ލޫކަސް ނެތުމުން ސޯޝަލް މީޑިއާއަށް ފަޅުކަން

"އެޓޭކިން."
މިއީ ލޫކަސް ޖަލީލްގެ ފޭސްބުކް ޕޯސްޓްގައި، އޭނާ ހައްޔަރުކުރުމުގެ ކުރިން، އެންމެ ފަހުން ލިއުނު ބަހެވެ. ޖަލަށް ލާފައި ތިބި 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ދޫކޮށްލަން ގޮވާލަން މިދިއަ ހުކުރު ވިލޭރޭ ބޭއްވި މުޒާހަރާގެ ތެރޭގައި ހުރެ ކުރި އޭނާގެ އެ ޕޯސްޓްގައި ދެން ހިމެނީ މުޒާހަރާ ރޫޅާލަން ފުލުހުންގެ ސްޕެޝަލް ފޯސްއިން ތައްޔާރުވެފައި ތިބި ތަނެވެ.
ލޫކަސްގެ އަސްލު ނަމަކީ ޝަމްއޫން ޖަލީލެވެ. އެކަމަކު އޭނާއަށް 'ލޫކަސް'އޭ ނޫން ގޮތަކަށް، އާންމުކޮށް މުހާތަބެއް ނުކުރެ އެވެ. އެހެންކަމުން މި ލިއުމުގައި ބޭނުންކުރާނީ ލޫކަސް އެވެ.
އެރޭގެ މުޒާހަރާއަށް އޭނާ ނުކުތީ، އޭނާ އެންމެ ލޯބިވާ ސިޔާސީ ލީޑަރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީ ލަންކާއަށް ކުރެއްވި ދަތުރުފުޅުގެ ކަވަރޭޖަށް އެ ގައުމަށް ގޮސް ނަޝީދާ އެކު އެނބުރި މާލެ އައި ގޮތަށެވެ.
ފަހު ޕޯސްޓްގެ 10 މިނިޓް ކުރިން، މުޒާހަރާގެ ބައިވެރިޔަކު ހައްޔަރުކުރި ގޮތުގެ ވީޑިއޯއާ އެކު، ރައީސް މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް، އޭނާ ލިއުނީ "ވީ ވިލް އެންޑް ޔުއާ ޑިކްޓޭޓަޝިޕް" (މަނިކުފާނުގެ ހުދުމުހުތާރު ވެރިކަން އަހަރެމެން ނިމުމަކަށް ގެންނާނަމެވެ) އެވެ.
ސްރީ ލަންކާއިން ފުރަމުން ވެސް ފޭސްބުކްގައި ޕޯސްޓްކުރަމުން ދިޔައީ މަގުމައްޗަށް ނުކުންނާނެ ވާހަކަ އެވެ. ބޯޓު ތެރޭގެ ފޮޓޯއާ އެކު އޭނާ ލިއުނީ "ކޮލަންބޯ އިން މަޖީދީމަގު - ޗާންދަނީމަގު ކަންމައްޗަށް!" މިހެންނެވެ.
އެ މުޒާހަރާގައި އޭނާއަކީ ގޮތްދޫނުކޮށް މަގުމަތީ އިށީނދެ ތިބި މީހުންގެ ތެރެއިން އެކެކެވެ. ހައްޔަރުކޮށްގެން އޭނާ ގެންގޮސް މުއްދަތު ޖެހީ 10 ދުވަހަށް ފުލުހުންގެ ބަންދުގައި ބަހައްޓާށެވެ. އޭނާއާ އެކު ހައްޔަރުކުރި މީހުންގެ ތެރެއިން އެންމެ ގިނަ ދުވަހުގެ ބަންދެއް އައީ ލޫކަސްއަށެވެ.
އެހެން ވެދާނެ އެވެ. ރައީސް މުއިއްޒާއި މި ސަރުކާރަށް ފާޑުކިއާ ސޯޝަލް މީޑިއާގެ ހަރަކާތްތެރިންގެ ތެރެއިން އެންމެ ނުފޫޒު ގަދަ އެކަކީ ލޫކަސް އެވެ. އޭނާގެ މެސެޖްތައް ހަރުކަށިވެފައި، ސީދަލެވެ.
ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ލޫކަސްއަކީ އިދިކޮޅުގެ އެންމެ ވަރުގަދަ އެކްޓިވިސްޓުކަން ޔަގީނެވެ. އޭނާގެ ޕޯސްޓްތަކަށް ލިބުނު ވިއުސްގެ މިންވަރު މައްޗެވެ. އެކަކަށް ބަލާ ނަމަ އޭނާ ވާނީ ހަމަ އެންމެ ނުފޫޒު ގަދަ އެކްޓިވިސްޓަށެވެ. ލޫކަސް އޮތީ އޭނާގެ ސޯޝަލް މީޑިއާތަކަށް، އެ ކެމްޕޭން ތެރޭގައި، ލިބުނު ވިއުސްގެ އަދަދު ހާމަކޮށްފަ އެވެ.
މިހާ ނުފޫޒު ގަދަ ބައިވެރިޔަކު އާންމުންގެ ކުރިމަތިން 10 ދުވަހަށް ގެއްލުމަކީ ވެސް ވަރަށް ބޮޑު ފަޅެކެކެވެ. އެކަމާ ބެހޭ ގޮތުން ސުވާލުކޮށްލުމުން އަޅުގަނޑުގެ ހުރިހާ ރައްޓެހިން ވެސް ބުނީ 'ލޫކަސް ނެތީމާ ފަޅުވެއްޖެ، ފޫހިވެއްޖެ،" ކަމަށެވެ.
ލޫކަސްއަކީ ހަގީގަތުގައި ލިއުންތެރިއެކެވެ. އޭނާގެ ލިއުންތަކަށް ހާއްސަ ވެބްސައިޓެއް ވެސް އޭނާ ހިންގަ އެވެ. އެހެންކަމުން އޭނާއަކީ އާންމުކޮށް ސޯޝަލް މީޑިއާއިން ފެންނަ ހަރަކާތްތެރިން ކަހަލަ މީހެއް ނޫނެވެ. އެއަށް ވުރެ މައުލޫމާތު މުއްސަނދި، ކިއުންތެރިކަން ބޮޑު، ކަންކަމާ ވިސްނާ ޒުވާނެކެވެ. އޭނާގެ ހަމައެކަނި ބަލިފަޔަކަށް ފާހަގަކުރެވެނީ ނަޝީދުގެ ކޮންމެ ކަމެއް ރަނގަޅުވުމެވެ. ނަޝީދު ވިސްނަވާ ގޮތަކަށް އޭނާ ވެސް ހުރުމެވެ. އޭގެ އެއް ސަބަަކީ ޒަމާނީ ޑިމޮކްރަސީ ގެންނަވަން އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކަށް ޖެހުނު ލޯބި ބޮޑުވުމެވެ.
އަޅުގަނޑުގެ ލިއުންތަކަށް ބައެއް ފަހަރަށް ލޫކަސްގެ ބަސް އިއްވަ އެވެ. ނަޝީދަށް ފާޑުކިޔާފައި މި ފަހުން ލިއުނު ރިޕޯޓަކަށް ފޮނުވި ކޮމެންޓްގައި ބުނީ 'ހާދަ ކަޑަ ރިޕޯޓެއް" ކަމަށެވެ.
ލޫކަސްއަކީ ގޮތުގައި ހުންނަ މީހެކެވެ. ގައުމީ މައްސަލަތައް އޭނާގެ ވިސްނުމުން ކެހިގެން ނުދާނެ އެވެ. ހިޔާނާތާ ދެކޮޅުވާނެ އެވެ. އަސާސީ ހައްގުތައް ހަނިކުރާ ނަމަ އެ އަޑު އިއްވާނެ އެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެއްލޭ ނަމަ ނުކުންނާނެ އެވެ. ސަރުކާރު ކަމުނުދާ ނަމަ އެ ވާހަކަ ދައްކާނެ އެވެ. 'ވެރިކަން ވައްޓާލާނަން' ކަހަލަ މެސެޖްތައް ތަކުރާރުކުރާނެ އެވެ.
ލޫކަސް ހައްޔަރުކުރީ ވެސް އެ އަޑު އިއްވަން ހުއްޓަ އެވެ.
ސަރުކާރުގެ ވެރިންނަށް ލޫކަސްގެ މަޒީން ފެންނާނެ މަންޒަރެއް އެބަ އޮތެވެ. ބިރުދައްކައިގެން އޭނާ މައިތިރިއެއް ނުކުރެވޭނެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 40 ދުވަހު ޖަލުގައި ބޭއްވި އެވެ. އޭގެ ފަހުން އޭނާ ސްރީ ލަންކާއަށް ދިޔައީ އެވެ. މަޑުން ހުރީކީ ނޫނެވެ. ޔާމީނާ ދެކޮޅަށް ވަރުގަދައަށް ސޯޝަލް މީޑިއާ ހިންގީ އެވެ.
އެންމެން ވެސް އެއްބަސްވާނެ އެވެ. ސަރުކާރަށް ތާއީދުކުރާ އެކްޓިވިސްޓުންނާއި އާންމުންނެވެ. ސޯޝަލް މީޑިއާގައި ލޫކަސްގެ އަޑެއް ނީވި ދިއުމަކީ އުނިކަމެކެވެ. އެ އުނިކަން އެންމެ ބޮޑަށް މިހާރު އޮންނާނީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ ނަޝީދުގެ ކެމްޕޭނަށެވެ. އެ ކެމްޕޭންގައި ސޯޝަލް މީޑިއާގެ މައި ހިންގުންތެރިޔަކީ ލޫކަސް އެވެ.
ދޭތެރެ ދޭތެރެއިން އޭނާ ވެސް ސޯޝަލް މީޑިއާގެ ޕޯސްޓްތައް މަދުކޮށްލަ އެވެ. އެހެން މަދުކޮށްލާ އިރަށް ވެސް އާންމުންގެ ޝަކުވާ އާއި ފާޑުކިއުން ކުރިމަތިވެ އެވެ. ފޭސްބުކްގައި 20 އެޕްރީލްގައި ލިއުނު ޕޯސްޓަކީ މި އެވެ:
"ދެތިން ދުވަހު ފޭސްބުކާ ދުރުވެލީމަ ބައެއް މީހުން އަހައެވެ.
މިހާރު ސަރުކާރު ރަނގަޅުވީ ހެއްޔެވެ؟
ރައީސް ނަޝީދު ވެސް ދޫކޮށްލީ ހެއްޔެވެ؟
ނޫނެކެވެ. އަހަންނަކީ ވެސް އިންސާނެކެވެ.
ކަންކަމާ ދުރުގައި، ހިމޭންކަން ބޭނުންވާ ދުވަސްތައް ވެސް އަންނާނެއެވެ.
ކޮންމެ ދުވަހަކު އެއް ވަރަކަށް ޝޯސަލް މީޑިއާގައި އުޅުމަކީ ނަފްސަށް ބުރަކަމެކެވެ.
އަދި ކުރާ ޕޯސްޓްތަކުން މުޅި ދުވަހު ރުޅި އައިސް ތިބޭ މީހުންނަށް ވެސް ބުރަކަމެކެވެ.
ހިމޭން ވަގުތަށް ފަހު ހަލަބޮލިކަން އެބަ އާދެ އެވެ.
އެކަމަކު މިއަދަކު ނޫނެވެ." 
އެ ޕޯސްޓަށް މަހެއް ވާން އުޅޭއިރު އެ ހަލަބޮލިކަން އަތުވެއްޖެ އެވެ. ސިޔާސީ އުދަރެސް ވެސް ބަދަލުވެއްޖެ އެވެ. ދޫނިދޫ ޖަލުގައި 40 ދުވަހު އޮންނަން ޖެހުނު ވެރިކަން ހިންގެވި ރައީސް ޔާމީން މިހާރު އެ ހުންނެވީ ނަޝީދާ ގުޅިވަޑައިގެންނެވެ. އެ ތާރީހީ ބައްދަލުވުން  ލައިވްކުރާނެ ފުރުސަތެއް ލޫކަސްއަކަށް ނުލިބުނެވެ. އޭނާ ހައްޔަރުކުރީ އޭގެ ކުރީ ރެ އެވެ.
ސިޔާސީ މި ބޮޑު ބަދަލާ މެދު، އޭނާ މިނިވަންވުމާ އެކު، ލިއާނެ ޕޯސްޓްތަކަށް އެތައް ބަޔަކު އިންތިޒާރުކުރާނެކަން ޔަގީނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ