ރާއްޖޭގައި ސިޔާސީ މޮޅާއި ދެރަ ބިނާވަނީ ޕޯޑިއަމްގައި ބަޔަކު ދައްކާ ވާހަކަތަކާއި ސިޔާސަތުތަކާއި ވޯޓުގެ ނަތީޖާއިން އެކަންޏޭ ބުނެވޭކަށް ނެތެވެ. ނަތީޖާ ނެރުމާއި ބަދަލުކޮށްލުމުގައި ފަރުނީޗަރުގެ ބޭނުން މުހިންމުވެއްޖެ އެވެ. ބައެއް ހާލަތްތަކުގައި ގޮނޑިއަކީ ވެސް ލީޑަރެކެވެ.
ބައެއް ކަހަލަ ގޮނޑިތަކަކީ ކެމްޕޭންތަކުގައި ވޯޓު ޔަގީންކުރަން ނުކުމެ އުޅޭ ރަމްޒީ އެއްޗެކެވެ. އެއަށް ޖާގަ ލިބެނީ ޖަލްސާތަކުގެ އެންމެ ކުރީ ސަފުގެ މެދުންނެވެ. ފުރިހަމަ އިއްޒަތާއި ޝަރަފުގަ އެވެ.
ދެން ހުންނަނީ އިދިކޮޅުގައި އުޅޭ، ތަންކޮޅެއް ލާނެތް، ސިޔާސަކަން ބޮޑު ގޮނޑިއެކެވެ. ސިޓިން ރޫމުގައި ކަންނެތްކޮށް ހުރެފައި މިހާރު އުޅެނީ މަގުމައްޗަށް ނުކުމެ، މުޒާހަރާތަކުގެ އިސް ސަފުގަ އެވެ. ނޫސްބަޔާންތަކާއި މުޅި ސޯޝަލް މީޑިއާ އާއި މިހެން ގޮސް ފުލުހުންގެ ބަންދު މަރުކަޒުތަކުގަ އެވެ. އާންމު މަސްލަހަތު ގެއްލުވާލައި ބައެއްގެ ނިދި ނަގާލައިފި އެވެ.
އެކަމަކު މި ދެ ބާވަތުގެ ގޮނޑިއަކީ ވެސް ސިޔާސީ ދާއިރާގައި މުހިންމު ގޮނޑިތަކެވެ. އޭގެ ތެރެއިން އެއް ގޮނޑިއަކީ އާ ވެރިކަމެއްގެ ފެށުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެކައްޗެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވާ ގޮތުން ނަމަ އެއީ ޖާދުލެކެވެ.
ނިމިދިޔަ ރިޔާސި އިންތިހާބުގެ ދުވަސްވަރު ރައީސް މުހައްމަދު މުއިއްޒުގެ ކެމްޕޭން ޖަލްސާތަކުން އެންމެ ބޮޑަށް ލޮލުގައި އަޅައިގަންނާނެ އެއް ކަމަކީ ޔާމީންގެ ނަންފުޅު ޖަހާފައި ބެހެއްޓި ހުސް ގޮނޑި އެވެ. އެ ޖަލްސާތަކުގައި ދެއްކި ވާހަކަތަކުގެ ބުރަ އުފުލަން ޖެހުނީ އެ ގޮނޑިއަށެވެ. އެއީ ތެދަކަށް ވިޔަސް ދޮގަކަށް ވިޔަސް ކުރާނެ ކަމެއް ނޯންނާނެ ނޫން ހެއްޔެވެ؟ އެއީ ވާހަކަ ދެއްކޭ އެއްޗެއް ނޫނެވެ.
ޕޯޑިއަމުން އިއްވި ސިޔާސަތުތައް އެ ގޮނޑިއަށް އިތުރަށް އޮޅުން ފިލުވައެއް ނުދެވޭނެ އެވެ. ތެދެއް ވިއްޔާ އަތްޖަހައި ދޮގެއް ވިއްޔާ އެއީ ދޮގެކޭ ބުނެ ހަޅޭއްލަވައި ނުގަނެވޭނެ އެވެ. ކިތަންމެ ރުޅިއަޔަސް، ހަތަރު ފައި ހުއްޓަސް ދުއްވައެއް ވެސް ނުގަނެވޭނެ އެވެ. ބެހެއްޓި ގޮތަކަށް، ބެހެއްޓި ތަނުގައި ހުންނާނެ އެވެ. އެހެންކަމުން އޭރު އޮތް ރިޔާސީ އިންތިހާބުގެ ހަލަބޮލިކަމުގައި ދައްކަން ބޭނުންވި ސާބިތުކަން ވެސް އެންމެ ރަނގަޅަށް ފެންނާނީ އެ ގޮނޑިންނެވެ.
ރަމްޒީ އެއްޗަކަށް ވިޔަސް، އެއީ އާދައިގެ ގޮނޑިއެއް ނޫނެވެ. އާދައިގެ ގޮނޑިތަކަކީ މީހުން އިށީނުމަށް ބޭނުންކުރާ އެއްޗެކެވެ. މި ގޮނޑި ހުރީ ހުސްކޮށެވެ. އެއީ ކުރީގެ ރައީސެއްގެ މަންދޫބެކެވެ. އަނގައިން އެންމެ ބަހެއް ވެސް ނުބުނެ ކެމްޕޭން ކޮށްދިނެވެ. އޭރު އޮތް ވެރިކަމާއި ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުކޮށްލި އެވެ. ޑަސްބިނަށް ލާން އޮތް ޓިކެޓެއްގައި ވާދަކޮށް، ރައީސް މުއިއްޒު ރިޔާސީ އިންތިހާބު ވެސް ކާމިޔާބުކުރެއްވީ އެ ގޮނޑީގެ އަރިހުގަ އެވެ.
ރޭ ބޭއްވި ޕީއެންއެފް ފްރަންޓް އޮފީސް ޖަލްސާގައި ޔާމީން އަނެއްކާވެސް އެ ދެއްކެވީ އެ ހުސް ގޮނޑީގެ ޖާދުލުގެ ވާހަކަ އެވެ.
"މިތިބީ އަޅުގަނޑާ އެކީ ތިބި މީހުން ބައްލަވާ،" އެ ޖަލްސާގައި ދެއްކި ޕްރެޒެންޓޭޝަނެއްގައި ރައީސް މުއިއްޒު އާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި އެ ދެ ބޭފުޅުންގެ މެދުގައި ހުރި ހުސް ގޮނޑިއަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވި އެވެ.
"ދެ މީހުންނަށް އިށީނދެ ތިބެވެނީ ވެސް އެ ގޮނޑީގައި އަތް އަޅައިގެން، ގޮނޑީގެ ބާރުގައި."
އެ ހުސް ގޮނޑިއާ ހިސާބަށް ރޭ ދާން ޖެހުނީ ދެ ވަނަ ބާވަތުގެ ގޮނޑީގެ ވާހަކައިންނެވެ. އެއްކަލަ ހަލަނި ގޮނޑިއާ ހުރެ ސަރުކާރެއް އަވަދިވާތީ އެވެ.
ވަކި މައުލޫއަކުން ވާހަކަ ނުދެއްކޭ ގޮތަށް ރައްޔިތުންގެ އަނގަ ބަންދުކުރާ 'ގެގު އޯޑަރެއް' ވަނީ ނެރެފަ އެވެ. އެ އަމުރާ ހިލާފުވި ކަމަށް ބުނެ ދެ ނޫސްވެރިޔަކު މިހާރު ވެސް ޖަލަށްލައި އަދަބު ދީފައިވާއިރު، ޔާމީން އެ ވާހަކަ ވިދާޅުވީ ސިޓިން ރޫމުތަކަށް ކެތްވާ މިންވަރަށް، ލުއިކޮށެވެ.
"މިހާރު މުޅި ރާއްޖެ ހުއްޓިގެން މި އުޅެނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އަދި އެކަމަށް މެދުވެރިވި ކޮންމެވެސް ވައްތަރެއްގެ ގޮނޑިއަކާ، ދެން އެ ތަފްސީލަކަށް އަޅުގަނޑު ދާކަށް ނެތިން،" ޔާމީން ވިދާޅުވި އެވެ.
މިހާރު ބޭނުންކުރަމުންދާ އިހުތިޖާޖުތަކުގައި ޔާމީން އެ ވިދާޅުވި ފަދަ "ކޮންމެވެސް ވައްތަރެއްގެ ގޮނޑިއެއް" ޕީއެންއެފުން ބޭނުންކުރެ އެވެ. އެކަމަކާ ހުރެ އެ ޕާޓީ ލައްކައަކުން ޖޫރިމަނާ ވެސް ކޮށްފި އެވެ.
އަދަބު ދެނީ ފަރުނީޗަރަށް އެކަންޏެއް ނޫނެވެ. އިހުތިޖާޖުތަކުގައި ބޭނުންކުރާ އެކިއެކި ސާމާނު ގެންގޮސް، 'މުއްދަތު' ޖަހައިފި އެވެ.
"ކޮން ކަމެއްތޯ ނުކުރާނީ؟ ވަކިވަކިން ސްޕީކަރު ސިސްޓަމް، އުފުލަން ގެންގުޅުނު ޕިކަޕު، މައިކުތައް، ވަކިވަކިން މިހިރީ ވާނުވާ ބަންދު. ވާގަނޑަށް ދަންދެން އިނގޭތޯ،" ޔާމީން ވިދާޅުވި އެވެ.
"މި ފެންވަރަށް ދިވެހިރާއްޖެ ދާން ޖެހޭހޭ އަޅުގަނޑު ކުރާ ސުވާލަކީ."
ޕިކަޕާއި އޭގައި އެވަގުތު ހުރި ހުރިހާ ސާމާނު 'އުފުރާލައިގެން' ގެންގޮސް ވަކިވަކިން މުއްދަތު ޖެހުންވީ ޖަލްސާގެ ބައިވެރިންނަށް ޖޯކަކަށެވެ. ޕޯޑިއަމްގައި ހުންނެވި ޕީއެންއެފްގެ ސެނެޓު މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވި ގޮތުގައި، ފުރާނަ ނެތް އެކަހަލަ ތަކެއްޗަށް މުއްދަތު ޖެހުމަކީ ދުނިޔޭގެ އެއްވެސް ނިޒާމެއްގައި އޮންނަ ކަމެއް ނޫނެވެ.
"ދުނިޔޭގެ އެއްވެސް ނިޒާމެއްގައި އޮންނަ ކަމެއް ނޫން ޕިކަޕަށް މުއްދަތު ޖެހުން، މައިކަށް މުއްދަތު ޖެހުން، ފޮތަކަށް މުއްދަތު ޖެހުން. އެހެން ނޫން، ކުށްކުރަން ބޭނުންކުރާ އާލާތެއް ފޮރެންސިކު ތަހުލީލަށް ހިފެހެއްޓޭ،" އޭނާ ވިދާޅުވި އެވެ.
އެ ހިސާބުން ޔާމީންގެ ސުވާލަކަށްވީ ޕިކަޕަށް މުއްދަތު ޖެހުމުން އެކަން އިސްތިއުނާފު ކުރަން ދާން ޖެހޭނީ އެހެން ޕިކަޕަކަށްތޯ އެވެ.
"އެހެން މި ދެންނެވީ ސަމާސާއަކަށް ނޫން. މިއަދު [މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން] އެމްޖޭއޭއިން މި ވެއްދީ ގެގު އޯޑަރު ހައި ކޯޓަށް. އެއި ޕަބްލިކް އޯޑާ އިންޓްރެސްޓުގައި އޮތް ކަމެއް. އެކަމަކު ވަކި ފަރާތަކުން ވެއްދީމަ މައްސަލަ އެއްލައިލީ. އެހެންވީމަ އެކަމުން 'ޕެރެލަލް'އެއް އަޅުގަނޑު މި ޑްރޯކުރަނީ،" ޔާމީން ވިދާޅުވި އެވެ.
"އެހެންވީމަ ޕިކަޕަކަށް މުއްދަތު ޖެހީމަ އަޅުގަނޑު ގަބޫލެއް ނުކުރަން އިންސާނަކަށް އިސްތިއުނާފު ކުރެވިދާނެ ކަމަކަށް."
ސިޔާސީ ގުޅުންތައް ވެސް ބަދަލުވެގެން ދަނީ ފަރުނީޗަރަށް ކުރާ އިހުތިރާމާއި ދެވޭ އިއްޒަތް ބަދަލުވި ފަދައިންނެވެ.
ރައީސް މުއިއްޒަށް ތާއީދުކުރެއްވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް މީގެ ކުރިން ވެސް އެކި ފަހަރު މަތިން ޔާމީން ވަނީ ވިދާޅުވެފަ އެވެ. ރޭ ވެސް ޔާމީން ވިދާޅުވީ ދުރަށް ވުރެ ގާތުން އަންނަ ގޯނާގެ ހިތްދަތިކަން މާ އުނދަގޫ ވާނެ ކަމަށެވެ.
"މިސާލަކަށް އަނބިފިރިކަމުގެ ގުޅުމަށް ބެލިޔަސް، އަނބިމީހާގެ ފަރާތުން ނުވަތަ ފިރިމީހާގެ ފަރާތުން އަންނަ ގޯނާގެ ހިތްދަތިކަމާއި އެ އުނދަގޫ މާ ބޮޑުވާނޭ، ދުރުތާ ހުރި ހިލޭ އަންހެނެއް، ހިލޭ ފިރިހެނެއްގެ ފަރާތުން ކުރާ އުނދަގުލަށް ވުރެ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން އާއި އެމަނިކުފާނާ ވާދަވެރި އެމްޑީޕީއަށް ނިސްބަތްވާ ކުރީގެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދު އަދި އިބްރާހިމް މުހައްމަދު ސޯލިހުއާ ގުޅިގެން މަސައްކަތް ކުރަން ނިންމެވުމަކީ ތާރީހީ އަދި ގިނަ ބަޔަކަށް ގަބޫލުކުރަން ދަތިވި ކަމެކެވެ. އެކަމަކު އެކަން ކުރަން ޖެހުނު ސަބަބު ވެސް ޔާމީން ވަނީ އޮޅުންފިލުވައިދެއްވާފަ އެވެ.
ޔާމީނަށް އެންމެ ބޮޑު ހިޔާނާތަކީ ހުސް ގޮނޑިއެއް ދައްކައިގެން ބަޔަކު ވެރިކަމަށް އައުމެވެ. އެހެންވެ، ހިޔާލު ތަފާތުވުން އެއްފަރާތް ކުރުމަށް ފަހު ނަޝީދާއި ސޯލިހާ އެކު މަސައްކަތް ކުރުން ވެސް އެއަށް ވުރެ ޔާމީނަށް ރަނގަޅެވެ.
"މި ބޭފުޅުން ހިތްޕުޅު ނުތަނަވަސްވެގެން މި އުޅެނީ އެމްޑީޕީއަށް އަޅުގަނޑު އެވަރަށް ފާޑުކިޔާފައި އަޅުގަނޑު އެ މީހުންނާ ގުޅުނީމަ. އެކަމަކު މިކަން ވެސް އޮތް ގޮތަކީ، [އަޅުގަނޑަށް ތާއީދުކުރާ ބޭފުޅުންނަށް ދަންނަވާނަން]، އަޅުގަނޑަކަށް ނެތޭ މި ބޭފުޅުންނަށް ތާއީދު ކުރެވޭކަށް. މި ބޭފުޅުންގެ ގައްދާރުކަމާއި ހިޔާނާތްތެރިކަން މާ ބޮޑޭ،" ޔާމީން ވިދާޅުވި އެވެ.
"މި ބޭފުޅުންގެ އަސްލަކީ އަދި ގާނޫނީ ހަމަތަކުން މި ބޭފުޅުންނަށް މިވަގުތު ވެރިކަމުގައި މި ތިއްބެވީ އެއްކަލަ ހުސްގޮނޑީގެ ޖާދުލުގައޭ. އެއަށް ވުރެ ބޮޑު ހިޔާނާތެއް ކޮބައިތޯ؟ އެއަށް ވުރެ ބޮޑު ގައްދާރުވުމެއް ކޮބައިތޯ؟"
ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް ފާޑުކިޔޭނެ ޖާގައެއް ނެތުމުން ޒާތީވަނީ ކަމަށް ބުނެ، މި ސަރުކާރުގެ އިސްބޭފުޅުން ވަނީ ޔާމީނަށް ފާޑުވިދާޅުވެފަ އެވެ. ނަމަވެސް ޔާމީން ވިދާޅުވާ ގޮތުގައި ރައީސް މުއިއްޒުގެ ސިޔާސަތެއް ނުވެސް ނެތުމުން ފާޑުކިޔަނީ ސިޔާސަތެއް ނެތުމުންނެވެ. ރައީސް މުއިއްޒަކީ ޒާތީ ވާން ޖެހޭ ވަރުގެ ބޭފުޅެއް ކަމަށް ޔާމީން ގަބޫލެއް ވެސް ނުކުރައްވަ އެވެ.
ސިޔާސީ ފިކުރު އެހާ ތަފާތުއިރު ވެސް ކުރީގެ ރައީސުން ކަމަށްވާއި ނަޝީދާއި ސޯލިހުއާ ގުޅިގެން މަސައްކަތް ކުރަން ޖެހުނު ސަބަބަކީ ވެސް، ޔާމީން ވިދާޅުވި ގޮތުގައި، ސިޔާސަތެއް ނެތުމާއި މިހާ ގޯސް ދަރަޖައަކަށް ރާއްޖޭގެ ކަންކަން ސޮއްސައިލުމެވެ.
"އަޅުގަނޑަކީ ވަރަށް ވަތަނީ މީހެއް. އަދިވެސް އަޅުގަނޑު މިހުރީ އެގޮތުގައި. އެހެން ނަމަވެސް، ދަންނަވާލަން ބޭނުންވަނީ [މި ހުރިހާ ކަމަކާ އެކީ ވެސް މި ތެދުވީ]، މިއަށް ވުރެ މާ ބޮޑެތި ނުބައިތަކޭ މި ހިނގަނީ މި ވެރިކަމުގައި. މި ވެރިކަން ޖަވާބުދާރީ ކުރެވޭނެ އެހެން އެއްވެސް ގޮތެއް ނެތޭ،" ޔާމީން ވިދާޅުވި އެވެ.
"ވެރިކަން ޖަވާބުދާރީ ކުރުވަން އެބަޖެހޭ، އޭގެ ފަހުން އަޅުގަނޑުމެން އެއްބަސްވަނީ ދެބަސްވާން."
ތަފާތު ތިން ފިކުރެއް އެއްވެ، އަދި އެކަމުގައި ވެސް އެމްޑީޕީގެ އިސް ދެ ބޭފުޅުންނާ އެކު މަސައްކަތް ކުރައްވަން ނިންމެވި ނަމަވެސް، ޔާމީންގެ ސަޕޯޓަރުންނަށް ދެއްވި މެސެޖަކީ ސާބިތުކަމާ އެކި ތިއްބެވުމަށެވެ. އެމަނިކުފާނު ވިދާޅުވީ ސަޕޯޓަރުންނަށް ދެރަވާ ވަރުގެ ކަމެއް ނުކުރައްވާނެ ކަމަށެވެ. މިހާރު އެ ކުރައްވަނީ އެއަށް ވުރެ ވަރުގަދަ، ގައުމީ މަސައްކަތެކެވެ.
"ބަހެއް ބުނެވޭކަށް ނެތް. ކާޓޫނެއް ކުރަހާލެވޭކަށް ނެތް. އެއްޗެއް އުފުލޭކަށް ނެތް. ގެއަކަށް ސޯ* ސެޓެއް ގެންދެވޭކަށް ނެތް. މިހާ ހިސާބަށް ދިވެހިރާއްޖޭގެ ކަންތައް ދިޔައިމަ ދެން ތިބި ބަޔަކު އެކުވެ ނުކުމެ މަސައްކަތްކުރަން ޖެހޭ،" ޔާމީން ވިދާޅުވި އެވެ.
ވެއްޓެން ނުޖެހޭ ހިސާބަކަށް ވިޔަސް، ސަރުކާރު ވެއްޓިގެން މި އުޅެނީ ވައްތަރެއްގެ ގޮނޑިއެއްގެ މައްޗަށެވެ. އެހެންކަމުން ގޮނޑީގެ ދައުރު ކިތަންމެހާ ވެސް މި ވަނީ ބޮޑުވެފަ އެވެ. ގޮނޑިއަކުން އައި ސަރުކާރެއް، ސަލާމަތް ނުވެގެން ވެސް މި އުޅެނީ ގޮނޑިއަކުންނެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުސް ގޮނޑީގެ ބާރާއި މަގާމު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ