ޔޫއޭއީގެ ނިއުކްލިއާ ކާރުޚާނާއަކަށް ޑްރޯން ހަމަލާއެއްދިނުމުން ތެލުގެ އަގު އުފުލިއްޖެ
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނައިރު، ޔުނައިޓެޑް އެރެބް އެމިރޭޓްސް، ޔޫއޭއީގެ ނިއުކްލިއާ ކާރިޚާނާއަކަށް އިއްޔެ ހަމަލާ ދިނުމާ ގުޅިގެން ތެލުގެ އަގު އަނެއްކާވެސް އުފުލިއްޖެއެވެ. ބައިނަލްއަގުވާމީ ބެންޗްމާކް، ބްރެންޓް ކްރޫޑްގެ އަގު 1.32 ޕަސަންޓް މަތިވެ، ތެޔޮ ފީފާއެއްގެ އަގު 110.70 އަށް ވަނީ އުފުލިފައެވެ. މިއީ މަހުގެ ފަސް ވަނަ ދުވަހަށް ފަހު ބްރެންޓުގެ އަގު އެންމެ މަތިވި ފަހަރެވެ. އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއަޓް ފީފާއެއްގެ އަގު 107.26 ޑޮލަރަށް އުފުލިފައިވާއިރު، މިއީ މި މަހުގެ ހަތަރު ވަނަ ދުވަހުގެ ފަހުން ތެލުގެ އަގު އެންމެ މައްޗަށް އުފުލުނު ފަހަރެެވެ. ޔޫއޭއީއޭގެ އިތުރުން ސައުދީ އަރަބިއްޔާއަށްވެސް ޑްރޯން ހަމަލާތަކެއް އިއްޔެ ދީފައިވާއިރު، ސުލްހައިގެ ވާހަކަތައް ކުރިއަށްނުދާ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ. އެމިރޭޓްސްގެ އޮފިޝަލުން ބުނީ ބަރަކާ ނިއުކްލިއާ ކާރުޚާނާއަށް ހަމަލާދިން މަސްދަރު ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެފަދަ "ޓެރަރިސްޓް ހަމަލާތަކަށް" ރައްދު ދިނުމުގެ ފުރިހަމަ ހައްގު ޔޫއޭއީއަށް ލިބިގެންވާ ކަމަށެވެ. އިރާގުގެ ވައިގެ ސަރަހައްދުން ސައުދީ އަރަބިއާއަށް ތިން ޑްރޯން ހަމަލާ ދީފައިވާ ކަމަށާއި އެ ގައުމުގެ އިސްތިގުލާލާއި ސަލާމަތާ ހިލާފުވާން ކުރާ ކޮންމެ މަސައްކަތަކަށް ރައްދުދިނުމަށް އަޅަންޖެހޭ އޮޕަރޭޝަނަލް ފިޔަވަޅުތައް އަޅާނެ ކަމަށް ސައުދީންވެސް ވަނީ ބުނެފައެވެ. އީރާނާ ގުޅޭ ގޮތުން އަސްކަރީ ފިޔަވަޅު އެޅުމުގެ އިޚްތިޔާރުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޓްރަމްޕް އަންގާރަ ދުވަހު އެމެރިކާގެ ގައުމީ ސަލާމަތުގެ މަތީ މުޝީރުންނާ ބައްދަލު ކުރައްވާނެ ކަމަށް ބެލެވޭ ކަމަށް އެކްސިއޯސް އިން ރިޕޯޓުކޮށްފައިވެއެވެ. އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބަސްވުމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އޭޕްރީލް މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ހަމަލާތައް ވަނީ މެދުކަނޑާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ