރުންގެ ހިތްވަރަކީ އަދި ޓީމަށް އަބަދުވެސް ދޭ ސަޕޯޓަކީ ޓީމުގެ ކުރިއެރުމަށް އެންމެ މުހިންމު އެއް ކަންތައްކަމަށެވެ..
ނޭޕާލްގައި މެޗުތައް ކުޅޭއިރު ޤައުމީ ޓީމަށް ސަޕޯޓު ކޮށްދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށާއި، އަބަދުވެސް ޓީމާއެކު ސަޕޯޓަރުން ތިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކުޅުންތެރިން ފާހަގަކުރިއެވެ.
ޤައުމީ ޓީމުގައި ހިމެނޭ މިންހަތު އަހުމަދު ބުނީ އުންމީދަކީ ރަން މެޑަލް ކަމަށެވެ.
"ފައިނަލްއަށް ގޮސްގެން ރަނގަޅު ކުޅުމެއް ކުޅެގެން ރަން މެޑަލް އުންމީދަކީ. ވަރަށް ރަނގަޅު ފައިޓެއް ދެވޭނެ ކަމަށް ގަބޫލުކުރަން ހުރިހާ ޓީމަކަށްވެސް” މިންހަތު ބުންޏެވެ.
ލިބަރޯ މައިހާ އަލީ ބުނީ “ވަރަށް މޮޅެތި ޓީމުތައް ބައިވެރިވާ މުބާރާތެއްމީ، އުންމީދު ކުރަނީ ރަނގަޅު ރިޒަލްޓެއް ލިބޭނެކަމަށް، ނޭޕާލް މުބާރާތް ނިންމާފައި އޮގަސްޓުމަހު ރާއްޖޭގައި އެބަ ބާއްވާ ކާވާގެ އެހެން މުބާރާތެއް. އެހެންވީމަ އުންމީދަކީ އެ މުބާރާތުން ގޯލްޑެއް" މައިހާ ބުންޏެވެ.
ފާއިތުވި ހަތަރު އަހަރު ރާއްޖޭގެ އަންހެން ޓީމުގެ ކެޕްޓަންގެ ދައުރު އަދާކުރި ތަޖުރިބާކާރު އައުޓްސައިޑް އެޓޭކަރ، ހައްވާ ރާޝީދާ ބުނީ ހުރިހާ ކުޅުންތެރިންވެސް މިތިބީ އެއް އަޒުމެއްގައި ކަމަށާއި މުޅި ޓީމުންވެސް މަސައްކަތް ކުރާނީ ރަން މެޑައްޔަށް ކަމަށެވެ. އަދި ކުރިން ކުޅުނު ކާވާ މުބާރާތުގައި ދަށްވި ބަޔަކީ ބްލޮކިން އާއި ސާވިސް ރިސީވިންކަން ފާހަގަކޮށް އޭނާ ބުނީ މިފަހަރު އެކަން ރަނގަޅުކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ.
މި މުބާރާތަކީ ޖޫނިއާ ކުޅުންތެރިންނަށް ވަރަށް ފައިދާކުރާނެ މުބާރާތަކަށްވާނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ތަޖުރިބާކާރު ކުޅުންތެރިޔާ، ޖޫޒާން ޒަރީރު ބުނީ މަސައްކަތް ކުރާނީ ރާއްޖޭގެ ރޭންކިން މަތިކޮށްދޭން ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ރާއްޖޭގެ ރޭންކިން މަތިކޮށްދޭން. ވަރަށް ރަނގަޅު އައު ކުދިން އެބަތިބި މިފަހަރު. އެހެންވީމަ އެކުދިން ގޮވައިގެން ރާއްޖެއަށް ރީތިނަން ގެނެސްދޭން އަޅުގަނޑުމެން މަސައްކަތް ކުރާނީ” ޖޫޒާން ބުންޏެވެ.
ޤައުމީ ޓީމުގައި ހިމެނޭ، ތ. މަޑިފުށްޓަށް ނިސްބަތްވާ އައުޓްސައިޑް އެޓޭކަރ މައީ ހުސެއިން ސޮލާހު ބުނީ އުންމީދުކުރަނީ މި މުބާރާތުން ރަނގަޅު ކާމިޔާބީއެއް ލިބޭނެ ކަމަށެވެ.
އަދި ސަޕޯޓަރުން ޓީމާއެކު ތިބެ ދިނުމަށް މައީ އެދުނެވެ.
"ބުނެލަން ބޭނުންވަނީ ހުރިހާ އެންމެންވެސް ޓީމާއެކު ހުރެދެއްޗޭ. ސަޕޯޓު ކޮށްދެއްޗޭ. އިރާދުކުރެއްވިއްޔާ ދިވެހިން ފަހުރުވެރިވާފަދަ ކާމިޔާބީއެއް ހޯދައިދޭން މަސައްކަތް ކުރާނަމޭ. އިންޝާﷲ" މާއީ ބުންޏެވެ.
މިންހަތު އަހުމަދު ބުނީ "ވަރަށް ރަނގަޅު ފައިޓެއް ދެވޭނެ ކަމަށް ގަބޫލުކުރަން. އުންމީދު މި ކުރަނީ ހަމަ ގޯލްޑް" ކަމަށެވެ.
މިޑްލް ބްލޮކަރ ހައްވާ ސަހާ ބުނީ އުންމީދަކީ ރަނގަޅު މެޗުތަކެއް ކުޅެ ނަތީޖާ ރަނގަޅު ކުރުން ކަމަށެވެ.
"މި މުބާރާތުގެ މެއިން ޓާގެޓަކީ އަސްލު ރޭންކް މަތިކުރުން. މޮޅު ކުޅުންތެރިން ކައިރިން ރަނގަޅު އެއްޗެހިތަކެއް ދަސްކޮށްގެން މި މުބާރާތުގައި ގޭމް އިމްޕްރޫވްކުރަން ބޮޑަށް ބަލާނީ" ސަހާ ބުންޏެވެ.
ކާވާ ޗެމްޕިއަންޝިޕަށް އަންހެން ޓީމު ނޭޕާލަށް ފުރުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ