ޔޫއޭއީގެ ނިއުކްލިއާ ކާރުޚާނާއަކަށާއި ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް އިއްޔެ ދިން ކުއްލި ޑްރޯން ހަމަލާތަކާ ގުޅިގެން، މެދުއިރުމަތީގެ މަސްރަހު އަނެއްކާވެސް ހޫނުވެ ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެއެވެ.
ޔޫއޭއީގެ ބަރަކާ ނިއުކްލިއާ ކާރުޚާނާއަށް ދިން މި ހަމަލާއާ ގުޅިގެން އެގައުމުގެ އޮފިޝަލުން ބުނީ، ހަމަލާ ފޮނުވާލި މަސްދަރު މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި މިފަދަ "ޓެރަރިސްޓް ހަމަލާތަކަށް" ރައްދު ދިނުމުގެ ފުރިހަމަ ހައްގު ޔޫއޭއީއަށް ލިބިގެންވާ ކަމަށްވެސް އެގައުމުން ބުނެއެވެ.
މި ހަމަލާތަކާ ގުޅިގެން އެމެރިކާގެ ރައީސް ޓްރަމްޕް އަންގާރަ ދުވަހު އެގައުމުގެ ގައުމީ ސަލާމަތާ ބެހޭ މަތީ މުޝީރުންނާ ބަލަދަލުކޮށް، އީރާނާ ދެކޮޅަށް އެޅޭނެ އަސްކަރީ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާ ކުރާނެ ކަމަށް އެކްސިއޯސް ނޫހުން ރިޕޯޓުކުރެއެވެ.
މި ހަމަލާތައް އަމާޒުވެފައި މިވަނީ، އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދިޔަ ވަރުގަދަ އަސްކަރީ ހަނގުރާމަ ހުއްޓާލުމަށް ފާއިތުވި ހަފުތާތަކުގައި ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑެތި މަސައްކަތްތަކެއް ކުރަމުންދަނިކޮށެވެ.
ސަރަހައްދީ ބޮޑު ހަނގުރާމައަކަށް ބަދަލުވެފައިވާ މި މައްސަލައިގައި، ދެ ފަރާތުގެ ދެމެދުގައި ސުލްހައިގެ އެއްބަސްވުމަކަށް އައުމަށްޓަކައި ވާހަކަތައް ދެކެވި، މިދިޔަ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުން ފެށިގެން ހަމަލާތައް ބަދަލުކުރުން އޮތީ ވަގުތީގޮތުން މެދުކަނޑާލާފައެވެ. ނަމަވެސް، މެދުއިރުމަތީގެ ސަލާމަތީ ކަންކަމުގައި މުހިންމު ދައުރެއް އަދާކުރާ ޔޫއޭއީގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ދެވުނު މި ހަމަލާއަކީ، އެމެރިކާގެ ރައީސް ޓްރަމްޕްގެ ސަރުކާރާއި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ އިދާރާއިން އީރާނާއެކު ގާއިމުކުރަން އުޅުނު ސުލްހައިގެ އޮނިގަނޑު މުގުރާލައި، މަސްރަހު އަލުން ނުތަނަވަސްކަމުގެ ތެރެއަށް ވައްޓާލި ކަމެއްގެ ގޮތުގައި މާހިރުން ސިފަކުރެއެވެ.
ޔޫއޭއީއަށް ދިން ހަމަލާއާއެކު ތެލުގެ އަގު އުފުލިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ